ހަނގުރާމަ މެދުކަނޑާލާފައި ބާއްވާ މުއްދަތު އެމެރިކާއިން އިތުރުކޮށްފި

އީރާނާއި އެމެރިކާއާއި ދެމެދު ހަނގުރާމަ މެދުކަނޑާލާފައި އޮތް ދެ ހަފްތާގެ މުއްދަތު (ސީޒްފަޔާ) މިއަދު ހެނދުނު ހަމަވެފައިވާއިރު، ސުލްހައިގެ މަޝްވަރާތަައްކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ގާއިމުކުރުމަށް އީރާނަށް ވަގުތު ދިނުމުގެ ގޮތުން މުއްދަތެއް ނެތް ގޮތަށް ހަނގުރާމަ މެދުކަނޑާލާފައި ބާއްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ. އެގޮތަށް ނިންމެވީ ސުލްހައިގެ މަޝްވަރާތަކުގެ މެދުވެރިވާ ޕާކިސްތާނުގެ އެދުމުގެ މަތިން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މުއްދަތު އިތުރު ކުރި ނަމަވެސް އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހުރަސްތައް އަދިވެސް އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަސްކަރިއްޔާއަށް އަންގާފައި މިވަނީ ބްލޮކޭޑް ކުރިއަށް ގެންދިއުމަށާއި، އެހެން ހުރިހާ ގޮތަކުން ވެސް ތައްޔާރަށް އަދި ގާބިލްކަމާއެކު ތިބުމަށް، އަދި އެހެންކަމުން އެމީހުންގެ ހުށަހެޅުން ހުށަހަޅާ، އަދި މަޝްވަރާތައް ނިމެންދެން ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރާނަން," ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ލިޔުއްވާފައިވެއެވެ. މުއްދަތު ހަމަވި ފަހުން އީރާނުން ވެސް ހަމަލާއެއް ދީފައި ނުވި ނަމަވެސް ޓްރަމްޕްގެ އެ ނިންމެވުމާ ގުޅިގެން ރަސްމީކޮށް އެއްޗެއް އަންގާނެ ކަމަށް އީރާނުގެ ތަސްނީމު ނޫހުން ބުނެފައިވެއެވެ. މީގެ ކުރިން ޓްރަމްޕް ވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ވަގުތު ހަމަވުމުން އިތުރު ވަގުތު ނުދެއްވާނެ ކަމުގެ އިޝާރާތެއް ދެއްވައި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަލުން ބޮން އަޅަން ފަށާނެކަމުގެ އިންޒާރު ދެއްވާފައެވެ. ހަނގުރާމަ މެދުކަނޑަލާފައި ބާއްވާ މުއްދަތު އިތުރުކޮށްފައި މިވަނީ އެމެރިކާއިން އިރާނުގެ ބަނދަރުތަކަށް ހުރަސްއަޅާފައި އޮތް އޮތުން އީރާނުން ކުށްވެރިކޮށް، ސުލްހައިގެ މަޝްވަރާތަކުގައި ވެސް ބައިވެރިވާނެ ކަމާމެދު ޝައްކު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ބަނދަރުތައް ހިސޯރު ކުރުން އެމެރިކާއިން ކުރިއަށްގެންދާނަމަ، ހަނގުރާމައިގެ މުއްދަތު އިތުރުކުރުމަކީ މަޝްވަރާގެ މޭޒަށް އީރާނުގެ ގެނެވޭވަރުގެ ކަމެއް ކަމާމެދު ސުވާލު އުފެދޭ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އީރާނާއި އެމެރިކާއިން ދެ ހަފްތާގެ މުއްދަތަށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވީ އޭޕްރީލް 8 ވަނަ ދުވަހުއެވެ. ނަމަވެސް އެ އެއްބަސްވުމުގައި އީރާނުން ހުށަހެޅި ލުބުނާނު ހަމަނުޖެހުން ހުއްޓުވުމާއި، ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލުކުރުމާ ގުޅޭގޮތުން ހުރި ހުށަހެޅުންތަކަށް ވަނީ އެއްބަސްނުވެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ