ކެޕްޓަންކަން އަތުލިތާ ގިނައިރުތަކެއްނުވެ، ޕްރޮބިއާޒްގެ ކޯޗުކަމުގައި ގައުމީ ޓީމަށް ނުކުޅެން ލެވަންޑޯސްކީ ނިންމައިފި
ޕޯލަންޑްގެ ޤައުމީ ޓީމުގެ ކޯޗުކަމުގައި މިހަލް ޕްރޮބިއާޒް ހުރިހާ ދުވަހަކު އެ ޓީމަށް ނުކުޅެން އެ ޤައުމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ރޮބަޓް ލެވަންޑޯސްކީ ނިންމައިފިއެވެ. އޭނާ އެހެން ނިންމީ ޕޯލަންޑް ޤައުމީ ޓީމުގެ ކެޕްޓަންކަމުން އޭނާ ވަކިކޮށް، ޕިއޮޓްރޭ ޒިއެލިންސްކީއަށް ކެޕްޓަންކަން ދޭން ކޯޗު ޕްރޮބިއާޒް ނިންމުމުން ކަމަށް ބެލެވެއެވެ. ޕޯލަންޑް އެފްއޭއިން އާންމުކުރި ބަޔާނެއްގައި ބުނި ގޮތުގައި ޕްރޮބިއާޒްވަނީ ލެވަންޑޯސްކީއާއި ޓީމުގެ އެހެން ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ޤައުމީ ޓީމުގެ އާ ކެޕްޓަންއަކީ ޒިއެލިންސްކީކަން އަންގާފައެވެ. މިކަން ހާމަކުރިތާ މާ ގިނައިރުތަކެއްނުވެ، ލެވަންޑޯސްކީ ސޯޝަލް މީޑިއާގައި ވާހަކަދައްކަމުން ބުނީ، ކޯޗަށް އޮތް އިތުބާރު ގެއްލުމާއި މިހާރު ކަންތައްތައް ހިނގައިދިޔަ ގޮތުން ކޯޗުކަމުގައި ޕްރޮބިއާޒް ހުރިހާ ދުވަހަކު އޭނާ ޤައުމީ ޓީމަށް ނުކުޅޭނެ ކަމަށެވެ. ކޮންމެ ވެސް ދުވަހަކު އަނެއްކާ ވެސް ޕޯލަންޑަށް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ލެވަންޑޯސްކީ ބުނެފައިވެއެވެ. އުމުރުން 36 އަހަރުގެ ލެވަންޑޯސްކީ ވަނީ ޕޯލަންޑް ޤައުމީ ޓީމަށް މިހާތަނަށް 158 މެޗު ކުޅެދީ 85 ލަނޑު ކާމިޔާބުކޮށްދީފައެވެ. މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފައިންނަށް އެކުލަވާލި ޕޯލަންޑް ޓީމުގައި ލެވަންޑޯސްކީ ހިމަނާފައެއް ނުވެއެވެ. އުމުރުން 52 އަހަރުގެ ޕްރޮބިއާޒް ޕޯލަންޑްގެ ކޯޗުކަމާ ހަވާލުވެފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އަދި، 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި ޕޯލަންޑް ވަނީ ގްރޫޕް މަރުހަލާއިން ގްރޫޕްގެ އެންމެ ފުލަށް ގޮސް އެ މުބާރާތުން ކެޓި ފުރަތަމަ ޓީމަށް ވެފައެވެ. ނަމަވެސް، އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް މިހާރު ކުޅޭ ކޮލިފައިންގައި ޕޯލަންޑް އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް، ގްރޫޕްގެ އެއްވަނަައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ