މި އުޅެނީ ރާއްޖެ ހަމަމަގަށް އަޅުވަން، ބޮޑު ބަދަލު ގެންނަން، އެކަން ވާނީ ނަޝީދު ޗެއާއަށް ހޮވައިގެން: ފައްޔާޒު
ރާއްޖެ ހަމައަކަށް އަޅުވައި، އިދިކޮޅު އެމްޑީޕީއަށް ބޮޑެތި ބަދަލުތައް ގެނެވޭނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީގެ ޗެއާޕާސަން ކަމަށް އަލުން އިންތިޚާބުކޮށްގެން ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް މިރޭ ވިދާޅުވެއްޖެއެވެ. "ބޮޑު ބަދަލު"ގެ ނަމުގައި އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހުކޮށް، ވެރިކަން ހިންގުމަށް ބޮޑެތި ބަދަލުތައް ގެނެވޭނީ އެމްޑީޕީއަށް ކަމަށެވެ. ފައްޔާޒް ވިދާޅުވީ ރާއްޖެއަށް ހެޔޮ ބަދަލުތައް އެމްޑީޕީނޫން ޕާޓީއަކުން ގެނެސްފައި ނެތް ކަމަށެވެ. އެހެންވީމާ "ބޮޑު ބަދަލަ"ށް އެމްޑީޕީން ވަކާލާތުކޮށް، ރައްޔިތުންނަށް އުންމީދެއް ދޭން ޖެހޭ ކަމަށް، އޭނާ ވިދާޅުވިއެވެ. އެގޮތުން، ރައްޔިތުން ތާށިވެފައި ތިބި ތިބުމުން ނެއްޓި، ރައްޔިތުންނާ ވާހަކަ ދައްކައި، މި ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށް ފައްޔާޟް ވިދާޅުވިއެވެ. "މި ބަދަލުތައް ގެނައުމަށްޓަކައި އެމްޑީޕީއަށް ބަދަލު އެބަ ގެންނަންޖެހޭ، އެމްޑީޕީއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އެބަ ގެންނަންޖެހޭ، އެމްޑީޕީގެ ހިންގުމަށް ބަދަލުތަކެއް ގެންނަންޖެހޭ، އަދި މި ހައްސާސީ ދަނޑިވަޅުގައި އެ ބަދަލުތައް އެމްޑީޕީގެ ތެރެއިން ގެނެވޭނީ ވަރުގަދަ ޝަޚުސިއްޔަތަކަށް،" އެ ބަދަލުތައް ގެނެވޭނީ ނަޝީދަށް ކަމަށް، އޭނާ ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ، ގައުމު މި އޮތް ހާލަތުން އަރައިގަތުމަށް ގިނަ މީހުން އިތުބާރުކުރަނީ ނަޝީދަށް ކަމަށެވެ. "އެހެންވީމާ އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ދިވެހިރާއްޖެ ހަމަމަގަށް އަޅުވައި، ތާ އަބަދު އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިން މުޒާހަރާގައި ނުތިބޭނެ ގޮތެއް ހޯދުމަށްޓަކައި ދިވެހިރާއްޖެ ބަދަލުކުރުމަށްޓަކައި އެމްޑީޕީގެ ޗެއާޕާސަންކަމަށް ރައީސް މުޙައްމަދު ނަޝީދު މިއަދު ގެނައުމަށް ކުރާ މަސައްކަތް،" ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް މިފަދައިން ވިދާޅުވިއިރު، ފާހަގަކުރެވޭ ގޮތުގައި އޭނާ ވެރިކަމަށް ގެންނަން ތާއީދުކުރައްވާކަން ނަޝީދު ވަނީ ހާމަކުރައްވައިފައެވެ. މީގެ ކުރިން ބަހުގެ ހަމަލާތައް ވެސް ރައްދުކުރެއްވި ދެ ބޭފުޅުން އެކުގައި މަސައްކަތްކުރައްވާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ. ފައްޔާޒް ވެރިކަމަށް ގެނައުމަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމުގެ އިތުރުން، ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާނެކަން ހާމަކުރެއްވީ "ބޮޑު ބަދަލު"ގެ ނަމުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. "މި ބޮޑު ބަދަލު ގެނައުމަށްޓަކައި އަޅުގަނޑު ތާއީދުކުރަން ފައްޔާޒް އިސްމާއިލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް،" ނަޝީދު އިއުލާނުކުރެއްވިއެވެ. "އަދި، އަޅުގަނޑު ހަމަ އެއާ އެކުގައި މަސައްކަތްކުރާނީ ފުރަތަމަ ކަމަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އެއްބަސްވުމާއި އެ މީހުންގެ ބަލައިގަތުން މި ބަދަލުތަކަށް އަޅުގަނޑުމެން ހޯދުން. އެހެންވީމާ އަޅުގަނޑު ގަސްތުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން،" އެ މަނިކުފާނު ވިދާޅުވީ، އެފަދައިން އަމަލުކުރައްވަނީ ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ކޮންމެހެން ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެންނާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ