ޑޮލަރު މާރުކުރަން ޖެހޭތީ ދަތިތައް ދިމާވެ ޓީއެމްއޭގެ މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން ނިންމައިފި ޑޮލަރު މާރުކުރަން ޖެހޭތީ ދަތިތައް ދިމާވެ ޓީއެމްއޭގެ މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން ނިންމައިފި

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ލިބޭ އާމްދަނީގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ސަރުކާރުން މަޖުބޫރުކުރުމާ ގުޅިގެން ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ބޮޑުވެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންނަށް ޑޮލަރުން ދެމުން އައި މުސާރަ ރުފިޔާއިން ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.
އެ ކުންފުނީގެ މުވައްޒަފުންނަށް އަންގާފައިވާ ގޮތުން މި ހިނގާ ޖޫން މަހުން ފެށިގެން މުސާރަ ޖަމާކުރާނީ ބޭންކް ރޭޓުގައި ކުރިން ޑޮލަރުން ދެމުން އައި މުސާރައަށް ޖެހޭ ވަރުގެ ރުފިޔާ އެވެ. އެކަން އެ ކުންފުނީގެ ބައެއް މުވައްޒަފުން ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ.
މިކަމާ ގުޅޭގޮތުން ޓީއެމްއޭ އިން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
މިއާއެކު ޓީއެމްއޭގެ މުވައްޒަފުންނަށް އާމްދަނީ ދަށްވާނެ އެވެ. ރާއްޖޭގައި ޑޮލަރުން މުސާރަ ލިބޭ ގިނަ މީހުން އެ ޑޮލަރު މާރުކުރަނީ ކަޅު ބާޒާރަށެވެ. ކަޅު ބާޒާރުގައި މިހާރު ހުރި ރޭޓުތަކަށް ބަލާއިރު ރުފިޔާއިން މުސާރަ ދޭން ފެށުމުން ކޮންމެ 100 ޑޮލަރަކުން ޓީއެމްއޭގެ މުވައްޒަފުންނަށް 400 އެއްހާ ރުފިޔާ ގެއްލޭނެ އެވެ.
ޓީއެމްއޭގައި މިވަގުތު 1،000 އަށްވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ. އޭގެތެރޭގައި ޕައިލެޓުންނާއި ކެބިން ކްރޫއިން އަދި ގްރައުންޑް އަދި ޓެކްނިކަލް ސްޓާފުންނާއި އިދާރީ މުވައްޒަފުން ހިމެނެ އެވެ. ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިންގާ ޓީއެމްއޭގައި ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުން ވެސް ތިބެ އެވެ.
ޑޮލަރު މާރުކުރަން މަޖުބޫރުކުރުވުމާއެކު ބައެއް ރިސޯޓުތަކުން ޑޮލަރުން ދެމުން އައި މުސާރަ ރުފިޔާއަށް ބަދަލުކޮށްފަ އެވެ. މުސާރައިގެ އިތުރުން ބައެއް ރިސޯޓުތަކުން ދަނީ ސާވިސް ޗާޖު ވެސް ޑޮލަރުން ދިނުމާމެދު މަޝްވަރާ ކުރަމުންނެވެ.
ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ ތާށިކަން އިތުރުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 19.50ރ. ގަ އެވެ. މި އަގަށް ވެސް ރާއްޖެއިން ބޭރުން މުދާ ގަންނަން ބޭނުންވާ ޑޮލަރު ނުލިބިގެން ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޑޮލަރުގެ އަގު އުފުލި، ބޭންކުތަކުން ޑޮލަރު ސަޕޯޓަށް ދޭ ޕަސެންޓު ދައްކޮށްފައި މި ވަނީ ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. ކުރިން އެމްއެމްއޭއަށް މާރުކުރަން ޖެހެނީ ކޮންމެ ހަފުތާއަކު މާރުކުރާ ފައިސާގެ 60 ޕަސެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ