ކިތަންމެ މީރަސް ރޯދަ ވީއްލަން ހެދިކާ ކަމަކު ނުދާނެ! ލިބޭނެ ގެއްލުން ބޮޑުވާ ސަބަބުތައް ބައިވަރު!

ޢަލީ އިޙްޞާން ފިރާޤް
 
ގޭގައި ތިން މީހުން ތިބިއްޔާ ކޮންމެ މީހަކަށް އެމީހެއްގެ [ފެވަރިޓް] ހެދިކާ ހަދަންޖެހެއެވެ. ހަވާދުލީބިހާއި ގުޅަޔާއި ބަޖިޔާ ނެތިއްޔާ ސުފުރާމަތި ފުރިހަމައެއްނުވެއެވެ. ބާގާ އާއި ސަބްމެރިން ހަދާފައި ނެތިއްޔާ ގޭގެ އެންމެ ޒުވާން ކުދިންނަށް ރޯދައެއް ނުވީއްލެއެވެ. މިއާއެކު ޕުޑިންއެއް ނުވަތަ އައިސިން ޖަހާ ބަރާކޮށްފަ އޮންނަ ކޭކެއް ނުވަތަ އެހެންވެސް ފޮނިއެއްޗެއް ހުރުމަކީ މަޖުބޫރުކަމެކެވެ. 
ކިތަންމެ މީރަސް ހެދިކާއަކީ ރޯދަވީއްލުމަށް ކަމުދާ އެއްޗެއް ނޫނެވެ. ހާއްސަ ގޮތެއްގައި ތެލުލާފައި ހުންނަ ހެދިކާއެވެ. ހެދިކާއަކީ ސެޗުރޭޓެޑް ފެޓްސް ނުވަތަ ނުރަނގަޅު ފެޓްސް ގިނަ އެއްޗެކެވެ. ގިނަ ބާވަތުގެ ހެދިކާތަކަކީ ކާށިހުނި އަޅައިގެން ހަދާ ބާވަތްތަކެވެ. ކާއްޓަކީ ސެޗުރޭޓެޑް ފެޓްސް ގިނަ އެއްޗެކެވެ. ގިނައިން ހެދިކާ ކާނަމަ ހަށިގަނޑުގައި ނުރަނގަޅު ކޮލެސްޓްރޯލް އިތުރުވެ ހިތުގެ މައްސަލަތައްފަދަ މައްސަލަތައް ކުރިމަތި ކުރުވައެވެ. 
ހެދިކާ ތެލުލުމުގައި އާއްމުގޮތެއްގައި ގިނަ ގޭގޭގައި ތަކުރާރުކޮށް އެއް ތެޔޮގަނޑެއް ބޭނުން ކުރެއެވެ. ހޮޓާ، ކެފޭފަދަ ތަންތަނުގައި ތެޔޮގަނޑު އުކައިލަނީ ތެލުގެ ބާރުކެނޑި ކަޅުވެ ބޭނުން ނުކުރެވޭވަރުވުމުންނެވެ. އެކަމަކު އެތަންތަނުން ގިނަ ބައަކު ގަނެގެންވެސް ގެއަށް ގެންގޮސް ބޭނުންކުރެއެވެ. 
ތަކުރާރުކޮށް އެއް ތެޔޮގަނޑެއް ބޭނުން ކުރާނަމަ [ފްރީ ރެޑިކަލްސް] އިތުރުވެއެވެ. މިއީ ކެންސަރު ޖެހުމަށް މަގުފަހި ކުރާކަމެކެވެ. އަދި އެލްޑީއެލް ލެވަލް މަތިވެ ލޭހޮޅިތައް ބެދުމަށް މަގުފަހިކުރެއެވެ. ޑީޕްފްރައި ކުރާނަމަ އޮލިވްއޮއިލް ބޭނުން ކުރުން އެއްގޮތަކަށްވެސް ރަނގަޅެއް ނޫނެވެ. އޭގެ ބަދަލުގައި ކެނޮލާ އޮއިލް, ސަންފްލާވާ އޮއިލް އަދި ސޯއީ ބީން އޮއިލް ބޭނުން ކުރެވިދާނެއެވެ. ރަނގަޅުގޮތަކީ ކޮންމެފަހަރަކު އާ ތެޔޮގަނޑެކެވެ. ނަމަވެސް އެންމެ ރަނގަޅުގޮތަކީ ތެލުލި އެއްޗެހި ބޭނުން ނުކުރުމެވެ. 
ހެދިކާ ކޮންމެހެން ކާންބޭނުންނަމަ ފިހެގެން ބޭނުން ކުރެވިދާނެއެވެ. 
ހެދިކާއަކީ އޭގައި ލޮނުގެ މިންވަރުވެސް އިތުރު އެއްޗެކެވެ. ކެއުމުގައި ލޮނު އިތުރުނަމަ ދުވާލުގަޑީގައި ކަރުހިއްކާނެއެވެ. މަޔޮނައިޒް އާއި އެކި ސޯސްތައް ބޭނުންކޮށްގެން ހަދާތީ ބާގާ އާއި ސަބްމެރިން ވެސް ރަނގަޅެއް ނޫނެވެ. މެޔޮނައިޒްއަކީ ފެސްޓް އަދި ލޮނު ގިނަ އެއްޗެކެވެ.
ދެން އޮތީ ފޮނި ތަކެތީގެ ވާހަކައެވެ. ގިނައިން ހަކުރު ބޭނުން ކުރާނަމަ  ބަރުދަން އިތުރުވެއެވެ. ބަރުދަން އިތުރުވުމަކީ ހިތުގެ މައްސަލަތަކާއި ޓައިޕް 2 ޑައިބެޓިކްސް އަދި ސްޓްރޯކް އަދި ބައެއް ކެންސަރު ޖެހުމަށް މަގުފަހި ކުރާކަމެކެވެ. ފޮނި އެއްޗެހީގެ ވާހަކަ ތަފްސީލުކޮށް އެހެން ފަހަރަކު ލިޔެލާނަމެވެ. 
ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ [ނެޝަނަލް ފުޑް ބޭސްޑް ޑައިޓްރީ ގައިޑްލައިން] އިން ދިވެހިންނަށް އެންމެ ރަނގަޅު ކެއިން ބުއިމާ ބެހޭ މައުލޫމާތު ލިބޭނެއެވެ. ތެޔޮ ހެދިކާގެ ބަދަލުގައި ހަށިގަނޑަށް އެންމެ ރަނގަޅު ތަކެތީގެ ވާހަކަ އެ ގައިޑްލައިން ގައި އެބަ ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ