ޓާފް ދަނޑުގައި ކުޅޭ މެޗުތަކުގައި ނޭމާ ނުކުޅޭނެ ޓާފް ދަނޑުގައި ކުޅޭ މެޗުތަކުގައި ނޭމާ ނުކުޅޭނެ

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ސެޕްޓެމްބަރު 18) - ބްރެޒިލްގެ ސަންޓޯސް އަށް ކުޅެމުން އަންނަ ތަރި، ނޭމާ، އެ ކްލަބުން ޓާފް ދަނޑުތަކުގައި ކުޅޭ މެޗުތަކުގައި ނުކުޅޭނެކަން އެ ކްލަބަށް އަންގައިފި އެވެ.
އަލް ހިލާލް ދޫކޮށް، ނޭމާ، 33، މިދިޔަ ޖެނުއަރީ މަހު، ކުރީގެ ކްލަބް، ސަންޓޯސް އަށް ސޮއިކުރީ، ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުން ހަމަވުމުން، ނޭމާ، އަލުން ޔޫރަޕްގެ ޓީމަކަށް ބަދަލުވާނެ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު، ނޭމާ މި ވަނީ، މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަަލަަށް ސަންޓޯސްއާ އެކު ކޮންޓްރެކްޓް އާ ކޮށްފަ އެވެ.
މި އަހަރުގެ ކުރީކޮޅުގައި ވެސް ނޭމާ ވަނީ، ބްރެޒިލްގައި ރަސްމީ ފުޓްބޯޅަ މެޗުތައް ކުޅެން އާޓިފިޝަލް ޓާފް ދަނޑުތަކެއް އަޅާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި، ނޭމާ އަށް ތާއީދުކޮށް ބްރެޒިލްގެ ކުޅުންތެރިންނާއި އެ ގައުމުގައި ކުޅޭ އެހެން ގައުމުތަކުގެ ކުޅުންތެރިން ވެސް ވާހަކަ ދެއްކި އެވެ. އޭގެ ތެރޭގައި، ތިއާގޯ ސިލްވާ އާއި މެމްފިސް ޑިޕާއި ހިމެނެ އެވެ.
ދާދި ފަހުން، ނޭމާ ވަނީ ސަންޓޯސް އިން ކުޅުނު ދެ މެޗެއްގައި ނުކުޅެން ނިންމައިފަ އެވެ. އެ މެޗުތައް ކުޅެފައިވަނީ، އާޓިފިޝަލް ޓާފްގަ އެވެ. ބްރެޒިލް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ނޭމާ އެ މެޗުތަކުގައި ނުކުޅުނީ، އެ ކްލަބްގެ މެޑިކަލް ޓީމާ މަޝްވަރާ ކުރުމަށް ފަހު، އޭނާގެ ކަކުލާއި ކުޑަހުޅަށް ލިބިފައިވާ އަނިޔާތަކުގެ ހާލަތު ޓާފް ދަނޑުގައި ކުޅޭތީ ގޯސްވާތީ އެވެ. އަދި، ކުރިއަށް އޮތްތަނުގައި ވެސް ޓާފް ދަނޑުގައި ކުޅޭ މެޗުތަކުގައި ނޭމާ ފެނުމުގެ ފުރުސަތު ކުޑަ އެވެ.
މި އަހަރުގެ މިހާތަނަށް ސަންޓޯސްގެ 22 މެޗުގައި ކުޅެފައިވާ ނޭމާ ވަނީ އެ ޓީމަށް ހަ ގޯލު ޖަހައިދިނުމުގެ އިތުރުން ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ