ތަކަންދޫއާއި މާރަންދޫއަށް އާރްޓީއެލް ފެރީ ހިދުމަތް މި މަހުގެ 25 ގައި ފަށާނެ

ހއ. ތަކަންދޫ އަދި ހއ. މާރަންދޫ އަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ.
މި ދެރަށަށް އާރްޓީއެލް ދަތުރުތައް ކުރިއަށް އޮތް ރޯދަމަސް ފެށުމުގެ ކުރިން ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހު ފަހުކޮޅު ތިލަދުންމަތީ ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގައި އިއުލާން ކުރައްވާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އާރްޓީއެލް ފެރީ ދަތުރުތަކުގެ ހއ. އިހަވަންދ އިން ހދ. ކުޅުދުއްފުށި ރޫޓުގައި ހއ. ތަކަންދޫ އަދި ހއ. މާރަންދޫ ހިމަނަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިދަތުރުތައް ފެށުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައި ކަމަސް އެ މިނިސްޓްރީން ބުނެއެވެ.
ހއ. އަތޮޅުގެ ދެ ރަށަކަށް އާރްޓީއެލް ފެރީ ހިދުމަތް ފަށަން ތައްޔާރުވެފައިވާ އިރު، ރައީސް މުއިއްޒު ވަނީ މި އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އަދި ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފައްޓަވާނެ ކަމަށް އިއުލާން ކުރައްވާފައެވެ.
އާރްޓީއެލް ހިދުމަތް އެންމެ ފަހުން ފަށާފައި ވަނީ ޒޯން 5 (ހުވަދޫ އަތޮޅު) އަދި ޒޯން 6 (އައްޑޫ ސިޓީ/ފުވައްމުލައް ސިޓީ) ގުޅުވައިދޭ ފުވައްމުލައް - ވާދޫ އަށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.
ފަސޭހައިން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ގައުމީ ފެރީ ނިޒާމެއް ގާއިމުކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަށް ފެރީ ނިޒާމުންވަނީ ގުޅާލާފައެވެ. އަދި ޅ. އަތޮޅާއި ހުވަދު އަތޮޅުގެ އިތުރުން އައްޑު އަތޮޅުގައި ވެސް މި ހިދުމަތް ވަނީ ފަށާފައެވެ.
އާރްޓީއެލް ފެރީ ހިދުމަތްދޭ އަތޮޅުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީން އެފްޖޭއެސް ކޮންސަލްޓިން އާ ހަވާލުކޮށްގެން ހެދި ދިރާސާ އިން ބުނާ ގޮތުގައި ސާވޭގައި ބައިވެރިވި، 86 ޕަސެންޓް މީހުން ގަބޫލު ކުރާ ގޮތުގައި އާރްޓީއެލްގެ ސަބަބުން ގޭބިސީގެ ދަތުރުފަތުރުގެ ހަރަދު ވަނީ ކުޑަވެފައެވެ. ދަތުރުފަތުރުގެ ހަރަދު ކުޑަވެ، އޭގެ ސަބަބުން ލިބޭ ސޭވިންގެ ސަބަބުން އިގްތިސޯދީ ހާލަތާއި އާއިލާތަކާއި ގޭބިސީތަކުގެ މާލީ ތަނަވަސް ކަން އިތުރުވެގެން ދެއެވެ.
އާރްޓީއެލް ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. މި ފެރީތަކަކީ އެމްޓީސީސީން ކުރިން ބޭނުންކުރަމުން އައި ފެރީތަކުގެ ސްޕީޑަށްވުރެ 3 ގުނަ އަވަސް ފެރީތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ