މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓުގައި ރަން ކާމިޔާބީތަކެއް ހޯދާ ޝިފާޒް ދިވެހީން ފަހުރުވެރިކޮށްދީފި

މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓުގައި، ރަން ކާމިޔާބީތަކެއް ހޯދާ ރާއްޖޭގެ ދުރު ރާސްތާ ދުވުންތެރިޔާ ޝިފާޒް މުހައްމަދު އަނެއްކާވެސް ދިވެހީން ފަހުރުވެރިކޮށްދީފިއެވެ.
އެގޮތުން ދުބާއީ މެރެތަންގައި މިއަދު ޝިފާޒް ވަނީ 2 ގަޑި 32:56 މިނެޓުން ދުވެ، 30 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ އެއް ވަނަ ހޯދައި، ގައުމީ މެރެތަން ރެކޯޑް، ހަތަރުވަނަ ފަހަރަށް އާކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރެތަންގައި 2 ގަޑި 35:17 މިނެޓުން ދުވެގެން އޭނާ ހެދި ރެކޯޑްގެ ވަގުތައް ބަލާއިރު 2:24 މިނެޓުގެ ކުރިއެރުމެކެވެ.
ދެ މަސް ދުވަހު ކެންޔާގައި ހެދި ތަމްރީނަށް ފަހު ދުބާއީ މެރަތަންގައި ރާއްޖެ ތަމްސީލުކޮށް ޝިފާޒް މެރެތަން ރޭސް ނިންމީ ރޭހުގެ 21 ވަނައިގައެވެ.
ޝިފާޒްގެ މިއަހަރުގެ އަމާޒުތަކުގެ ތެރެއިން ފުރަތަމަ އަމާޒަށް މިއަދު ވާސިލް ވެފައިވާއިރު އަނެއް ދެ އަމާޒަކީ މި އަހަރުގެ ޖުލައި މަހު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ފުރުސަތު ލިބިއްޖެ ނަމަ ހާފް މެރެތަން އިވެންޓުން ރާއްޖެ އަށް މެޑެއްޔެއް ހޯދައިދިނުމާއި އެ އިވެންޓުން ގައުމީ ރެކޯޑް އާކުރުމެވެ.
ޝިފާޒް ވަނީ މިދިޔަ އަހަރުވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން މިދިޔަ އަހަރު އޭނާ ވަނީ ހާފް މެރެތަން ރެކޯޑް ވެސް ދެ ފަހަރު އާކޮށްފައެވެ. އަދި ހުސްވި އަހަރު އޭނާ ވަނީ މެރެތަންގެ ޤައުމީ ރެކޯޑް ދެވަނަ ފަހަރަށާއި ތިން ވަނަ ފަހަރަށްވެސް އާކޮށްފައެވެ. އެގޮތުން އެ ރެކޯޑް ދެ ވަނަ ފަހަރަށް މުގުރާލީ މިދިޔަ އަހަރުގެ ދުބާއީ މެރެތަންގަ އެވެ. ތިން ވަނަ ފަހަރަށް އާކުރީ ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރެތަންގައި އެވެ.
ރާއްޖޭގައި މިވަގުތު ހުރި އެންމެ ކާމިޔާބު ދިގު ރާސްތާ ދުވުންތެރިޔާ ޝިފާޒުގެ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރަކީ އަމިއްލަ ގޮތުން ކުރި މަސައްކަތްކަން ކަށަވަރެވެ. އަދި އޭނާ އަކީ އަކީ ކުޅިވަރުގެ ސާމާނު ވިއްކާ "ދަ މެރެތަން ޝޮޕް މޯލްޑިވްސް"ގެ ބްރޭންޑް އެމްބެސެޑަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ