ދިރާގުގެ ސްޕީޑްބޯޓު ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބާކީ އޮތީ 3 ދުވަސް

ދިރާގުން ކުރިއަށްގެންދާ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދޭ ދެވަނަ އަދި އެންމެ ފަހު ސްޕީޑްބޯޓު ހޯދުމަށް އެންރޯލްކުރުމަށް ބާކީ އޮތީ އެންމެ ތިން ދުވަސް ކަމަށް އެ ކުންފުނިން ބުނެފިއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި ހިނގާ މާރިޗު މަހުގެ 31 ވަނަ ދުވަހެވެ. މި ޕްރޮމޯޝަންގެ ދަށުން އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަލް ޝާލީ މެރިންގެ ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. މި ބޯޓުގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާއިރު، މިއީ އެކި ބޭނުންތަކަށް ދުއްވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާއާ މިހާރު ބޯޓު ހަވާލުކޮށްފައިވާއިރު، ދެވަނަ ނަސީބުވެރިޔާ ގުރުއަތުން ހޮވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ދިރާގުން މައުލޫމާތު ދޭ ގޮތުގައި، މީގެ ކުރިން މި ޕްރޮމޯޝަނަށް އެންރޯލްކޮށްފައިވާ ކަސްޓަމަރުން އަލުން އެންރޯލްކުރާކަށް ނުޖެހޭނެއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. އެގޮތުން، ޕްރީޕެއިޑް ކަސްޓަމަރުން 450 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީލޯޑްކުރުމުން ބައިވެރިވެވޭއިރު، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭނީ 450 ރުފިޔާއިން ފެށިގެން މަތީގެ ޕްލޭންތައް ގެންގުޅޭނަމައެވެ. އަދި ފައިބާ އިންޓަނެޓް ގެންގުޅޭ ފަރާތްތަކަށް ބައިވެރިވެވޭނީ 40 އެމްބީޕީއެސް އިން ފެށިގެން މަތީގެ ޕްލޭންތަކަށެވެ. މީގެ އިތުރުން ދިރާގުޕޭއަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް ގުރުއަތުން ހޮވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ