ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރަކީ އިހްތިސޯސުން ބޭރުން އެކޯޓުން ކޮށްފައިވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ސަސްޕެންޝަން އުވާލުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅުއްވާފައެވެ. ސުޕްރީމް ކޯޓުން ވަނީ އެ ދުސްތޫރީ މައްސަލަ އެކީ ނިމެންދެން ސަސްޕެންޝަންގެ އެއްވެސް އިޖުރާއަތެއް ކުރިއަށް ނުގެން ދިޔުމަށް ވަގުތީ އަމުރެއް ވެސް ނެރެފައެވެ.
މި އަމުރު ނެރުމާއެކު ޖޭއެސްސީ އިން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި އެ އަމުރު ގަބޫލު ނުކުރަން ނިންމަވާފައެވެ.
މިއަދު ލަންކާގައި ކުރިއަށް ދިޔަ ނޫސްވެރިން ބައްދަލުވުމެއްގައި ނަޝީދު މިކަމާއި ގުޅޭގޮތުން ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓަށް ގާނޫނީ ކަންކަމުގައި އެންމެ ފަހު ބަސް އިއްވުމުގެ ބާރު ލިބިގެންވާ ކަމަށާއި ބާރު ބޭނުން ކުރަންވާނީ ގާނޫނު ބުނާގޮތަށް ކަމަށެވެ. އަދި ޖޭއެސްސީގެ މަސައްކަތެއް ހިނގަމުން ދަނިކޮށް ސުޕްރީމް އިން އަމުރު ނެރުމަކީ މުޅިންވެސް އިހުތިސޯސުން ބޭރު ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަންކަމަށް ވިސްނަވާނެ ހީކުރާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ބާރު ހަނިކޮށްލަން ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.
ޖޭއެސްސީގެ މަސައްކަތަށް، ސުޕްރީމް ކޯޓުން މަސައްކަތް ކުރައްވާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ ވިދާޅުވެ ސުޕްރީމް ކޯޓުގެ ބަައެއް ބާރުތަށް ހަނިކުރެއްމަށް އެދިފައެވެ. އަދި މިކަންކަން ހުއްޓުވައި ދިނުމަށް ޖުޑިޝަރީ ކޮމިޓީގައި އެދިވަޑައިގެންފައެވެ.
ސުޕްރީމް ކޯޓުން ޖޭއެސްސީގެ މަސައްކަތުގެ ތެރެއަށް ވަދެފައިވަނީ އިހުތިސޯސުން ބޭރުން - ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ