ޖަންކް ފުޑް ގަވާއިދުން ކެއުމުން ނަފްސާނީ ގޮތުން ކުރިމަތިވާ ސްޓްރެސް އިތުރުވެދާނެކަން ދިރާސާތަކުން ދައްކަ އެވެ. އެ ގުޅުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ފެންނަން ހުރެ އެވެ. ހަކުރު، ލޮނު، ހިމެނޭ ކާނާ، އަދި ޕްރިޒަވޭޓިވްސް އެކުލެވޭ ކާނާތައް ހަށިގަނޑުގެ ހޯމޯނަލް ބެލެންސް، ލޭގައި ހުންނަ ހަކުރުގެ މިންވަރު، އަދި ބަނޑުގެ ދުޅަހެޔޮކަމަށް ބަދަލު ގެނެސްދޭކަން ފާހަގަކުރެވެ އެވެ.
މިފަދަ ކާނާތަކުން ވަގުތީ ގޮތުން ހިތްހަމަޖެހުމާއި ހަކަތަ ލިބުނު ނަމަވެސް، ގިނަ ފަހަރަށް ކާތަކެތި ހަޖަމުވުމަށް ފަހު ވަރުބަލިކަމާއި، ނުތަނަވަސްކަން ކުރިމަތިވެ އަދި މޫޑް ދަށްވުން ތަޖުރިބާކުރެވެ އެވެ.
ހަށިގަނޑަށް ފައިދާއެއް ނެތް އަދި ގެއްލުން ލިބޭ ކާނާ ދިގު މުއްދަތަކަށް ކެއުމުގެ ސަބަބުން ސިކުނޑީގެ ކެމިސްޓްރީއަށް އަސަރުކޮށް، ދުވަހުން ދުވަހަށް ދިމާވާ ސްޓްރެސްފުލް ހާލަތްތަކާއި ކުރިމަތިލުމުގެ ގާބިލުކަން ދަށްވެގެންދެ އެވެ. މީގެ ސަބަބުން އެންޒައިޓީއާއި އިމޯޝަނަލް އެގްޒޯސްޝަންއަށް މީހުން އިތުރަށް ހުށަހެޅިގެންދެއެވެ. އެގޮތުން ޖަންކް ފުޑް ގަވާއިދުން ކެއުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރަށް ކުއްލި ބަދަލުތައް އަންނަ ކަމާއި، ބަނޑުގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާކަމަށް ސިއްހީ މާހިރުން އެއްބަސްވެލައްވައެވެ.
ބަނޑަކީ "ދެވަނަ ސިކުނޑި" ކަމަށް ބެލެވޭއިރު، ޖަންކް ފުޑްއިން ބަނޑުގެ ބެކްޓީރިއާއަށް ގެއްލުން ލިބި، މޫޑު ރެގިއުލޭޓްކުރާ ނިއުރޯޓްރާންސްމިޓަރުތައް (މިސާލަކަށް ސެރޮޓޮނިން) އުފެއްދުން މަދުވެގެންދެ އެވެ. އޭގެއިތުރުން، އަލްޓްރާ-ޕްރޮސެސްޑް ކާނާގެ ސަބަބުން ސިކުނޑީގައި އިންފްލަމޭޝަން އިތުރުވެ، ކޯޓިސޯލް ފަދަ ސްޓްރެސް ހޯމޯން އިތުރުވެގެންދެ އެވެ. މިކަމުގެ ސަބަބުން އެންޒައިޓީ އާއި ޓެންޝަން އިތުރުވާ ކަމަށް ސިއްހީ މާހިރުން ފާހަގަކުރައްވަ އެވެ.
ޖަންކް ފުޑްއިން ބަނޑު ފުރާލުމުގެ ސަބަބުން މެގްނީޒިއަމް، ބީ ވިޓަމިންސް، އޮމެގާ-3 ފެޓީ އެސިޑްސް، އަދި ޒިންކް ފަދަ މުހިންމު ނިއުޓްރިއެންޓްސް ލިބުން މަދުވެގެންދެ އެވެ. މިއީ މޫޑު ރެގިއުލޭޓް ކުރުމަށާއި ސްޓްރެސް މެނޭޖް ކުރުމަށް ބޭނުންވާ މާއްދާތަކެވެ. އަދި މިފަދަ ކާނާގައި ހުންނަ އާޓިފިޝަލް އެޑިޓިވްސް، ކެފެއިން، އަދި ހަކުރުގެ ސަބަބުން ނިދުން ދަށްވެ، ކޯޓިސޯލް އިތުރުވެ، ސްޓްރެސް ކުޑަކުރުމުގެ ކުރުމުގެ ގާބިލްކަން ދަށްވެގެންދެ އެވެ.
މި ކަންކަން ސަމާލުކަމަށް ގެނެސް، ޖަންކް ފުޑް ކެއުން މަދުކޮށްގެން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރެވިދާނެ އެވެ. އެންޑީޓީވީ ވެބްސައިޓްގައި ޝާއިއުކުރެވިފައިވާ މި ލިޔުމުގައި ނިއުޓްރިޝަނިސްޓެއް ކަމުގައިވާ މަންޔާ ސިންގ ފާހަގަކުރައްވާގޮތުގައި، ހަމަހަމަ އަދި ހެލްދީ ކާނާ ކެއުމަކީ ހަށިގަނޑަށް ލިބޭ ފައިދާތަކުގެ އިތުރުން ، ނަފްސާނީ ދުޅަހެޔޮކަމަށް ވެސް މުހިންމު ކަމެކެވެ.
އާންމުކޮށް ޖަންކް ފުޑް ކާނަމަ ނަފްސާނީ ސްޓްރެސް އިތުރުވެދާނެ އާންމުކޮށް ޖަންކް ފުޑް ކާނަމަ ނަފްސާނީ ސްޓްރެސް އިތުރުވެދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ