ރައީސްގެ ޔަގީންކަން: ފެންނާނީ ވައުދުވިގޮތަށް ކަންކަން ނިމޭތަން
ދެެން ފެންނާނީ މި ސަރުކާރުން ވައުދުވި ގޮތަށް ކަންތައްތައް ނިމޭތަން ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ށ. ފޭދޫ ރައްޔިތުންނަށް ޔަގީންކަން ދެއްވައިފިއެވެ. ރައީސް މިގޮތަށް ވިދާޅުވީ ށ. އަތޮޅަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެރެއިން ށ. ފޭދޫގެ ރައްޔިތުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ފަށާ މަޝްރޫއުތައް ކުރިއަށްގެންދާނީ އެންމެ މުހިންމު ކަންތަކަށް އިސްކަންދޭ ތަރުތީބުން ކަމަށެވެ. މިފަދަ މަޝްރޫއުތަކުގެ ތެރޭގައި ސްކޫލުތަކުގެ މަލްޓި ޕާޕަޒް ހޯލް ތަރައްގީކުރުން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، 150 ކައުންސިލު އިމާރާތް އެޅުން ވެސް ފާހަގަކުރެއްވިއެވެ. އެ ގޮތުން، ޗައިނާގެ ހަރަދުގައި އަޅާ 50 ކައުންސިލުތަކުގެ މަސައްކަތް އަމަލީގޮތުން ނުފެށި އޮތް ނަމަވެސް އެކަންކަން ކުރިއަށްދާކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި ވަރަށް އަވަހަށް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް އަމަލީގޮތުން ފެންނާނެއެވެ. އަދި، ކުރިއަށް އޮތް ތަނުގައި ވެސް ވަރަށް ބައިވަރު މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "އެ މަޝްރޫއު (ކައުންސިލު އިމާރާތްކުރުން) އެބަ ހިނގާ. އަދި އަމަލީގޮތުން ބިންމަތީގައި ފެންނަން ނެތަސް އޭގެ ކުރިން ކުރަންޖެހޭ ކަންކަން އެއްވެސް އިޝޫއެއް ނެތި ބަރާބަރަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އެބަދޭ. ދެން ވަރަށް އަވަހަށް އަޅުގަނޑު އުންމީދުކުރަނީ ފިޒިކަލީ ރަށްރަށުގައި މަޝްރޫއުތައް ފެށިގެންދިއުން. ކުރިއަށް އޮތްތަނުގައި ވެސް ވަރަށް ބައިވަރު މަޝްރޫއުތައް އަޅުގަނޑުމެން ކުރިއަށްގެންދާނަން،" ފުނަދޫ ރައްޔިތުންނާއި މުޚާތަބުކުރައްވަމުން ރައީސް ވިދާޅުވެފައިވެއެވެ. "ކުރިއަށް އޮތް ދުވަސްތަކުގައި ފެނިވަޑައިގަންނަވާނީ އަޅުގަނޑު ވައުދުވެފައި ރިޔާސީ އިންތިޚާބު ތެރޭގައި އޮތް ގޮތަށް މި ރަށުގެ ސިއްހީ ޚިދުމަތް އަޕްގްރޭޑްވެގެން ތަރައްގީވެގެން ދާތަން،" ރައީސް މުއިއްޒު ށ. އަތޮޅުގައި: އެ މަނިކުފާނު ވިދާޅުވީ ދެން ފެންނާނީ މަޝްރޫއުތައް ނިމޭތަން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް ރައީސް ވަނީ އެ މަނިކުފާނު ރަށްރަށުގެ ކައުންސިލާ ބައްދަލުކޮށް އެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން އަޑުއައްސަވާކަން ފާހަގަކުރައްވާފައެވެ. އެެއާއެކު، ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރެއްވުމަށް އެ މަނިކުފާނު ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް ރައީސް ވަނީ ވާހަކަފުޅު ތަކުރާރުކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، މިހާތަނަށް ވަރަށް ބައިވަރު ކައުންސިލުތަކާއި އެ މަނިކުފާނު ވާހަކަދައްކަވާފައިވާ ކަމަށާއި ކައުންސިލުތަކުން ދިން ތަފުސީލުތަކަށް އަމަލުކުރައްވާނީ ރައްޔިތުންގެ އިހުސާސްތަކަށް ވިސްނަވާފައި ކަމަށެވެ. ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ގެންދަވަނީ ބައެއް މަޝްރޫއުތައް އިފުތިތާހުކުރައްވަމުންނެވެ. އަދި، ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވަމުންނެވެ. އެ މަނިކުފާނު މީގެ ކުރިން ވަނީ މި އަހަރާއި އަންނަ އަހަރަކީ މަޝްރޫއުތައް ނިންމާނެ ދެ އަހަރު ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ