ސަރުކާރުން ހެޔޮ ބަދަލު ގެނެސްދީފިން، އިންސާފުކުރާނީ ރައްޔިތުން: ހޫދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެކި ދާއިރާތަކުން ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، އެހެން ނަމަވެސް ސަރުކާރުގެ ދުވެލި ހުރި މިންވަރު ކަނޑައަޅާނީ ރައްޔިތުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޫދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 މަސައްކަތު ދުވަހުގެ ވައުދުތަކުގެ 84 ޕަސަންޓު ހާސިލުކުރެވިފައިވާ ކަމަށެވެ. އަދި ވޭދުވެ ދިޔަ ހަ މަސް ދުވަހުގެ ތެރޭގައިވެސް ގިނަ ކަންކަން ހާސިލުކުރެވިފައިވާ ކަމަށެވެ. "އަޅުގަނޑަކަށް ނޭގެ ސްޕީޑް ދަންނަވާކަށް. ފާސްޓު ދޯ، ސްލޯ ތޯ، އިންޓަމީޑިއަޓު ތޯ، ނުވަތަ ގޫގްލް ތޯ. އެކަންކަން ނިންމަވާނީ ރައްޔިތުން. އަޅުގަނޑަށް އިގޭކަމަކީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން،" ހޫދު ވިދާޅުވިއެވެ. މީގެ ކުރީގައި ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި ސިޔާސީ މަސްރަހާ ގުޅޭ ކަންތައްތަކާއި، ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ މީހުން ހައްޔަރުކުރުމާއި ވިޔަފާރިތަކަށް ގެއްލުން ދިނުމާއި، ކޮރަޕްޝަނުގެ މައްސަލަތަކާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތައް ނުހިނގުން ފާހަގަކުރެއްވިއެވެ. "[މިދިޔަ ސަރުކާރުގައި] އަޅުގަނޑުގެ ހުރި ކޮންސާންތައް މިއަދު ނެތް. ގިނަ ރައްޔތުންގެ ކިބއިގައި އަށަގެންފައި ހުރި ބިރާއި ކޮންސާންތައް ކޮންމެވެސް ވަރަކަށް މަދުވާނެހެން ހީވަނީ. އެއީ އަޅުގަނޑު މި ކިޔާ ބަދަލުތައް،" ހޫދު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލާފައިވާ ކަމަށެވެ. ހޫދު ވިދާޅުވީ އޭގައި ހިމެނެނީ ރައޔްިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ބޭނުންކުރި "އެޖެންޑާ 19" މެނިފެސްޓޯގެ ސިޔާސަތުތަކާއި ސަރުކާރުގެ ސިޔާސަތުތައް ކަމަށެވެ. "މި ޕްލޭނަކީ ކުރިއަށް އޮތް 5 އަހަރުގެ ސަރުކާރުގެ މަގުޗާޓު. މި ޕްލޭނުގައި އަޅުގަނޑުމެން ކުރާނެ ހުރިހާ ކަމެއް ޕްލޭނުގައި އޮންނާނެ. މިސާލަކަށް ސީމަނުންނަށް އެހީތެރިވުން ކަމަށް ވިޔަސް، ނުވަތަ ގޭގައި ހެދިކާ ހަދައިގެން އާމްދަނީ ހޯދާ ހޯމް ބޭސްޑް ވޯކާސްއަށް މަންފާތަކެެއް ހޯދައިދޭން ކަމާށް ވިޔަސް، މިސްކިތެއްގައި ދޫލަ އެޅުން ކަމަށް ވިޔަސް، އަދި ބަނދަރު އެހެން ތަނަކަށް ބަދަލުކުރަން ވިޔަސް، މި ހުރިހާ ކަމެއް އޮންނާނެ." ހޫދު ވިދާޅުވީ މި އެކްޝަން ޕްލޭނުގައި، ސަރުކާރުން ކޮންމެ އަހަރެއްގައިވެސް ކުރާނެ ހުރިހާ ކަމަކާއި ހާސިލުކުރާނެ ލަނޑުދަނޑިތައް ސެޓުކޮށްފައި އޮންނާނެ ކަމަށެވެ. އަދި މި ޖުލައި މަހު އެ އެކްޝަން ޕްލޭން އާންމުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. "އޭރުން ރައްޔިތުންނަށްވެސް އެނގިލައްވާނެ އަޅުގަނޑުމެން ކުރަން ކީ ކޮން ކަމެއްތޯ، އެކަމަށް ހިނގާނެ ހަރަދާއި އަދި އެކަން ކުރަން ނިންމަން އަޅުގަނޑުމެން ބުނެފައި އޮތް ތާރީކު ވަރަށް ބޮޑަށް ސާފުވެގެން ދާނެ. މިއީ އަޅުގަނޑުމެން އެކައުންޓަބަލް ކުރަން ވަރަށް ބޮޑު ފަސޭހައަކަށް ވާނެ،" ހޫދު ވިދާޅުވިއެވެ. ސަރުކާރުގެ ދުވެލި މަޑުވާ ވާހަކައަށް ރައްދު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ ތަރައްގީގެ މަސައްކަތްތައް ނުފެށި ލަސްވެފައި ނުވާ ކަމަށެވެ. އަދި މިދިޔަ 10 އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކުންވެސް ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބޮޑެތި މަޝްރޫއުތައް ފަށާފައި ނެތް ކަމަށެވެ. ހޫދު ވިދާޅުވީ މި އަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން 178 ރަށެއްގައި އެކި މަޝްރޫއުތައް ޖަހާފައި އެބަ އޮތް ކަމަށެވެ. އޭގެ ތެރޭގައި ސްކޫލާއި ކްލާސްރޫމް އެޅުމާއި، ބަނދަރު ހެދުމާއި ހޮސްޕިޓަލު ތަރައްގީކުރުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރެއިން 117 ރަށެއްގެ މަސައްކަތްތައ އެކި މަރުހަލާގައި ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. "އޭގެ ތެރެއިން 41 ރަށެއްގައި މިހާރު އަމަލީ ގޮތުން މަސައްކަތް ފެށިގެން މި ދަނީ. މިއީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި މަސައްކަތް ކުރެވުނު އަދަދަށް ވުރެ ފާސްޓު އަދަދެއް،" ހޫދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގައުމުގައި ހިނގާ ކަންކަމުގެ ތެރެއިން ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަމުގައި ބަސް ބުނެ، ކަންބޮޑުވުން ފާޅުކޮށް ހަދާނެ ފުރުސަތުވެސް ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ