އިހްސާން ރައީސަށް ދެންނެވީ ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް މިހާރު ނެތް ކަމަށް!

ގޭންގް ކުށްތައް މަނާކުރުމުގެ ޤާނޫނުގެ ދަށުން، އެ ޤާނޫނުގައި ބަޔާންކުރާ ގޭންގެއްގެ ޝަރުތު ހަމަވާ އެންމެ ގޭންގްއެއްވެސް މިހާރު ރާއްޖޭގައި ނެތްކަމަށް ހޯމް މިނިސްޓަރު މައުލޫމާތުދެއްވިކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި "ރައްޔިތުންނާއިއެކު ކުރިޔަށް - ހަފުތާ 104" ނަމުގައި ސޯޝަލް ސެންޓަރުގައި ކުރިޔަށްދާ ޖަލްސާގައިއެވެ.
އެގޮތުން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ކުށްކުރާ ގޭންގުތައް ހުއްޓުވުމަށް ސަރުކާރުން މިދިޔަ އަހަރު ފާސްކުރި ގޭންގް ކުށްތައް މަނާކުރުމުގެ ޤާނޫނުގެ ދަށުން ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް މިހާރު ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން އެމަނިކުފާނުގެ އަރިހުގައި ދަންނަވާފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރީން ގޭންގުތަކުގައި އުޅުނު ޒުވާނުން މިހާރު އުޅެނީ ވިޔަފާރީގައި އަދި އަބުރުވެރި ދިރިއުޅުމެއްގައި ކަމަށެވެ.
މިހާރު ގޭންގުތަކުގެ ގޮތުގައި ކިޔޭނެ ގުރޫޕުތައް ވަރަށް މަދުވުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގޭންގުތަކަށް ހުރަސްތައް އަޅައި ބޮޑެތި އަދަބު ދޭން ކަނޑައެޅީ، ޒުވާނުން ސަލާމަތް ކުރުމަށް ކަމަށެވެ.
ކުރިން އަމަލުކުރި ގޭންގް ކުށްތަކާ ބެހޭ ގާނޫނުގައި ހުރި ގާނޫނީ ހުރަސްތަކާ ހެދި އެ ގާނޫނު އުވާލުމަށްފަހު އަމަލުކުރަން ފެށި އާ ގާނޫނުގައި، ގޭންގްތަކާއި ގޭންގްތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތަކަށް ބޮޑެތި އަދަބު ދީ އަދި ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހިމަނާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ