މުއްދަތު ހަމަވިތާ 16 މަހަށްވުރެ ގިނަ
ދުވަސްވެ، ނައްތާލަން ޖެހިފައި އޮތް އައިވީއެއް އައިޖީއެމްއެޗުން އުމުރުން 4 ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް މިދިޔަ އާދީއްތަ ދުވަހު ދިނުމަށް ފަހު އެކަން ފޮރުވަން މަސައްކަތްކޮށްފައިވާ ކަމަށް އެ ކުއްޖާގެ އާއިލާ އިން ބުނެފި އެވެ.
ހޮސްޕިޓަލުން ދީފައިވާ ޑިސްޗާޖު ސަމަރީގައި ބަޔާންކޮށްފައިވާ
ގޮތުގައި:
ފަތިހު 5:30: ހާނިއާ އޮޕަރޭޝަނެއް ކުރަން އެ ކުއްޖާ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކުރި
ހެނދުނު 6:15: އޮޕަރޭޝަންގެ ކުރިން އައިވީއެއް ގުޅި
ހެނދުނު 9:10: ޖެހިގެން ހުންނަ އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރަށް ގެންދިއުމަށްޓަކައި އައިވީ މެދުކަނޑާލި
އައިވީ ގުޅައިގެން ތިން ގަޑިއިރުގެ ތެރޭގައި ކުއްޖާގެ ހަށިގަނޑަށް ގާތްގަނޑަކަށް 225 އެމްއެލްގެ އައިވީ ފްލުއިޑް ވަނީ ދީފައި
ނަމަވެސް ކުއްޖާގެ ބެލެނިވެރިން ބުނި ގޮތުގައި އައިޖީއެމްއެޗުން ވަނީ ޑިސްޗާޖު ސަމަރީއިން އެއް ބައި އުނިކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ނުލިބެ އެވެ.
އާއިލާއިން ބުނިގޮތުގައި އޮޕަރޭޝަން ތިއޭޓަރަށް ބަދަލުކުރުމަށް ފަހު އަނެއްކާވެސް ކުއްޖާގެ އަތަށް ގުޅީ ހަމަ އެ އައިވީ އެވެ. އެކަމަކު މާ ގިނައިރެއް ނުވަނީސް
އޮޕަރޭޝަން ތިއޭޓަރުގެ ނަރުހެއް އައިސް އެ އައިވީ ނައްޓާލި އެވެ. އޭރު އައިވީ ފުޅި
އަދި މުޅިން ހުސް ވެސް ނުވެ އެވެ. ނަމަވެސް އެހެން އައިވީ ފުޅިއެއް ގެނެސް އަލުން
ގުޅުމުންނާއި ނަރުހުގެ ހަރަކާތްތައް ހުރި ގޮތުން ކުއްޖާގެ މަންމައަށް ޝައްކުވެގެން
ސުވާލުކުރަން ފެށި އެވެ.
ޖަވާބުގައި ނަރުސް ބުނި ކަމަށް ވަނީ ލީކެއް އުޅޭތީ
އައިވީ ބަދަލުކުރީ ކަމަށެވެ. އަދި ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ ޖަވާބުގައި
ހިފަހައްޓައި، އޮޕަރޭޝަންކުރަން ވެއްދީ އެވެ.
އެހެން ނަރުހެއްގެ ފަރާތުން އައިވީ ފުޅީގެ ހަގީގަތް
ކުއްޖާގެ މައިންބަފައިންނަށް އެނގުނީ، އެ މީހުން ބުނިގޮތުގައި، ސާޖަރީއަށް ފަހު ކުއްޖާ ތިއޭޓަރުން ނެރުނު
ފަހުންނެވެ. އާއިލާއިން ބުނީ އެއީ ޖެނުއަރީ 2024ގައި މުއްދަތު ހަމަވެފައިވާ އައިވީއެއް ކަމަށެވެ. އޭގެ ފަހުން 16 ވަރަކަށް މަސް ވެގެންދިޔައީ އެވެ.
ނަރުހެއްގެ ފަރާތުން އެކަން ކަށަވަރުވުމުން
ކުއްޖާގެ މަންމަ އާއި ބައްޕަ މައްސަލަ ޖައްސަން މަސައްކަތްކުރި އެވެ. އެ މީހުންގެ
ކަންބޮޑުވުންތަކާ ކުރިމަތިލާން ނުކުތް ޑޮކްޓަރުންގެ ޓީމުން ވެސް ކުށަށް އިއުތިރާފުވެ،
ކުއްޖާއަށް މުއްދަތު ހަމަވެފައިވާ އައިވީއެއް ދެވުނު ކަމަށް އެއްބަސްވި ކަމަށް އާއިލާއިން ބުންޏެވެ.
"ޑޮކްޓަރުންގެ ޓީމުން މައާފަށް އެދިފައި ބުނީ
ހޮސްޕިޓަލުގެ ކުށެއްކަން ގަބޫލުކުރާ ކަމަށް،" ކުއްޖާގެ ބައްޕަ ބުންޏެވެ.
ހޮސްޕިޓަލުން ފުރަން ދިން ޝަކުވާ ފޯމުގައި ކުއްޖާގެ
ބައްޕަ ސޮއިކޮށް މި ހުރިހާ ވާހަކައެއް ވަނީ ކިޔައިދީފަ އެވެ.
ފޯމު ހުށަހަޅައިގެން ހާސިލުކުރަން ބޭނުންވާ ނަތީޖާ
ވެސް، އެ ފޯމު ހުށަހަޅާ ފަރާތުން ބުނެދޭން ޖެހެ އެވެ. އެހެންވެ ފޯމުގެ އެ ބައިގައި
ލިޔެފައި އޮތީ މިގޮތަށެވެ – އެނގެން ބޭނުންވަނީ އެންމެ 4 އަހަރުގެ ކުއްޖެއްގެ
ހަށިގަނޑަށް މުއްދަތު ހަމަވެފައިވާ އައިވީ ފުޅިއަކުން 200 މިލިލީޓަރު އެޅި
ސަބަބެވެ. އޮޕަރޭޝަން ތިއޭޓަރުގައި ހުރި ނަރުހަށް އެކަން އެނގި، ކުއްޖާގެ މަންމަ ސުވާލުކުރުމުން
ދޮގު ހެދި ސަބަބެވެ. އަދި އެދެނީ މިކަމުގައި ޝާމިލުވި ހުރިހާ
މުވައްޒަފުންނަށް ފިޔަވަޅު އެޅުމެވެ.
"އެއީ އޯޓިސްޓިކް ކުއްޖެއް. އެއްވެސް
އުނދަގުލެއް (ތަދެއް) ވިޔަސް ބުނެދޭން ވެސް ނޭނގޭނެ،" ޝަކުވާ ފޯމު
ނިންމާލަމުން ބުނެފައިވެ އެވެ.
ކުއްޖާގެ ލިވާ ޕްރޮފައިލް އާއި ރީނަލް ޕްރޮފައިލް
ހެދި ކަމަށާއި ނަތީޖާތަކުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ވެސް ޑިސްޗާޖު
ސަމަރީގައި ބުނެފައިވެ އެވެ. ނަމަވެސް އެ ކުއްޖާގެ ބެލެނިވެރިން ބުނީ ގޯހެއް ހެދުމަށް ފަހު އެކަން ފޮރުވަން ދޮގު
ހަދާފައި އޮތުމުން އައިޖީއެމްއެޗުން ބުނާ ބަހަކަށް އިތުބާރު ނުކުރެވޭ ކަމަށެވެ.
"ދަރިފުޅުގެ ރިކަވަރީއަށް ފަހު އަޅުގަނޑުމެން
އެހެން ހޮސްޕިޓަލަކުން ޓެސްޓުތަކެއް ހަދާނީ. ޓެސްޓުތަކުގެ ނަތީޖާ ނޯމަލް ކަމަށް
ބުނި ނަމަވެސް، ލިވާ ޕްރޮފައިލްގެ ޓެސްޓުގައި އެބަހުރި ފަރަގެއް،" ލެބް ރިޕޯޓެއްގެ
ފޮޓޯއެއް ދައްކާލަމުން ކުއްޖާގެ ބައްޕަ ބުންޏެވެ.
"އެއީ އޮޕަރޭޝަންގެ ކުރިން ވެސް ހެދި
ޓެސްޓެއް. ފަހުން އެ ޓެސްޓު ތަކުރާރު ކުރީމަ ދަށްވެފައި މި ހުރީ. ހޮސްޕިޓަލުން
ބުނަނީ އެއީ ވެސް ނޯމަލް ކަމެކޭ. އެކަމަކު ކިހިނެއް ގަބޫލުކުރާނީ؟"
އޭނާ އެ އިޝާރާތް ކުރަނީ ކިޑްނީގެ މަސައްކަތް ހިނގަމުންދާ ގޮތް އަންގައިދޭ ކަމަކަށެވެ.
އޭގެ އިތުރަށް، މި ހިނގައިދިޔަ ކަންކަން އިތުރަށް
ބަލައި މިކަމުގައި ހިމެނޭ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި އާއިލާގެ
ފަރާތުން ވަނީ ހެލްތު މިނިސްޓްރީއަށް މިދިޔަ ބުދަ ދުވަހު ސިޓީއެއް ފޮނުވާފަ
އެވެ. އެ މީހުން ބުނިގޮތުގައި އެ ސިޓީގެ ޖަވާބެއް އަދި ނުލިބެ އެވެ.
މިކަމާ ގުޅޭގޮތުން ޑޮކްޓަރަކާ ސުވާލުކުރުމުން އޭނާ ވިދާޅުވި ގޮތުގައި އައިވީއަކީ މުއްދަތު ހަމަވުމުން ހޮސްޕިޓަލުގައި ބަހައްޓައިގެންވާނެ އެއްޗެއް ނޫނެވެ. އޭނާ ވިދާޅުވީ ބެސްޓް ޕްރެކްޓިސްއަކީ ކޮންމެ ހަފްތާއަކު ވެސް އިންވެންޓްރީ ރަނގަޅަށް ބަލައި ޗެކުކުރުން ކަމަށެވެ.
"މުއްދަތު ހަމަވެފައިވާ އައިވީ ފްލުއިޑް އެޅުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން. ސޭލީން ނުވަތަ އިލެކްޓްރޮލައިޓް ވިޔަސް އެކްސްޕަޔާ ވުމަށް ފަހު އަޅައިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
މުއްދަތު ހަމަވެފައިވާ އައިވީއެއް އެޅުމުން ދިމާވެދާނެ ބައެއް މައްސަލަތަކަކީ، އެ ޑޮކްޓަރު ވިދާޅުވި ގޮތުގައި:
ކުޑަކަމުދެވޭ މިންވަރު މަދުވުން
ފައިތިލަ ދުޅަވުން
ނޭވާލާން އުނދަގޫވުން
ދިމާވާ ކަންކަން ބުނެދޭން ނޭނގުމުން ކުޑަކުދިންނަށް ދިމާވާ އިތުރު ދަތިތައް
މި ހާދިސާއާ ގުޅިގެން އެ ކުއްޖާގެ ބައްޕަ ވަނީ މުހިންމު
ސުވާލެއް އުފައްދާފަ އެވެ:
"އައިޖީއެމްއެޗްގެ ސްޓޮކުގައި މުއްދަތު
ހަމަވެފައި ހުންނަ އައިވީ ގެންގުޅޭކަން މި އެނގެނީ. މީހުންނަށް ނޭނގި މިކަހަލަ ކިތައް
އައިވީ ދީފައި ހުންނާނެ ބާ؟"
އައިޖީއެމްއެޗުން 4 އަހަރުގެ ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީއެއް ދިން ކަމަށް ބުނާ މައްސަލައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ