އެންމެ ފުރަތަމަ ނަގަންވީ ރައްޔިތުން މި ވެރިކަން ބޭނުންތޯ ނުވަތަ ނޫންތޯ، ފެންނަ ނުފެންނަ ވޯޓެއް: ފައްޔާޒް

ރައީސް، ތަސްދީގުކުރެއްވި ފެންނަ ނުފެންނަ ވޯޓުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ނަގަންވީ ރައްޔިތުން މި ވެރިކަން ބޭނުންތޯ ނުވަތަ ނޫންތޯ ފެންނަ ނުފެންނަ ވޯޓެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވީ ހިޔާލު ހޯދުމުގެ އިތުރު ވޯޓަކަށް ދާންވާނީ ރައްޔިތުން މި ވެރިކަން ދެމެހެއްޓުމާ މެދު ދެކޭގޮތް ބެލުމަށްކަމަށެވެ.
މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވި ކޮންމެ ވާހަކައެއް ކޮންމެ ވައުދެއް ބޮލާ ޖަހައި އެއާ މުޅިން ހިލާފަށް އަމަލުކުރައްވާފައިވާކަމަށެވެ. އަދި ރައީސް މިވަގުތު ކުރައްވަނީ ހުދުމުހުތާރު ވެރިކަމެއް ހޯދަން ހުވަފެންދެކޭ ކޮންމެ ވެރިއަކު ކުރާ ކަންކަން ކަމުގައި ފައްޔާޒް ވަނީ ސިފަކުރައްވާފައެވެ.
މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހަލާކުވެފައިވާކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ ގްރީން ޓެކުހާއި އެއާޕޯޓުން ފުރުމުގެ ކުރިން ނަގާ ފީ އާއި ޓީޖީއެސްޓީ ބޮޑުކުރުމާ، ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ގެނައި ބަދަލާއެކީ މުޅި ރިސޯޓު ވިޔަފާރިއަށް އަސަރުކޮށްފައިވާކަމަށެެވެ. އަދި އާންމު ވިޔަފާރިތައް ބަނގުރޫޓުވުމުގެ ނަތީޖާއެއްގެ ގޮތުން ބައެއް ކޮންސްޓްރަކްޝަން ކުންފުނިތައް ހުއްޓިފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ރައްޔިތުން ގޮތް ހުސްވުމަށް މަގުފަހިކުރުންކަމަށެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ އަލުން އެމްޑީޕީން ރާއްޖޭގެ ވެރިކަމާ ހަވާލުވާނެ ކަމަށާއި، އެ ޕާޓީން ވެރިކަމާ ހަވާލުވުމަށް ފަހު، މި ސަރުކާރުން ޤާނޫނުތަކަށް ގެނައި ބަދަލުތައް އަނބުރާ ގެންދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ