ގާޒީ ނިހާންގެ މައްސަލާގައި ވެސް ގިނަ ހެކިންތަކެއް

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކުރި މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް ގއ. މާމެންދޫ، ވީނަސް، އަހުމަދު ނިހާންގެ މައްޗަށް ކުށް ސާބިތު ކުރަން ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅައިފި އެވެ.
މި މައްސަލާގައި ނިހާންގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްފައިވެ އެވެ. އެއީ، އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށިގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އާއި ޓެރަރިޒަމް އަމަލެއް ހިންގުމުގައި ބައިވެރި އެފަދަ އަމަލެއް ހިންގުމުގެ ދައުވާ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި، ހެކި ހުށަހަޅަން ފުރުސަތު ދިނުމުން ދައުލަތުން ވަނީ ހަތަރު ދައުވާ ސާބިތުކުރުމަށް ވަކިވަކިން ހެކި ހުށަހަޅާފަ އެވެ. އެގޮތުން ޓެރަރިޒަމް ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ނިހާން ދީފައިވާ ތަހުގީގީ ބަޔާނާއި ތިން ފުލުހެއްގެ ނަމާއި ހަތަރު ސިއްރު ހެއްކެކެވެ.
މީގެއިތުރުން ފުލުހުންގެ ފްރެންސިކް ރިޕޯޓަކާއި އެ ރިޕޯޓް ތައްޔާރުކުރި ސާޖެންޓް އިސްމާއިލް ޝަރީފާއި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު މުސްލިމާއި ޗީފް ސްޕްރިޑިންސް އޮފް ޕޮލިސް ހަމްދޫން ރަޝީދާއި ނިހާންގެ ފޯން ކޯލް ޑީޓެއިލްސް ވެސް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އަދި ހއ. ދިއްދޫ ނަރުގިސްވިލާ މުހައްމަދު ވަހީދުގެ ނަން ވެސް ވަނީ ހުށަހަޅާފަ އެވެ.
ވަކި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ، ތަހުގީގީ ބަޔާނާއި ދެ ފުލުހެއްގެ ނަމާއި މުހައްމަދު ވަހީދުގެ ނަމާއި ސިއްރު ދެ ހެއްކެއް އަދި ފޮރެންސިކް ރިޕޯޓާއި އެ ރިޕޯޓް ތައްޔާރުކުރި ސާޖެންޓް އިސްމާއިލް ޝަރީފްގެ ނަން ހުށަހަޅާފަ އެވެ. މީގެއިތުރުން ނިހާން މުއްދަތު މަޖިލީހުގައި ދިން ބަޔާނާއި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު މުސްލިމާއި ޗީފް ސްޕްރިޑިންސް އޮފް ޕޮލިސް ހަމްދޫން ރަޝީދާއި ނިހާންގެ ފޯން ކޯލް ޑީޓެއިލްސް ވެސް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.
ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށިގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ނިހާންގެ ތަހުގީގީ ބަޔާނާއި ދެ ފުލުހަކާއި މުހައްމަދު ވަހީދާއި ސިއްރު ދެ ހެއްކަކާއި މުއްދަތު މަޖިލީހުގައި ނިހާން ދިން ބަޔާނާއި ފޮރެންސިކް ރިޕޯޓާއި އެ ރިޕޯޓް ތައްޔާރުކުރި ސާޖެންޓް އިސްމާއިލް ޝަރީފާއި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު މުސްލިމާއި ޗީފް ސްޕްރިޑިންސް އޮފް ޕޮލިސް ހަމްދޫން ރަޝީދާއި ނިހާންގެ ފޯން ކޯލް ޑީޓެއިލްސް އަދި ޕޮލިސް ސްޓާފް ސާޖެންޓް ނިޔާޒް މުހައްމަދު ހިމެނެ އެވެ.
ހަތަރު ދައުވާއިން ދިފާއުވުމަށް ވެސް ނިހާންގެ ފަރާތުން ހުށަހަޅާފައިވަނީ އެއް ހެކިތަކެކެވެ. އެއީ، އެމްއެންޑީއެފްގެ ތިން ސްޓާފް ސާޖެންޓަކާއި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު މުސްލިމާއި ޗީފް ސްޕްރިޑިންސް އޮފް ޕޮލިސް ހަމްދޫން ރަޝީދު އަދި އިތުރު ދެ ފުލުހެކެވެ. އޭގެއިތުރަށް ނިހާން މުއްދަތު މަޖިލީހުގައި ދިން ބަޔާނާއި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓާއި އެ ރިޕޯޓް ތައްޔާރުކުރި ސާޖެންޓް އިސްމާއިލް ޝަރީފް ވެސް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.
ދެން މި މައްސަލާގައި އަޑުއެހުމެއް އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ. އެ ދުވަހު ދައުލަތުން ހުށަހެޅި ހެކީންގެ ހެކި ބަސް ނެގުން އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ