ކަނޑުން ގެއްލުނު ބަޔަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ރައީސް ވިދާޅުވުމުން އެތަން ބަލަހައްޓާނަން: ޑިފެންސް މިނިސްޓްރީ
ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނަމަވެސް، 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ އަދިވެސް ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނުކުރެއްވުމާ ގުޅިގެން، އެ ސަރަހައްދު ހިމާޔަތްކޮށް ސިފައިން ބަލަހައްޓަމުންދާނެ ކަމަށް، ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ. މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ، ގާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާކަމަށް ދިވެހި ސަރުކާރުން ބަލައިނުގަންނަ ކަމަށް ވިދާޅުވެ، 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއްކަމަށް ގާނޫނުގައި ހިމެނުމަށް ހުށަހަޅުއްވާނެކަން ހާމަކުރައްވައިފައެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ޑިފެންސް މިނިސްޓްރީން ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލްް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ޚާއްސަ އިގުތިޞާދީ ސަރަހައްދު ކަމަށެވެ. އެގޮތުން ޖުލައި 31، 1976 ގައި ރާއްޖޭން ވެފައިވާ "ޑިޓަމިނޭޝަން އޮފް ދަ ޓްރައިޖަންކްޝަން ޕޮއިންޓް އިން ދަ ގަލްފް އޮފް މަނާރު" އެއްބަސްވުން ފިޔަވައި އެހެން ގައުމަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން އެއްވެސް މިންވަރެއް ގެއްލިގެންދާނެ ފަދަ އެއްބަސްވުމެއް ނުވާ ކަމަށެވެ. މިނިސްޓްރީން ބުނީ، ރާއްޖޭގެ އުތުރުން ޑީލިމިޓްކޮށްފައިވާ ސަރަހައްދު ފިޔަވައި ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުން 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދެއް ރާއްޖެއަށް ލިބިގެންވާކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން ގާނޫނުގައިވާ ގޮތުން އެ ސަރަހައްދު ބެލެހެއްޓުމަކީ ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ. ވުމާއެކު، އެ ސަރަހައްދު ސިފައިންގެ ގާބިލުކަން ތަންދޭ މިންވަރަކުން އިޚްލާސްތެރިކަމާއި ފަރުވާތެރިކަމާއި ސާބިތުކަމާއެކު ބަލަހައްޓަމުންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މި ސަރުކާރު ވެރިކަމަށް އައީ މިދިޔަ ސަރުކާރުގައި "ގެއްލުނު ކަނޑު" ހޯދައިދޭނެ ކަމަށް ބުނެއެވެ. ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަޙައްދު ހޯދުމަށް ކުޑަ ވެސް ދުލެއް ނުދެއްވާނެ ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މެއި މަހު ވިދާޅުވެފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާ އެކު، ޗާގޯސްއާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ. އަދި، މޮރިޝަސްއާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ