ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ހޮވުމަށް، މާލޭގެ ވަރަށް ވިޔަފާރިވެރިން އެމަނިކުފާނަށް ތާއީދުކުރައްވާ، އެންޑޯސްކޮށްފިއެވެ.
ޖަލީލް އާއެކު މާލޭގެ ގިނަ ވިޔަފާރިވެރިންތަކެއް މިއަދު ބޭއްވި ހާއްސަ ބައްދަލުވުމެއްގައި، މާލެ ސަރަހައްދުގައި ވިޔަފާރި ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިން ވަނީ ޖަލީލުގެ ސިޔާސަތުތަކަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
މި ބައްދަލުވުމުގައި ވިޔަފާރިވެރިން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މާލެ ސަރަހައްދުގައި ޕާކް ކުރުމަށް ދިމާވެފައިވާ ދަތިތަކާއި، މުދާ އުފުލުމާއި ގުދަން ކުރުމުގައި ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކެވެ. އެގޮތުން މުދާ އަރުވާ ބޭލުމަށް އެކަށީގެންވާ ޖާގަ ނެތުމުގެ ސަބަބުން ވިޔަފާރިތަކަށް މާލީ ގޮތުންނާއި ވަގުތުގެ ގޮތުން ގެއްލުންވަމުންދާކަން ވިޔަފާރިވެރިން ފާހަގަކުރިއެވެ.
މީގެ އިތުރުން، މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ ސަބަބުން މުދާ ސަޕްލައި ކުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ބޭނުންވާކަމަށް ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހުރުމާއިއެކު ޖަލީލު ވަނީ ވިޔަފާރިވެރިންގެ މި ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ސަރުކާރުގެ ޕާޓީގެ ފަރާތުން ޖަލީލް ވާދަކުރައްވާއިރު، ވަރަށް ގިން ބޭފުޅުން އަންނަނީ އެމަނިކުފާނަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.
އެގޮތުން ދާދި ފަހުން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވެސް ވަނީ ޖަލީލަށް ތާއީދުކުރައްވައި އެންޑޯޒްކުރައްވާފައެވެ. އަދި މާލެ ސިޓީގެ ފުރަތަމަ މޭޔަރު ކަމަށްވާ އާދަމް މަނިކު (ސަރަނގު) ވެސް ދާދި ފަހުން ވަނީ ޖަލީލަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.
މާލޭގެ ވަރަށް ގިނަ ވިޔަފާރިވެރިންގެ ތާއީދުވެސް މޫސާ އަލީ ޖަލީލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ