ޓްރަމްޕް ކުރެއްވި ޓްވީޓުން ނުރައްކާ ބޮޑުވެއްޖެ: މުސްލިމް މެމްބަރު

ވޮޝިންޓަން (އެޕްރީލް 16) - އެޑިޓްކޮށްފައިވާ ވީޑިއޯއަކާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގެ ސަބަބުން މަރުގެ އިންޒާރު ލިބެން ފަށާފައިވާ ކަމަށް ކޮންގްރެސްގައި ހިމެނޭ މުސްލިމް މެމްބަރު އިލްހާން އުމަރު ވިދާޅުވެއްޖެ އެވެ.
"ޓްރަމްޕުގެ ޓްވީޓަކުން ދަނީ އެހެން މީހުންގެ ފުރާނައަށް ނުރައްކާވަމުން. އެކަން ޖެހޭނީ ހުއްޓުވަން،" އިލްހާން ވިދާޅުވި އެވެ.
އިލްހާން ޓްވީޓް ކުރެއްވި އިރު ހައުސްގެ ސްޕީކަރު ނެންސީ ޕެލޯސީ ވަނީ މިނެސޮޓާގެ ޑިމޮކްރެޓިކް މެމްބަރު އިލްހާންގެ ހިމާޔަތުގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޓްރަމްޕުގެ ޓްވީޓް ޑިލީޓް ކުރުމަށް ވަނީ ގޮވާލައްވައިފަ އެވެ. ޕެލޯސީގެ ބަޔާނަށް ފަހު ޓްރަމްޕުގެ ވީޑިއޯ ވަނީ އަންޕިންކޮށްފަ އެވެ. އެކަމަކު ޓްވީޓް ޑިލީޓްކޮށްފައެއް ނުވެ އެވެ.
އިލްހާން އަށް މަރުގެ އިންޒާރު ދިން ނިއު ޔޯކް މީހަކު ދާދި ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ޓްރަމްޕް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ އިލްހާން ކޮންޓްރޯލުން ނައްޓާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިލްހާން ދިފާއު ކުރައްވާތީ ޓްރަމްޕް ވަނީ ޕެލޯސީ އަށް ވެސް ފާޑު ވިދާޅުވެފަ އެވެ. ޓްރަމްޕް ކުރިން ވަނީ މުސްލިމުން ދިފާއުކޮށް އިޒްރޭލަށް ފާޑު ކިޔާތީ ވެސް އިލްހާންއާ މެދު ހިތްހަމަޖެހިވަޑައިނުގެންފަ އެވެ.
ޓްރަމްޕް ޓްވީޓް ކުރެއްވީ ކައުންސިލް އޮން އެމެރިކަން- އިސްލާމިކް ރިލޭޝަންސްގައި ސެޕްޓެމްބަރު 11، 2001 އާ ގުޅޭ ގޮތުން އިލްހާން ދެއްކެވި ވާހަކަތަކެއްގެ އެޑިޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ