މަޖިލިސް ހޫނުވެ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފްގެ ނަން އިއްވައި ބޭރުކޮށްފި މަޖިލިސް ހޫނުވެ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފްގެ ނަން އިއްވައި ބޭރުކޮށްފި

އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދުއާ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ރުޅި އިސްކުރައްވައި ޖަވާބުދެއްވުމުން މަޖިލީހުގެ ތަޅުން ހޫނުވެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރުގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި އެވެ.
ޝަހީމްއާ ސުވާލު ކުރީ މިދިޔަ ސަރުކާރުން ބަޔަކާ ހަވާލު ކޮށްގެން ހިތަދޫގައި އަޅަން ފެށި އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދަނީ އެ މަސައްކަތް ކުރަމުންދާ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ ކަމަށް އެނގިފައިވާ ކަމަށާއި އެއީ ހަގީގަތެއްތޯ އެވެ. އެ ސުވާލު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ނާޒިލް އެވެ.
އެ ސުވާލަށް ރުންކުރުކޮށް ޝަހީމް ޖަވާބުދެއްވުމުން މަޖިލީހުގެ ތަޅުން ހޫނުވެ، އަޑުގަދަކުރަން ފެށުމުން ރިޔާސަތުން ވަނީ މަޖިލީހުގެ ބައެއް މެންބަރުންނަށް ނަސޭހަތްތެރިވެފަ އެވެ. އެގޮތުން ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ސުޖާއު އާއި ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރުގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއަށް ރިޔާސަތުން ނަސޭހަތްތެރިވި އެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން މިއަދު ގެންދެވި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ އެއަށްފަހު މައުރޫފްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފަ އެވެ.
ނާޒިލްގެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ އެ މަސައްކަތް ކުރާ ކުންފުންޏަށް ފައިސާ ނުދޭ ކަމަށް ބުނާ ވާހަކައަކީ މުޅީން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
"ހުރިހާ ފައިސާއެއް އަޅުގަނޑުމެން ދެއްކީ، އަޅުގަނޑުމެން މިނިސްޓްރީއާ ހަވާލުވިއިރު ވެސް 50 މިލިއަން ރުފިޔާ ނުދައްކައި އޮތް، އިއްޒަތްތެރި މެންބަރު، އަޑު އައްސަވާ ޖަވާބު ސުވާލު ކުރައްވާފައި، ސުވާލުގެ ޖަވާބު އަޑުއެހުމުގެ ގާބިލުކަން ހުންނަންޖެހޭނެ އިއްޒަތްތެރި މެންބަރު، 50 މިލިއަން ރުފިޔާއިން އިސްލާމިކް މިނިސްޓްރީ ދަރުވާފައި ދިޔައީ، ލަދުގަންނަން ޖެހޭނެ ސުވާލުކުރަން،" ރުޅި އިސްކުރައްވައި އަޑުހަރުކޮށް ޝަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ