މާލެ ރީޖަނަލް ލީގު، ދެވަނަ ޑިވިޝަން 2026 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގެ އެންމެ ފުލުގައި އޮތް ދެ ޓީމުގެ ކުރިމަތިލުން ލެގޫންސް ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.
ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މިމެޗު ލެގޫންސް ކާމިޔާބުކުރީ 7-0 ންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ދެވަނަ މިނެޓުގައި ލެގޫންސްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރު މިޑްފިލްޑަރ އަބްދުލްރަހްމާން ޝާބަންއެވެ. ޝާބަން ވަނީ މިމެޗުގައި ދެ ލަނޑު ޖަހާފައެވެ. ޝާބަންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގެ ފަހު މިނެޓުގައެވެ.
ލެގޫންސްގެ ދެވަނަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތޮލްހަތު މުހައްމަދެވެ. ފުރަތަމަ ހާފް ނިމުނީ 3-0 ންނެވެ.
ދެވަނަ ހާފްގެ ފުރަތަމަ ހަމަލާ ފޮނުވާލީ އެލްޓީއިންނެވެ. އެހެންނަމަވެސް މިހާފްގައިވެސް ފެނިގެންދިޔައީ ލެގޫންސް މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދަމުންދިޔަ މަންޒަރެވެ.
މިގޮތުން ދެވަނަ ހާފްގެ 3 ވަނަ މިނެޓުގައި ލެގޫންސްގެ 4 ވަނަ ލަނޑު ޖަހައިދިނީ ޑިފެންޑަރ ސައްދާމް ހުސެއިންއެވެ. މެޗުގެ 86 ވަނަ މިނެޓުގައި ލެގޫންސްގެ 5 ވަނަ ލަނޑު ޖަހައިދިނީ ބިދޭސީ ފޯވާޑް އަދިއްތިޔާ ކަރްކީއެވެ.
ލެގޫންސްގެ ފަހު 2 ލަނޑު މެޗުގެ 90 ވަނަ މިނެޓާއި ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ބަދަލަށް ކުޅެން ނިކުތް ބަހްޖަތު އަބްދުލް އަޒީޒެވެ.
މިނަތީޖާއާއެކު ލެގޫންސް ސްޕޯޓްސް ކްލަބަށް ކުޅުނު 4 މެޗުން ލިބެނީ 4 ޕޮއިންޓެވެ. ލެގޫންސް އޮތީ ގްރޫޕް އޭގެ 5 ވަނާގައެވެ. އަދި ކުޅުނު 4 މެޗުންވެސް ބަލިވެ އެލްޓީ އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ.
އެލްޓީ ކޮޅަށް 7 ލަނޑު ޖަހާ ލެގޫންސް ފުރަތަމަ މޮޅު ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ