އަލީ ހުސެއިން ދެރަ ވެސް ވޭ، އެކަމަކު ގަބޫލުކުރައްވަނީ އެއީ ކުރަން ޖެހޭ ކަމެއް ކަމަށް

އެކަން އިއްޔެ ނިމިއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެ މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ސުޕަ މެޖޯރިޓީންނެވެ. އޭގެ ކުރިން ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވީ އެވެ.
ތިން މަސް ދުވަހުގެ "ތެޅުންގަނޑު" މި ވަގުތަށް މި އޮތީ ނިމިފަ އެވެ. ދެން އޮތީ ސަރުކާރުން އަލަށް ސުޕްރީމް ކޯޓަށް ލާނެ ތިން ފަނޑިޔާރުންނަކީ ކޮބައިތޯ ބަލަން ތިބުމެވެ.
ނަމަވެސް މި ބޮޑު މައްސަލަގަނޑުގެ އަސަރުތައް ފިލައިގެން ނުދާނެ އެވެ. އެކަން ފެށުނު ގޮތާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލިސް ނިވާފަތްގަނޑަކަށް ހަދައިގެން ސަރުކާރުން ކަން ކުރި ގޮތް ތާރީހުގައި އެ އޮތީ ލިއެވިފަ އެވެ. އާއެނކެވެ. މި ވަގުތަށް އެއީ ސިޔާސީ ކާމިޔާބީއެކެވެ. ނަމަވެސް އެއީ ދެން އަތުވެދާނެ ލޮޅުންތަކުން ސަރުކާރު ސަލާމަތްވާނެކަމުގެ %100 ޔަގީން ފަރުވާއެއް ނޫނެވެ. އެކަމަށް މާޒީ ހެކިވާނެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލީ ހުސެއިންއަކީ ސުޕްރީމް ކޯޓަށް ކުއްލި މި ލޮޅުން އެރުމުގެ ފަހަތުގައި ހުންނެވި ބޭފުޅެވެ. މި ހުރިހާ ކަމެއް ކުރިމަތިވީ ޕީއެންސީގެ ސުޕަ މެޖޯރިޓީން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ވަޑައިގަތުމުންނެވެ. އޭނާ ހުށައެޅުއްވި ދުސްތޫރީ ބޮޑު މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ހަތް ފަނޑިޔާރުންގެ ބެންޗުން ނިންމުމާ އެކު، ސަރުކާރުން ތެޅިގަތީ، އޮތް ހުރިހާ ބާރެއް ބޭނުންކޮށްގެން އެކަން ހުއްޓުވުމަށެވެ. އަލީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމާނެ ގޮތެއް ބަލަން ތިބުމުގެ ބޭނުމެއް ނުފެނުނެވެ. ފެނުނީ ސުޕްރީމް ކޯޓު ކޮންޓްރޯލްކުރާނެ ގޮތެވެ.
އަލީ ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށައެޅުއްވުނީތީ ވެސް ދެރަވެ އެވެ. ނަމަވެސް އެއީ ކޮންމެވެސް މީހަކު ކުރަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރައްވަ އެވެ. 
"ސުއޫދު އިސްތިއުފާ ދެއްވި ފަހުން އަޅުގަނޑު ބައްދަލު ވެސް ކޮށްލިން. ގުޅަން ވެސް ގުޅިން. ހަ އަހަރު ދުވަހަށް ފަހު އަޅުގަނޑު މި ގުޅީ. އެއީ ސުއޫދު މަރު ކޮމިޝަނަށް އެޕޮއިންޓްކުރުމަށް ފަހު އަޅުގަނޑު ދުވަހަކު ވެސް ގުޅާފައި ނޯންނާނެ. ވާހަކަ ދައްކާފައެއް ނޯންނާނެ. އޭގެ ފަހުން ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ފަހުން ވެސް ނުގުޅަން،" އަލީ ވިދާޅުވި އެވެ.
"އެހެންނަމަވެސް އިސްތިއުފާ ދެއްވި ފަހުން އަޅުގަނޑު ގުޅިން. އަޅުގަނޑު ދެރަވާކަމަށް ވެސް ބުނިން. ކުރަން ޖެހޭ ކަމެއް ވީމާ ކުރީއޭ. ސުއޫދު ވެސް ވިދާޅުވީ އެއްގޮތަށް ވެސް ދެރަވާނެ ކަމެއް ނެތޭ. މައްސަލަ ކުރިއަށް ގެންދާށޭ. ތިއީ ކުރަން ޖެހޭ ކަމެކޭ."
އަޅުގަނޑުގެ ޕޮޑްކާސްޓް "މޫސާ ލަތީފް"ގައި އަލީ ހުސެއިން ވާހަކަ ދެއްކެވީ މަހާޒް އާއި އަޒްމިރަލްދާ އިއްޔެ ވަކިކުރުމުގެ ކުރިންނެވެ. އެ އިންޓަވިއުގައި އަލީ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް އެ ބަދަލު ގެނައުމުން އޭނާ ވާހަކަ ދެއްކެވި ގިނަ ވަކީލުންނާއި ސިޔާސީ މީހުންގެ ވެސް ވިސްނުމަކީ ސުޕްރީމް ކޯޓުން އެ މައްސަލަ ނުބަލާނެ ކަމެވެ. ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ރައްޔިތުންގެ މަޖިލިހުގެ ޒިންމާއެކެވެ.
ނަމަވެސް އަލީ ގަބޫލުކުރެއްވީ ގާނޫނުއަސާސީގައި އަސާސީ އޮނިގަނޑެއް އޮންނާނެ ކަމެވެ. އެ ގާނޫނު ބިނާވަނީ އެ އޮނިގަނޑަށެވެ. އެހެންކަމުން ގެންނަ އިސްލާހެއް ވެސް ގެނެވޭނީ އެ އޮނިގަނޑުގެ އަސާސީ ސިފަތައް ބަދަލުނުވާ ގޮތަށެވެ.
ރައްޔިތުންގެ މަޖިލިހަކީ ދައުލަތުގެ މުޅިން މިނިވަން ތިން ބާރުގެ ތެރެއިން އެއް ބާރެވެ. އެހެންކަމުން އެ ބާރުގެ މިނިވަންކަން ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ވެސް އެއްވެސް ކަހަލަ އިސްލާހެއް ނުގެނެވޭނެ އެވެ. ގާނޫނުއަސާސީ ހަދާފައި އޮތީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ ސިޔާސީ ޕާޓީއެއްގައި ފިތިފައި ތިބޭ ބައެއްގެ ގޮތަކު ނޫނެވެ. ސިޔާސީ ޕާޓީއެއްގެ ވާހަކަ، ރައްޔިތުންގެ މަޖިލިހުގެ ބާބުގައި ނުވެސް ނެތެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހަށް ރައްޔިތުން ހޮވާ ބަޔަކު، ސިޔާސީ ޕާޓީއަކުން ވަކިވާ ހިސާބުން، ނުވަތަ ވަކިކުރާ ހިސާބުން އޭނާގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ، އަލީ ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ދުވަސް ދުއްވާލުމެވެ.
"ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހެއް އެއީ ގާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އަސާސީ އޮނިގަނޑާ ހިލާފުވާ ކަމަކަށް ވެގެން ނުުވާނެ،" އަލީ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލިހޭ މިކިޔަނީ ސިޔާސީ ޕާޓީއަކަށް ނޫން. ރައްޔިތުންގެ މަޖިލިހުގައި ތިބޭނީ މެމްބަރުންތަކެއް. މެމްބަރުންތަކެއްގެ މައްޗަށް އެކުލެވޭ ތަނެއް. އޭގެ ޒާތުގައި ރައްޔިތުންގެ މަޖލިހުގެ ކޮންމެ މެމްބަަރަކީ މިނިވަން މުސްތަގިއްލު މީހެއް. އެމީހާ ނިސްބަތްވާ ޕާޓީން ބޭނުންހާ ކަމެއް ކުރެވޭ ގޮތަކަށް ނޫން ގާނޫނުއަސާސީ ފަރުމާކޮށްފައި އޮތީ. ގާނޫނުއަސާސީގައި އެ ވާހަކަ ލިއެފައި އޮތީ."
ސިޔާސީ ފިކުރު ހުރި ގޮތުން ދެބަސްވާނެ މީހުން އުޅޭނެ އެވެ. އެކަމަކު ހަގީގަތަށް ބަލާ ނަމަ ބޭރުކުރި ތިން ފަނޑިޔާރުންނާ އެކު އޮތް ސުޕްރީމް ކޯޓަކީ މިހާތަނަށް ރާއްޖޭގައި އުފެއްދި އެންމެ މިނިވަން، އެންމެ އިލްމީ ބަހުސްތައް ފެނުނު ސުޕްރީމް ކޯޓެވެ. ސުޕްރީމް ކޯޓުގައި ކިރިޔާ ވެސް ލައްގަނޑެއް ޖެހިފައި އޮތް ނަމަ އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ފުރަތަމަ ހުކުމް އިއްވެވި އަލީ ރަޝީދު ސުޕްރީމް ކޯޓަށް ކުއްލިއަކަށް ގެނައުމެވެ. އެއީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހާއި އެމްޑީޕީ ސަރުކާރުން އެޅި ގޯސް ފިޔަވަޅެއް ކަމަށް، އޭރު ވެސް އެތައް ބަޔަކު ގަބޫލުކުރި އެވެ.
ނަމަވެސް އަލީ ރަޝީދު އިއްވެވި ހުކުމް އެ ސުޕްރީމް ކޯޓުން ބާތިލްކޮށް ޔާމީން މިނިވަން ވެސް ވި އެވެ.
ސުޕްރީމް ކޯޓުން ނިންމާ ކޮންމެ ނިންމުމަކާ މެދު އެންމެން ހިތްހަމަޖެހޭކަށް ނުޖެހެ އެވެ. އަލީ ވެސް ގަބޫލުނުކުރައްވާ ކިތައްމެ ހުކުމެއް އެ ކޯޓުން ކުރި އެވެ. ނަމަވެސް އޭނާއަށް އޮތް ޔަގީންކަމަކީ ފައިސާ އާއި ރިޝްވަތު ދީގެން އެ ކޯޓުގެ ހުކުމްތައް ބަދަލުނުކުރެވޭނެ ކަމެވެ.
"މިހާރު ވެސް [އަޅުގަނޑު] މައްސަލަ ހުށައެޅި ސުޕްރީމް ކޯޓުގައި ނުހުންނާނެ ގަނެވޭނެ ފަނޑިޔާރެއް. ދެން ބިރު ދައްކައިގެން، ނުފޫޒު ފޯރުވީމާ ފޮރުވޭކަން އެބަ އެނގޭ މިހާރު. އެހެންނަމަވެސް ރިޝްވަތު ދީގެން، ފައިސާ ދީގެން އެކަމެއް ނުކުރެވޭނެ،" އަލީ ވިދާޅުވި އެވެ.
"އެ ބޭފުޅުން އަމިއްލައަށް މަސައްކަތްކުރަން ދޫކޮށްލައިފި ކަމަށްވާ ނަމަ މިނިވަންކަމާ އެކު މަސައްކަތްކުރަން ހަމަ ރަނގަޅު ސުޕްރީމް ކޯޓެއް އެއީ... މިއީ މިހާތަނަށް ފެނުނު އެންމެ ރަނގަޅު ސުޕްރީމް ކޯޓް."
މައްސަލައަކީ އެއްވެސް ސަރުކާރެއްގައި ޝަރުއީ ނިޒާމުގެ މިނިވަންކަމަށް ފުރުސަތު ނުދިނުމެވެ. ކޮންމެވެސް ކަހަލަ ހުރަސްތަކެއް، ކޮންްމެވެސް ގޮތަކުން ފޯރުވުމެވެ. ފޯރުވަން އުޅުމެވެ.
އަލީ ވިދާޅުވި ގޮތުގައި 11 ނޮވެމްބަރު 2008ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު އެންމެ ފުރުތަމަ ވެސް ކުރައްވަން ޖެހިވަޑައިގަންނަވާނީ ޝަރުއީ ނިޒާމް އިސްލާހުކުރުމުގެ މަސައްކަތެވެ. ނަމަވެސް އެކަމެއް ނުކުރައްވަ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒުއަށް ވެސް އެ ފުރުސަތު ލިބިވަޑައިގަތެވެ. ނަމަވެސް އެކަމެއް ނުކުރައްވަ އެވެ.
"ކޮންމެ ވެރިކަމެއްގައި މި ފެންނަނީ ހަމަ ސާފުކޮށް ޖުުޑިޝަރީއަށް، ފަނޑިޔާރުގެއަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ހުކުމެއް ކުރަން އޮންނަ ތަނެއްގެ ގޮތުގައި. ކޮންޓްރޯލްކޮށްގެން މަސައްކަތްކުރަނީ. ވަކިން ހާއްސަކޮށް ސަރުކާރާ ދެކޮޅަށް އެއްވެސް މައްސަލައެއް ނުނިންމާ ތަނެއްގެ ގޮތުގައި ބާއްވަން،" އަލީ ވިދާޅުވި އެވެ.
"އެހެންވީމާ މި ވީ ގޮތުން، އަޅުގަނޑު ހުށައެޅި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް [ބޭރު]ކުރީމާ ދެން ކޮން ފަނޑިޔާރަކަށްތޯ ކެރިވަޑައިގަންނަވާނީ ދައުލަތާ ދެކޮޅަށް އެއްވެސް މައްސަލައެއް ނިންމަން؟ ސަރުކާރާ ދެކޮޅަށް ބަހެއް ވެސް ވިދާޅުވާން ކޮން ފަނޑިޔާރަކަށްތޯ ކެރިވަޑައިގަންނަވާނީ؟"
އޭނާ ސިފަކުރެއްވީ އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން އުއްމީދުކުރަމުން މި އަންނަނީ އަލަގަހަކުން ކެޔޮ ނިރެއް ފަޅާނެ ކަމަށެވެ. ކޮންމެ ފަސް އަހަރަކުން އިންދަނި އަލަގަހެކެވެ. އެއީ ކެޔޮ ނިރެއް ފަޅާނެ ކަމަށެވެ. ނަމަވެސް އެއީ ދުވަހަކު ވެސް ވާނެ ކަމެއް ނޫނެވެ.
"ކިތައް ފަހަރު، ކިތައް އަހަރު ވީމާތޯ އަޅުގަނޑުމެން ގަބޫލުކުރާނީ އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނެކަން؟" އަލީ ސުވާލުކުރެއްވި އެވެ.
އޭނާގެ ވާހަކައާ މެދު ވިސްނަން ތިބީ ވެސް ރައްޔިތުންނެވެ. މި ހިނގާ ހުރިހާ ކަމެއް ބަލަމުން އެ އަންނަނީ ވެސް ރައްޔިތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ