މެންޗެސްޓާ (ޑިސެމްބަރު 20) - މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނަށް ހުރި ގޮންޖެހުންތަކާއި މައްސަަލަތަކަށް ހައްލެއް އޮތީ މީޑިއާގައި އެ ވާހަަކަ ދައްކައިގެން ނޫން ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.
ޔުނައިޓެޑްގެ އިނގިރޭސި މިޑްފީލްޑަރު، ކޯބީ މައިނޫގެ އާއިލާ އިން ވަނީ ޔުނައިޓެޑްގައި މައިނޫ އަށް ކުޅުމުގެ ފުރުސަތު ނުދޭތީވެ، "ފްރީ ކޯބީ މައިނޫ" ޖަހާފައި ވާ ޓީޝާޓެއް ލައިގެން ޝުއޫރުފާޅުކޮށްފަ އެވެ. އަދި، ޔުނައިޓެޑްގެ ޒުވާން ކުޅުންތެރިންނަށް ލޯނަކަށް ގޮސް އެކަށީގެންވާ މިންވަރަށް ނުކުޅެވޭ ކަމަށް ދޭހަވާ މޭރުމުން އަމޮރިމް ދެއްކި ވާހަކަ އަށް ރައްދުދިނުމުގެ ގޮތުން، ސޯޝަލް މީޑިއާގައި ޔުނައިޓެޑްގެ ޗީޑޯ އޯބީ އާއި ހެެރީ އަމާސް ވަނީ ސޯޝަލް މީޑިއާގައި ޝުއޫރުފާޅުުކުރަން ފޮޓޯތަކެއް ޕޯސްޓްކޮށް ފަހުން އެ ޑިލީޓްކޮށްލައިފަ އެވެ.
ޓީވީ އާއި ސޯޝަލް މީޑިއާގެ ޝޯތަކުގައި ވާހަކަދައްކަމުން ޔުނައިޓެޑްގެ ކުރީގެ ތަރިން ކަމަށްވާ ނިކީ ބަޓް، ޕޯލް ސްކޯލްސް އަދި ރިއޯ ފާޑިނަންޑް ވަނީ، މައިނޫ އަށް ރަނގަޅު ގޮތަކީ ޔުނައިޓެޑް ދޫކޮށްލުން ކަމަށް ބުނެފަ އެވެ. އެކަމަކު، ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން، ރޯއީ ކީން ބުނެފައިވަނީ، މައިނޫ، އެ ޓީމުގައި މަޑުކޮށް ޖާގަ ހޯދަން ވާދަކުރުމަކީ މާ ރަނގަޅު ގޮތެއް ކަމަށެވެ.
މައިނޫގެ ބޭބެ، "ފްރީ ކޯބީ މައިނޫ" ޖަހާފައިވާ ޓީޝާޓެއް ލައިގެން.
މި ހުރިހާ ކަމަކާ ގުޅޭގޮތުން، އަމޮރިމްއާ މީޑިއާ އިން ސުވާލުކުރުމުން އޭނާ ބުނެފައިވަނީ، އުނދަގޫ ހާލަތްތަކަކީ ބައެއް ފަހަރު ކަންކަން ރަނގަޅުކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.
"މިހާރު ފެންނަނީ ކުޅުންތެރިން ގޮސް ޓީމާ ދެކޮޅަށް އަމިއްލަ އަށް އިސްވެގެން ވާހަކަ ދައްކާތަން. ދެން، މި ތިބީ ކްލަބްގެ ލެޖެންޑުން، އެ މީޙުން މި ބުނަނީ ކުޅެން ފުރުސަތު ނުލިބޭނަމަ ކްލަބް ދޫކޮށްދާން. އެކަމަކު، އަހަންނަށް މި މަންޒަރު ފެންނަނީ އެހެން ގޮތަކަށް، އެ ކުޅުންތެރިންވީ ޓީމުގައި މަޑުކޮށް ޖާގަ އަށް ފައިޓްކުރަން،" އަމޮރިމް ބުންޏެވެ.
"އަހަރެންގެ އޮފީހުގެ ދޮރު ހުރީ މަޝްވަރާކުރަން އަންނަ ކޮންމެ ކުޅުންތެރިއަކަށް ހުޅުވިފައި. އެއީ ކަންކަން ހައްލުކުރަން ވީ ގޮތަކީ، އެކަމަކު، އެއްވެސް މީހަކު އަންނަން ބޭނުމެއް ނުވޭ،"
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި އަމޮރިމް ބުނީ، ބައެއް ފަހަރު ކުޅުންތެރިންނަށް ޔުނައިޓެޑަށް ކުޅުމަކީ ކިހާ ވަރެއްގެ ކަމެއްކަން ނުވިސްނޭ ކަމަށެވެ. އަދި، ހާލަތަށް ބަލައި ވާހަކަ ދައްކާނަމަ ދަނޑުމަތީގައި އޭނާ ފެއިލްވަމުން އަންނަ ކަމަށް ބުނާނެ ފުރަތަމަ މީހަކީ ވެސް އޭނާ ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ.
"އެކަމަކު، ދަނޑުން ބޭރުގައި އަހަރެން ފެއިލްއެއް ނޫން. އަހަންނަށް ހުރިހާ ކަމެއް ސާފުކޮށް އެނގޭ. ޒުވާން ކުޅުންތެރިން ވެސް. އެ މީހުން ހަަމަޖެހިލައިފައި ކޯޗަށް ޖަވާބުދާރީ އެ ވަނީ ފޮޓޯއަކުން،" އަމޮރިމް ބުންޏެވެ.
އަމޮރިމް ބުނީ، ޓީޝާޓެއްގައި މެސެޖެއް ޖަަހައިގެން ޝުއޫރުފާޅުކުރީ މައިނޫ އެއް ނޫން ކަމަށާއި މައިނޫ އަކީ އެ މެޗެއްގައި ކުޅެން އެންމެ ރަނގަޅު ކުޅުންތެރިޔާ ކަމަށް ކޯޗިން ޓީމަށް ގަބޫލުކުރެވޭނަމަ އެ މެޗެއްގައި މައިނޫ ކުޅޭނެ ކަމަށެވެ.
ޔުނައިޓެޑްގައި މަޑުކުރަން ބޭނުންވާ ސަބަބުތައް ބަޔާންކޮށް އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ދިން އިންޓަވިއުއަކީ މިސާލެއް ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ.
އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ޔުނައިޓެޑްގެ އަމަދު ޑިއާލޯ، ބްރަޔަން އެމްބެއުމޯ އަދި ނުޒައިރު މަސްރައޮއީ ގޮސްފައިވާއިރު، އެ ޓީމަށް ވަނީ އަނިޔާ އާއި ސަސްޕެންޝަނުގެ މައްސަލަތަކެއް ދިމާވެފަ އެވެ. އެ ގޮތުން، މި ހަފްތާގައި ރަށުންބޭރުގައި އެސްޓަން ވިލާއާ ކުޅޭއިރު، ޔުނައިޓެޑްގެ ކަސެމީރޯ ހުރީ ސަސްޕެންޝަނުގަ އެވެ. އަދި، އަނިޔާގެ ސަބަބުން، ހެރީ މެގުއާ އާއި މަތައިސް ޑި ލިޓަށް މި މެޗު ގެއްލޭނެ އެވެ.
އަމޮރިމް ބުނީ ޔުނައިޓެޑްގެ މައްސަލަތަކުގެ ހައްލު އޮތީ މީޑިއާގައެއް ނޫން އަމޮރިމް ބުނީ ޔުނައިޓެޑްގެ މައްސަލަތަކުގެ ހައްލު އޮތީ މީޑިއާގައެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ