ޖަޒުބާތުގައި ޖެހުނީ ކަމަށް ބުނެ ސަބަލެންކާ މާފަށް އެދެފި ޖަޒުބާތުގައި ޖެހުނީ ކަމަށް ބުނެ ސަބަލެންކާ މާފަށް އެދެފި

ބާލިން (ޖޫން 18) - ދާދި ފަހުން ފްރެންޗް އޯޕަން ފައިނަލުގައި ކޮކޯ ގޯފް އަތުން ބަލިވި މެޗަށް ފަހު، ބެލަރޫސްގެ ޓެނިސް ތަރި، އަރީނާ ސަބަލެންކާ އަށް ދެއްކުނު ވާހަކަ ތަކާ މެދު މާފަށް އެދިއްޖެ އެވެ.
ފްރެންޗް އޯޕަން ފައިނަލުގައި ގޯފް ވަނީ، ސަބަލެންކާ ހެދި ގޯސްތަކުގެ ފައިދާ ރަނގަޅަށް ނަގައިފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 6-7 (5-7) 6-2 6-4 އިންނެވެ. އެ މެޗުގައި، ސަބަލެންކާ އަތުން، 70 އަންފޯސްޑް އެރާސް ހެދުނުއިރު، މިއީ ގްރޭންޑް ސްލޭމް މެޗެއްގައި އޭނާ އަތުން މި ފަދަ ކަމެއް ފެނިގެންދިޔަ ފުރަތަމަ ފަހަރެެވެ.
މި އަހަރު ދެ ގްރޭންޑް ސްލޭމް ފައިނަލުން ބަލިވި ސަބަލެންކާ، އެ މެޗަށް ފަހު ބުނެފައިވަނީ، އެ މެޗުން ގޯފް މޮޅުވީ މާ މޮޅަށް ކުޅެގެން ނޫން ކަމަށެވެ. އަދި، ސަބަލެންކާ ބުނީ، މިއީ، އޭނާ އަށް ގިނަ ގޯސްތަކެއް ހެދުނު ކެރިއަރުގައި ކުޅެވުނު އެންމެ ގޯސް ފައިނަލް ކަމަށެވެ.
އެ މެޗަށް 10 ދުވަސް ވީ ފަހުން، "ޔޫރޯ ސްޕޯޓް ޖާމަނީ" އަށް ދިން އިންޓަވިއުއެއްގައި، ބުނެފައިވަނީ، ފައިނަލް މެޗަށް ފަހު ދިޔައީ ވަރަށް ޖަޒުބާތީ ވަގުތުތަކެއް ކަމަށެވެ. އަދި އެ ވަގުތު އެ ދެއްކުނު ވާހަކަތަކާ މެދު ހިތާމަކުރާ ކަމަށާއި މާޔޫސްވެ، މާފަށް އެދޭ ކަމަށް ސަބަލެންކާ ވަނީ ބުނެފަ އެވެ.
"އަހަންނަކީ ވެސް އިންސާނެއް، ދިރިއުޅުމުގެ ކަންކަން ދަސްކުރަމުން މި ދަނީ، ދެން، އެ ކަހަލަ އަތުން ކޮންޓްރޯލް ގެއްލޭ ދުވަސްތައް ވެސް ދާނެ. އަހަރެން ކޮކޯ (ގޯފް) އަށް މެސެޖް ފޮނުވިން، ހަމަ އެ މެޗަށް ފަހު އެއް ނޫން، ވަރަށް ފަހުން، އަހަރެން މާފަށް އެދެން،" ގްރޭންޑް ސްލޭމް ތިން މުބާރާތް ކާމިޔާބުކޮށްފައިވާ ސަބަލެންކާ ބުންޏެވެ.
ސަބަލެންކާ މިހާރު ތައްޔާރުވަމުން އަންނަނީ، ބާލިން އޯޕަންގައި ކުޅުމަށެވެ. އެއީ، މި މަހު 30 ވަަނަ ދުވަހު، ފަށާ ވިމްބަލްޑަން ޓެނިސް މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ