ގޭ ބަންދަށް ބަދަލުކުރިތާ އިރުކޮޅެއް ފަހުން ދަށު ކޯޓުން އިމްރާން ދޫކޮށްލައިފި

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގޭ ބަންދަށް ހައި ކޯޓުން މިއަދު ބަދަލުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން އިތުރަށް އޭނާގެ ބަންދު މުއްދަތު އިތުރުކޮށް ނުދީ އޭނާ މިނިވަންކޮށްފި އެވެ.
ފުލުހުންގެ ބަންދުގައި އިމްރާން ބަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ދިން މުއްދަތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ހައި ކޯޓުން މިއަދު މެންދުރު ވަނީ އެ އަމުރުގައި ބުނާ މުއްދަތަށް ގޭ ބަންދުގައި އިމްރާން ބަހައްޓަން އަމުރުކޮށްފަ އެވެ. ނަމަވެސް އެ އަމުރުގެ މުއްދަތު ހަމަވާތީ ހައި ކޯޓުން ނެރެގެން އިމްރާން ސީދާ ގެންދިޔައީ ކްރިމިނަލް ކޯޓަށެވެ.
ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ އިމްރާން އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައި، އޭނާ ދޫކޮށްލައިފަ އެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ދިއުން އޭނާއަށް ވަނީ މަނާކޮށްފަ އެވެ.
އިމްރާން ގޭ ބަންދަށް ބަދަލުކުރަން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އޭނާގެ ބަލި ހާލަތަށް ބަލާއިރު އޭނާ ބަންދުކޮށްފައި ބަހައްޓަންޖެހޭނީ ގޭގައި ކަމަށް ފަނޑިޔާރުންނަށް ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން އިމްރާނަކީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށްވާއިރު އޭނާ ހައްޔަރުކުރި ފަހުން އެތައް ފަހަރަކު ޑޮކްޓަރަށް ދައްކާފައިވުމާއި ޑޮކްޓަރަށް ދެއްކުމުން އޭނާގެ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލާއި ޔޫރިކް އެސިޑް ވެސް މައްޗަށް ގޮސްފައިވާ ކަން ނަތީޖާތަކުން އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އިމްރާންގެ މައި ބަދައަށް ގެއްލުމެއް ލިބިފައިވާތީ އޭނާ ހަރު ތަންތަނުގައި ނުނިދަން ޑޮކްޓަރު އަންގާފައިވާ ކަން އެނގޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެކަންކަމަށް ބަލާއިރު އިމްރާންގެ ހާލަތު މިވަގުތު ހުރިގޮތުން އޭނާ ބަހައްޓަންޖެހޭނީ ގޭ ބަންދުގައި ކަމަށް ފެންނަ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ