”އަދަދު“ ނޫހުން އާންމުކުރި ”އައިޝާ“ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރުކޮށް ނުހެދުމަށާއި އެ ޑޮކިއުމެންޓްރީގައި ހުރި ކަންކަމުގެ ވާހަކަ ނުދެއްކުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
ރައީސް އޮފީހުން، ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މާދަމާ ހެނދުނު 10:00 އިން 11:00 އަށެވެ.
ގާޒީ މުޒައްމިލު ނަސީރު ނެރުއްވި އެ އަމުރުގެ ރައުޔުގައިވާ ގޮތުން، ”އަދަދު“ ގެ ސީއީއޯ ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒްފު ކުރުމުގެ ކުށުގެ ދައުވާ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ކޯޓަށް ހުށަހެޅީ، އެ ދެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު ”އައިޝާ“ ނަމުގައި ޑޮކިއުމެންޓްރީއެއް އާންމުކޮށްފައިވާތީއެވެ. ދައުވާ ފޯމާ އެކު ޕީޖީ އޮފީހުން ވަނީ ޝަރީއަތް ހިނގަމުންދާއިރު ވަކި ގޮތަކަށް އަމަލުކުރުން ހުއްޓުވުމުގެ އަމުރަކަށް ވެސް އެދިފައެވެ.
ރައުޔުގައި ގާޒީ ފާހަގަކުރައްވާފައިވާ ގޮތުގައި ގަޒްފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. އަދި ގާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ކޮންމެ މީހަކަށް ކަށަވަރުކޮށްދޭ ކަމަށާއި، 51 ވަނަ މާއްދާގެ (އ) އިން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ނުވާހާ ހިނދަކު މީހަކު ކުށެއް ކުރީ ކަމަށް ނުބެލެވޭނެ ކަމަށް ރައުޔުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ޖިންސީ މައްސަލަތަކާއި އެ ބާވަތުގެ އަހުލާގީ މައްސަލަތަކުގެ ޝަރީއަތް އާންމުކޮށް ކުރިއަށް ގެންދެވެނީ ހުޅުވާނުލައި ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
މި އަމުރުގައި ގާޒީ ދެ ކަމެއް އަންގަވާފައިވެއެވެ. ފުރަތަމަ ކަމަކީ، އެ ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުން ވެސް ނުސީދާ ގޮތުން ވެސް ނުދެއްކުމަށާއި މައްސަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ ވާހަކަ ނުދެއްކުމެވެ. ދެވަނަ ކަމަކީ، މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތު ނުފެތުރުމެވެ. އެއިން ކަމަކާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލިދާނެ ކަމެއް ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އެ އަމުރާ ގުޅިގެން، ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނުވަތަ އެނޫން ވެސް އެއްވެސް ބައްދަލުވުމެއް، ޕްރޮގްރާމެއްގައި ވިޔަސް އެ ޑޮކިއުމެންޓަރީއާ ގުޅޭ ސުވާލުތަކެއް ކުރުމަށް ހުރަސް އެޅިގެންދާނެއެވެ. އެހެންކަމުން ކުރާ ސުވާލެއްގެ ސަބަބުން، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނިންމޭނެއެވެ.
ކްރިމިނަލް ކޯޓުގެ އެ އަމުރާ ގުޅިގެން ނޫސްވެރިންނަށް ހުރަސްތަކެއް ކުރިމަތިވީ ނަމަވެސް، ނޫސްވެރިންގެ މިނިވަންކަމަށް ވަކާލާތުކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ރައީސްގެ ޕްރެސް މާދަމާ، ”އައިޝާ“އާ ގުޅޭ ސުވާލުކުރުން މަނާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ