މަސްވެރިންގެ އިހުތިޖާޖު: 4 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފި

ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.ފުލުހުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން ދޯނި ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށާއި އަދި އިހުތިޖާޖާއި ގުޅިގެން 4 ބިދޭސީއަކު އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށެވެ.އިހުތިޖާޖުގެ ތެރެއިން ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ހައްޔަރުކޮށްފަ އެވެ. އެއީ ބޮޑުކަންނެލި ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް އަދި އެ ޖަމިއްޔާގެ ފައުންޑާއެވެ. ކޯޓުން އިއްޔެ ވަނީ މައުރޫފުގެ ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ.މައުރޫފް ހައްޔަރުކުރުން ކުށްވެެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައިވާއިރު، މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖު ބާރުގެ ބޭނުންކޮށްގެން ފުލުހުން ހުއްޓުވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.މައުރޫފް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ވެސް ހިލާފަށް ކަމަށާއި މަސްވެރިންގެ އިހުތިޖާޖު ރޫޅާލައި ބައެއް މީހުން ހައްޔަރުކޮށް، އެ އިހުތިޖާޖުގައި މަސްވެރިން ބޭނުންކުރި ބައެއް ދޯނިތައް ފުލުހުންގެ ބާރުގެ ދަށަށް ގެންދިޔައީ ސަރުކާރުގެ "ދޯހަޅި ސިޔާސަތުތަކަށް" ފާޑުކިޔާ މީހުންގެ އަޑު ކަނޑުވާލަން ކަމަށް އެމްޑީޕީން ތުހުމަތުކުރި އެވެ. ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު އިިންތިޒާމުކުރި ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާ އިން ބުނީ، ފުލުހުން ބައެއް ދޯނިތަކަށް އަރައި އިހުތިޖާޖު ރޫޅާލީ ސުލްހަވެރިކޮށް މަސްވެރިން ތިއްބާ ކަމަށެވެ. އަދި އެއީ ސުލްހަވެރި އިހުތިޖާޖެއް ކަމަށް ވެސް ބުންޏެވެ.ނަމަވެސް ފުލުހުން ބުނީ، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް އިހުތިޖާޖުގެ ބައިވެރިން ހުރަސްއެޅި ކަމަށާއި ފުލުހުންގެ ނަސޭހަތަށް ވެސް އިޖާބަ ނުދިން ކަމަށެވެ. އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ