މާލެ ރީޖަނަލް ލީގު، ދެވަނަ ޑިވިޝަން 2026 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި، މަހިބަދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް، ޓެންޓް ސްޕޯޓްސް ކުލަބުން މުހިންމު މޮޅެއް ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ޓެންޓް މޮޅުވީ، މަހިބަދޫއިން ލީޑުގައި އޮއްވައި ފަހަތުން އަރައި 3-4 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި މަހިބަދޫއިން ވަނީ ލަނޑެއް ޖަހައި ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ގޮމާ މޮޝޫދުއެވެ. މަހިބަދޫއިން ވަނީ އޭގެ 15 މިނެޓުފަހުން އިތުރު ލަނޑެއް ޖަހައި މެޗުގައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަރްހަމް އަމްޖަދުއެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ މަހިބަދޫއިން ކުޅެމުންދަނިކޮށް ޓެންޓުން މެޗުގައި ފުރަތަމަ ލަނޑު ޖެހީ، 25 ވަނަ މިނެޓުގައި ސިންނަތަންމީ ތިލްހަމް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އޭގެ ދެ މިނެޓުފަހުން މަހިބަދޫއިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ފަހުމާނެވެ.
ފަހުމާންގެ ލަނޑާއެކު މަހިބަދޫއިން ލީޑު ފުޅާކުރިތާ މިނެޓެއް ފަހުން އަނެއްކާވެސް ޓެންޓުން އިތުރު ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހަސަން ނިމާލެވެ.
މެޗުގެ ފުރަތަމަ 28 މިނެޓުގެ ތެރޭގައި ޖުމްލަ ފަސް ލަނޑު ފެނިގެންދިޔައިރު، ފުރަތަމަ ހާފު ނިމިގެންދިޔައީ 2-3 އިން މަހިބަދޫ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ތަފާތު ރޫހެއްގައި ނުކުމެ ކުޅެމުންދިޔަ ޓެންޓުން، މެޗުގެ ނަތީޖާ ބަދަލުކޮށްލީ އެންމެ ފަސް މިނެޓުގެ ތެރޭގައެވެ. އެގޮތުން ޓެންޓަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު، ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ އަބްދުލް މުޙައިމިނެވެ. އަދި އޭގެ ފަސް މިނެޓުފަހުން ތިލްހަމް ވަނީ އިތުރު ލަނޑެއް ޖަހައި، މެޗުގައި ފުރަތަމަ ފަހަރަށް ޓެންޓަށް ލީޑުނަގައިދީފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި ދެ ލަނޑަށްފަހު މަހިބަދޫއިން އަލުން އެޓޭކިން ވިސްނުމެއްގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ ނަމަވެސް، ޓެންޓުގެ ކީޕަރު މުޙައްމަދު ޝިފާން ވަނީ ވަރަށް ހުށިޔާރުކަމާއެކު، އެ ޓީމުގެ ގޯލާ އަމާޒުވި ހުރިހާ ހަމަލާއެއް ދިފާއުކޮށްފައެވެ.
މަހިބަދޫ އަތުން ހޯދި މޮޅާއެކު ޓެންޓުން ވަނީ ވަގުތީ ގޮތުން ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. ޓެންޓަށް ތާވަލުގެ ދެވަނަ ލިބެނީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި މަހިބަދޫއަށް ތިން މެޗުން ތިން ޕޮއިންޓު ލިބިފައިވާއިރު ލިބެނީ ތާވަލުގެ ހަތަރުވަނައެވެ.
މި ދެ ޓީމު ފިޔަވައި މި ގުރޫޕުގައި ދެން ހިމެނޭ ޓީމުތަކުން ކުޅެފައި ވަނީ ދެ މެޗެވެ. މި ގުރޫޕުގައި ދެން ހިމެނޭ ކްލަބް ޓީނޭޖުން މާދަމާ ހަވީރު ނުކުންނާނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި އޮތް ލޮރެންޒޯ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި މާދަމާރޭ ބީޖީ ސްޕޯޓްސް ކުލަބު ނުކުންނާނީ ޔުނައިޓެޑް ހެންވޭރިއަންސްއާ ދެކޮޅަށެވެ.
ފަހަތުން އަރައި މަހިބަދޫ ބަލިކޮށް ޓެންޓަށް މުހިންމު މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ