ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު ނިޔާވެއްޖެ
މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ނައިޖީރިއާގެ މީހަކު މިއަދު ނިޔާވެއްޖެއެވެ. ކަރެކްޝަނަލް ސާވިސްއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ނިޔާވެފައިވަނީ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ކިޔާ 35 އަހަރުގެ މީހެކެވެ. އެ ޚިދުމަތުން ބުނީ އޭނާ ޖަލުގެ ޔާޑްގައި އެހެން މީހުންނާއެކު ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުނު ކަމަށާއި އެއާއެކު އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިން ކަމަށެވެ. އަދި ހަތަރު މިނެޓްތެރޭ މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށާއި ނަމަވެސް އޭނާ ނިޔާވެފައިވާ ކަމަށް 17:20 ހާއިރު ޑޮކްޓަރުން ކަނޑައެޅި ކަމަށް ކަރެކްޝަންސްއިން ބުންޏެވެ. އެ ޚިދުމަތުން ބުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ކަމަށެވެ. އަދި އޭނާއަކީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާހޯދަމުން އަންނަ މީހެއް ނޫންކަން ކަރެކްޝަންސްއިން ފާހަގަކުރިއެވެ. އެ މީހާ ނިޔާވުމާ ގުޅޭ މައުލޫމާތު ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ހިއްސާކޮށްފައިވާ ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ. ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ އަދަދު މިދިޔަ މަހުގެ 20ގެ ނިޔަލަށް 435އަށް އަރާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ