އަޅުގަޑުމެންގެ ކަންތައް ހުންނަގޮތާއި މެދު ނަޘަރުހިންގާލައިފި މީހަކަށް ޢަޖައިބު ކަންތައްތަކެއްފެނިގެންދެއެވެ. މީސްތަކުން ދުލާއިމެދު ކުޑަވެސް ފަރުވާތެރިކަމެއް ބަހައްޓާތަނެއް ނުފެނެއެވެ. ޙަގީގަތާއި ޚިލާފުވާހަކަ ދެއްކުމާއި، ޣީބަބުނުމާއި، ދެބައޮޑުވުން ފަދަ ނުރައްކާތެރި ކަންތައްތައް އަޅުގަޑުމެންގެ މުޖްތަމަޢުގައިވަނީ ޢާއްމުވެފައިވަނީ ބިރުގަންން ދަރަޖައަށެވެ. މިކަމަކީ ކިހާވަރެއްގެ ނުރައްކާތެރިކަމެއް ކަމާއިމެދު ކުޑަކޮށްވެސް ވިސްނާނުލައެވެ. ދުލުންބޭރުކުރާ ކޮންމެ ލަފްޡަކީ ރަގީބް އާއި ޢަތީދް ލިޔުއްވާނެ އެއްޗެއްކަމާއިމެދު ވިސްނައިނުލައެވެ.
( مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ ) ق: ١٨
މާނައަކީ: "އޭނާގެ ދުލުންބޭރުކުރާ ކޮންމެ ބަހެއް ރަގީބް އާއި ޢަތީދް ލިޔުއްވައެވެ".
ދުލުގެ ނުބައިކަމުގެ ތެރެއިން އަޅުގަޑުމެންގެ މުޖްތަމަޢު ގައި އެންމެ ބޮޑަށް ފެތުރިފައިވާ އެއް ކަމަކީ ޣީބަބުނުމެވެ. އެހެންކަމުން ޣީބަބުނުމަކީ ކޮބައިކަމާއި އެކަމުގެ ހުރި ނުރައްކާތެރިކަން ބަޔާންކޮށް ދެވޭތޯ ބަލާނަމެވެ. އިންޝާﷲ.
ޣީބަބުނުމަކީ ކޮބާ؟
"ޣީބަ" މިލަފްޡް ނެގިފައިވަނީ "ޣައިބު"އިން ނެވެ. އެއީ ލޮލަށް ފެންނަން ނެތް އެއްޗިއްސެވެ. "ޣީބަ" އަށް ޣީބަޔޭ ކިޔުނީ ވާހަކަދެކެވުނު މީހާ އެހިނދުގައި އެތަނުގައި ޙާޟިރުވެ ނެތުނީމައެވެ. ނުވަތަ މީހަކު ނެތް ތަނުގައި އޭނާ ނުރުހޭ ބާވަތުގެވާހަކައެއް ދެއްކުމެވެ.
"ޣީބަ" އަކީ ކޮބައިކަން ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވައި ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުންނަށް ޣީބަ އަކީ ކޮންއެްޗެއްކަން އެނގޭ ހެއްޔެވެ؟" ޞަޙާބީން ދެންނެވިއެވެ. ﷲއާއި ރަސޫލާ މޮޅަށްދެނެވޮޑިގެންވެއެވެ. ޙަދީޡް ކުރެއްވިއެވެ. "އެއީ ތިބާގެ އަޚާ ނެތްތަނުގައި އޭނާ ނުރުހޭ ވާހަކަ ދެއްކުމެވެ". އެހިނދު ޞަޙާބީން ދެންނެވިއެވެ. "އެމީހާގެ ކިބައިގައި ހުރި ކަމެއްގެ ވާހަކަދެއްކިނަމަވެސްތޯއެވެ"؟ ޙަދީޘް ކުރެއްވިއެވެ. "އޭނާގެ ކިބައިގައި ހުރި ކަމެއްކަމަށްވަނީނަމަ އެއީ ޣީބައެކެވެ. އޭނާގެ ކިބައިގައި ނެތް ކަމެއްގެ ވާހަކަދައްކައިފިނަމަ އެހެދުނީ ބޮޑުވެގެންވާ ދޮގެކެވެ".
ޣީބަބުނުމުގެ ޙުކުމް:
ޣީބަބުނުމަކީ ޙަރާމް ކަމެއްކަމަށް އުއްމަތުގެ ދަންނަބޭކަލުން އިޖްމާޢުވެލައްވައެވެ.
އެކަމަކީ ބޮޑުފާފައެއްތޯ ނުވަތަ ކުޑަފާފަ އެއްތޯ މިކަމާއި މެދުގައި ކުޑަ ޚިލާފެއް ހުއްޓެވެ. އަލްއިމާމް ގުރްޠުބީ ވިދާޅުވަނީ ޣީބަބުނުމަކީ ބޮޑުފާފައެއް ކަމަށެވެ. ސަބަބަކީ ގުރްއާނާއި ސުންނަތުގައި ވަޢީދުގެ ބަސްފުޅުތައް މިކަމާއި ގުޅިގެން އައިސްފައިވާތީއެވެ. އެހެންކަމުން ގުރްޠުބީ ދެކިލައްވާގޮތުގައި މިކަމުގައި ޚިލާފްއުފެދެންވީ ސަބަބެއްނެތެވެ.
އަލްއިމާމް ޣަޒާލީގެ ކިބައިން އައިސްފައިވާ ގޮތުގައި ޣީބަބުނުމަކީ ކުދިފާފަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
މިދެގައުލު ޖަމްޢު ކުރައްވާ އިބްނު ޙަޖަރު -ރަހިމަހުﷲ- ވިދާޅުވަނީ ޞާލިޙް ތަގްވާވެރި ރަގަޅު އަޅަކު ނުވަތަ ޢިލްމުވެރިއެއްގެ ޣީބަބުނުމާއި އާދައިގެ އިންސާނެއްގެ ޣީބަބުނުމާއި ތަފާތުކަމަށެވެ. އެހެނީ ތަގްވާވެރިންގެ ޣީބަބުނުމަކީ ބޮޑުފާފަ އެކެވެ. އަދި އާދައިގެ މީހެއްގެ ޣީބަ ބުނުމަކީ ކުޑަފާފަ އެކެވެ.
ޣީބަބުނުމަކީ ޙަރާމް ކަމެއްކަމަށް ކީރިތި ގުރްއާނުގައި އައިސްފައިވާ ދަލީލުތައް:
1. މާތް ﷲ ވަޙީ ކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ تَوَّابٌ رَّحِيمٌ )الحجرات: ١٢
މާނައަކީ: "އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ގިނަ ހީތަކާ ދުރުވެގަންނާށެވެ. ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ. އަދި، ތިޔަބައިމީހުން އަކަކު އަނެކަކަށް ޖާސޫސު ނުކުރާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ. ތިޔަބައިމީހުންގެ ތެރެއިން އަކުކުވެސް އޭނާގެ އަޚުގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނޭހެއްޔެވެ؟ ތިޔަބައިމީހުން އެކަމަށް ނުރުހޭނެތެވެ. ތިޔަބައިމީހުން މާތް ﷲ އަށް ތަގްވާވެރިވާށެވެ. ހަމަކަށަވަރުން މާތް ﷲ އީ ތައުބާގަބޫލުކުރައްވާ ރަޙްމަތްވަންތަ އިލާހެވެ".
މިއާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސްވިދާޅުވިއެވެ. "މާތް ﷲ މުޅަތަކެތި ޙަރާމް ކުރެއްވިފަދައިން ޣީބަބުނުން ވެސް ޙަރާމް ކުރެއްވިއެވެ".
އަލްގާޟީ އަބޫޔަޢުލާ ވިދާޅުވިއެވެ. "މިއާޔަތުގައި ޣީބަބުނުން މުޅަތަކެތި ކެއުމުގެ މިޘާލް ޖައްސަވާފައިވަނީ ޣީބަބުނުމަކީ ޙަރާމް ކަމެއްކަން އިތުރަށް ޔަގީންކޮށްދެއްވުމުގެ ގޮތުންނެވެ. ސަބަބަކީ މުސްލިމެއްގެ މަސްގަނޑު ކެއުމަކީ ޙަރާމް ކަމެކެވެ. އަދި މީސްތަކުންގެ ޠަބީޢަތު އެކަމާ ނުރުހޭނެ ކަމެކެވެ. އަދި އެފަދަކަންތައް ކުރާމީހުން ދެކެ މީހުން ނަފްރަތު ކުރާނެއެވެ. އެހެންކަމުން ޣީބަބުނުމަކީވެސް މިދަރަޖާގައި ނުރުހުންތެރިކަންފާޅު ކުރަން ޖެހޭ ކަމެކެވެ.
އައްޒައްޖާޖް ވިދާޅުވިއެވެ. "ތިޔަބައިމީހުން މުޅަމަސް ކެއުމަށް ނުރުހޭނެ ފަދައިން މީސްތަކުންގެ ނުބައިވާހަކަ ދެއްކުމަށްވެސް ނުރުހޭށެވެ".
މިއާޔަތުގައި ޣީބަބުނުން މައްޔިތާގެ މުޅަމަސްގަނޑު ކެއުމާ ވައްތަރުކުރައްވާފައިވާ ސަބަބަކީ: މަރުވެފައި އޮންނަ މައްޔިތެއްގެ މަސްގަނޑު މީހަކު ކަނޑައިގެން ކޭނަމަވެސް މައްޔިތާއަށް އޭނާގެ ދިފާޢުގައި އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ހަމައެފަދައިން މީހަކު ނެތް ތަނުގައި އޭނާގެ ނުބައިވާހަކަ ނުވަތަ އޭނާ ނުރުހޭ ވާހަކަ އެއް ދެއްކި ކަމުގައިވީނަމަވެސް އޭނާގެ ނަފްސުގެ ދިފާޢުގައި ކުރެވޭނެ ކަމެއްނުތުނީމައެވެ.
2. މާތް ﷲ ވަޙީ ކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَـٰئِكَ هُمُ الظَّالِمُونَ )الحجرات: ١١
މާނައީ: "އަދި ތިޔަބައިމީހުން އެކަކުއަނެކަކަށް އަނެކަކުގެ ޢައިބު ނުކިޔާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަގަބުތަކުން ނުގޮވާށެވެ. އީމާންވުމަށްފަހު މިނަންގަނެވުނުކަންތައްކުރުމުން ފާސިގުވުމަކީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. އެކަންތަކުން ތައުބާނުވީ މީހުންނަކީ އަމިއްލަ ނަފްސަށް އަނިޔާކުރާމީހުންނެވެ".
މިއާޔަތުގައިމިވާ "ލަމްޒު" ގެ މާނަ ކުރައްވަމުން އިބްނުޢައްބާސް ވިދާޅުވިއެވެ. "ތިޔަބައިމީހުން އެކަކު އަނެކަކަށް އެއްޗެތިކިޔާނުހަދާށެވެ". މިފަދައިން މުޖާހިދް، ސަޢީދު ބިން މުސައްޔިބް، ގަތާދާ، އަދި މުގާތިލް ބިން ޙައްޔާންގެ ކިބައިންވެސް ނަގުލުވެގެންވެއެވެ.
އިބްނުކަޘީރު ވިދާޅުވިއެވެ. "ހަމްޒު" އަކީ ޢަމަލުން މީސްތަކުންނަށް ގޯނާކުރުމެވެ. އަދި "ލަމްޒު" އަކީ ބުނާބަހަކުން މީހުންނަށް ގޯނާ ކުރުމެވެ.
އިބްނުކަޘީރުގެ ބަހަށް އައްޝައިޚް ޝަންގީތީ ތާއީދުކުރައްވާވިދާޅުވިއެވެ. "ހަމްޒު" ގެ ތެރެއަށް "ޣީބަ" ބުނުންވެސް ވަންނާނެއެވެ.
2. މާތް ﷲ ވަޙީކުރެއްވިއެވެ. (وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ): ހުމަޒާގެ ١ މާނައަކީ: "ނެތިނުބައި ޣީބަބުނާ ކޮންމެ މީހަކަށް ހަލާކާއި ޢަޛާބު ހުއްޓެވެ".
3. "ހަމްޒު" އާއި "ލަމްޒު" ގެ މާނަ އިސްވެ ހިނގައްޖެއެވެ. އެއީ ޣީބައިގެ ތެރޭގައި ހިމެނޭ ދެކަމެކެވެ.
މިއާޔަތުގެ ތަފްސީރުގައި ގަތާދާ ވިދާޅުވިއެވެ. "މީސްތަކުންގެ މަސްކަމުން ގޯނާކުރަމުން ދިޔުމެވެ".
(ويل) އަކީ ނަރަކައިގެ ވާދީ އަކަށް ކިޔޭނަމެކެވެ.
އަލްއިމާމް އައްސަޢުދީ ވިދާޅުވިއެވެ. މިއާޔަތްތައް ބާވާލެއްވުނީ މުޝްރިކުންގެ މައްޗަށްކަމުގައިވީނަމަވެސް މިއާޔަތްތަކުގައި ބުނެވިފައިވާ ޞިފަޖެހިފައިވާ އެންމެންގެ މައްޗަށް ޢާއްމެވެ. ސަބަބަކީ ގުރްއާން ބާވާލެއްވުނީ ޚަލްގުތަކުންނަށް ހިދާޔަތް ދެއްކެވުމަށެވެ. އެހެންކަމުން އުއްމަތުގެ އެންމެން ޝާމިލުވެއެވެ.
4. (وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ ﴿١٠﴾ هَمَّازٍ مَّشَّاءٍ بِنَمِيمٍ)القلم: ١٠ – ١١
މާނައަކީ: "އަދި ބާޠިލްގޮތުގައި ހުވާކޮށްހަދާ، ދެރަނިކަމެތި ކޮންމެ މީހަކަށް ކިޔަމަންވެވަޑައި ނުގަންނަވާށެވެ. އެއީ މީހުންނަށް ޢައިބުބުނެ ނުބައިވާހަކަތައް ދައްކަމުން ހިނގާ މީހެކެވެ".
އިމާމް ޝައުކާނީ ވިދާޅުވިއެވެ. "ހައްމާޒު" ގެ މާނައަކީ މީސްތަކުންނަށް ޣީބަބުނާ މީހާއެވެ.
ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ ވިދާޅުވިއެވެ. ގަލަމް ސޫރަތުގެ 8 ވަނަ އާޔަތުން ފެށިގެން 16 ވަނަ އާޔަތުގެ ނިޔަލަށް މިވާ އާޔަތްތަކުގައި ވަރަށް މުހިންމުކަމެއް ހިމެނިގެންވެއެވެ.
އެއީ: މިދެވައްތަރުގެ މީހުން (ދޮގުވެރިންނާއި ޣީބަބުނާ މީހުން) އަށް ކިޔަމަންތެރި ނުވުމަށް އެންގެވުމެވެ. މިކަމުގައި އެކުލެވިގެންވާފައިދާއަކީ: މީހަކަށް ކިޔަމަން ނުވުމަށް އެންގެވުމުގެ މާނަ އަކީ އޭނާގެ ކިބައިގައި ހުރި ޞިފަތަކުންވެސް ދުރުހެލިވުމަށް އެންގެވުމެވެ. އެހެންކަމުން ދޮގުބުނާމީހުންނާއި ޣީބަބުނާ މީހުންނަށް ކިޔަމަންތެރިވާކަށް ނުޖެހެއެވެ. އަދި އެފަދަމީހުންގެ އަޚްލާގުންވެސް ދުރުހެލިވާންޖެހެއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޣީބަބުނުމަކީ ކޮބާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ