ޤައުމީ ޖާޒީގައި އަޝްފާޤް ކުޅޭ 99ވަނަ މެޗު

ރާއްޖޭގައި އިއްޒަތާއި ގަދަރުގެ ގޮތުން އަރާތިބި އެތައް ޝަހުސިއްޔަތެއް އެބަ ތިއްބެވެ. އިޚްތިރާމާއި ލޯބި ހޯދައި، ޤައުމީ ބަޠަލުންގެ ދަރަޖަ ދެވިފައިވާ މަދު ނަންތަކެއް ވެއެވެ.
މި ހުރިހާ ފަރާތްތަކެއްގެ ލިސްޓެއް އެކުލަވާލާނަމަ، އެ ލިސްޓުގައި އެންމެ މަތިން ދަރަޖަކުރެވޭ އެއް ފަރާތަކަށް، ދިވެހި އަދި ސަރަހައްދީ ފުޓުބޯޅަ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، އަލީ އަޝްފާޤް ވާނެއެވެ.
ސަރަހައްދީ ޤައުމުތަކަށް އެއީ "މޭން އޮފް ސްޓީލް" އެވެ. ދިވެހިންނަށް އެއީ ދިވެހިންގެ "ދަގަނޑޭ" އެވެ.
ދިވެހި ފުޓުބޯޅައިގެ ޕީކުގައި، ކުލަބު ފޯރިއާއި ޖޯޝު އޮތް ދުވަސްވަރެއްގައި އަޝްފާގް ވެގެންދިޔައީ އޭނާ ކުޅޭ ޓީމުތަކާއި، އިދިކޮޅަށް ނުކުންނަ ކުލަބުތަކުގެ ސަޕޯޓަރުން ވެސް އެންމެ އިޚުތިރާމުކުރާ، އެންމެ ޖެހިލުންވާ ކުޅުންތެރިޔާ އަށެވެ.
ކޮންމެ ކުލަބަކަށް ދަގަނޑޭ ކުޅުނު ނަމަވެސް، ދިވެހިންނަށް ދެކެވިފައި އޮންނަނީ އެއީ ޤައުމީ ކުޅުންތެރިޔާގެ ގޮތުގައެވެ. ސަޕޯޓުކުރާ ޓީމުކޮޅަށް ލަނޑު ޖެހިނަމަވެސް، އެ ލަނޑު ޖެހީ އަޝްފާގް ކަމަށް ވެއްޖެނަމަ، ބޭއިޚްތިޔާރުގައި އަތްޖަހާލެވެއެވެ. ދިވެހިންގެ ހިތުގައި އޭނާއަށް ދެވިފައިވާ ލޯތްބާއި އިޚްތިރާމުގެ މަގާމު އެހާވެސް މަތީއެވެ.
ޝައްކެއްވެސް ނެތް ގޮތުގައި އޭނާ ދިވެހިންގެ "ލެޖެންޑް" އަކަށްވީ، ފުޓުބޯޅައިގައި އޭނާ ކޮށްފައިވާ މަސައްކަތްތަކާއި ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުންނެވެ.
ޤައުމީ ޖާޒީގައި ކުޅޭ ހުރިހާ މެޗެއްގައި ދާ އޮހޮރުވައި، ބައެއް މެޗުތަކުގައި ލޭ އޮހޮރިފައިވާ ހާލު ވެސް، މި ޤައުމަށް ޝަރަފާއި އިއްޒަތް ހޯދައިދޭން އޭނާ ދެއްކި ހިތްވަރާއި އަޒުމުގެ ސަބަބުންނެވެ.
އަލީ އަޝްފާޤަކީ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. ކެރިއަރުގައި 54 ލަނޑު އޭނާ ޤައުމީ ޖާޒީގައި ޖަހާފައިވާއިރު، މިހާތަނަށް އައި އިރު އޭނާ ވަނީ 98 މެޗު ޤައުމީ ޓީމަށް ކުޅެދީފައެވެ.
ރާއްޖެ ދުށް އެންމެ މޮޅު އެއް ފޯވާޑް، އަލީ އުމަރަށް އައި ތިން މެޗުގެ ސަސްޕެންޝަކާ ގުޅިގެން 2001 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު، ވެލެންސިއާގެ ޖާޒީގައި ފުރަތަމަ ފަހަރަށް ރަސްމީ ފުޓުބޯޅައިގެ ތެރެއަށް ނުކުތުމުގެ ފުރުސަތު ލިބުނު އަޝްފާޤް، ޤައުމީ ޖާޒީގައި އެންމެ ފުރަތަމަ މެޗެއް ކުޅުނީ 2003 ވަނަ އަހަރު، ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވި މެޗުގައެވެ.
ހަމަ އެ އަހަރު އަޝްފާޤް ވަނީ ބޫޓާނާ ދެކޮޅަށް އެ މުބާރާތުގައި ކުޅުނު މެޗުގައި ލަނޑު ޖަހާފައެވެ.
އެ ފަހުން 23 އަހަރު ފާއިތުވެގެންދިޔައިރު، އަޝްފާގް މިވަނީ އޭނާގެ 99 ވަނަ މެޗަށް ތައްޔާރުވާން ފަށާފައެވެ. އަނިޔާގެ މައްސަލަތަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށްފަހު އޭނާ ޤައުމީ ސްކޮޑުގައި ހިމެނިފައި މިވަނީ ގާތްގަނޑަކަށް ތިން އަހަރަށް ފަހުއެވެ. އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2023 ވަނަ އަހަރު މާޗް މަހު ޕާކިސްތާނާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗު ކުޅުނީ ލ. އަތޮޅު ޒޯން ސްޓޭޑިއަމްގައެވެ.
ތިން އަހަރުގެ މެދުކެނޑުމަކަށްފަހު، ދިވެހި ސަޕޯޓަރުންގެ ކުރިމައްޗަށް އަލީ އަޝްފާޤް ޤައުމީ ޖާޒީގައި ނުކުންނާނީ އަންނަ އަންގާރަ ދުވަހުގެ 15:30 ގައި، އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނަ މެޗުގައެވެ.
މިއީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ދުވަހެކެވެ. ދިވެހިންގެ "ދަގަނޑޭ"، ދިވެހިންގެ ކުލަތަކުން ޖަރީކޮށްފައިވާ، ދިވެހި ޤައުމީ ޖާޒީގައި، ދިވެހިންގެ ޝަރަފާއި އިއްޒަތަށްޓަކައި ނުކުންނަ ދުވަހު، ދިވެހި ޓީމުގެ 12 ވަނަ ކުޅުންތެރިއާގެ ސަޕޯޓަށް މުޅި ޓީމު އަންނަނީ އެދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ