ދީބާޖާ އަށް 348 މިލިއަން ދޭންކުރި ހުކުމް މުރާޖައާކުރަން ޖެހޭ: ސުއޫދު

އުތުރު ޕްރޮވިންސް ގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާއި އެކުވި އެއްބަސްވުން ސަރުކާރުން އުވާލުމުން ގެއްލުމުގެ ބަދަލު ހޯދަން އެކުންފުނިން ކުރި ދައުވާގައި އެކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށް ސްޕްރީމް ކޯޓުން ކުރި ހުކުމް އަލުން އެކޯޓުން ރިވިއުކުރަން ޖެހޭކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
އުތުރު ޕްރޮވިންސް ގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާއި އެކު އެއްބަސްވުން އެކުލަވާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އެއް އެއބަސްވުން ބާތިލް ކޮށްފައެވެ.
މިމައްސަލާގައި 2.4 ބިލިއަން ރުފިޔާ ހޯދުމަށް ސިވިލްކޯޓްގައި ކުރި ދައުވާގެ ހުކުމުގައި އެކޯޓުންވަނީ ދިބާޖާއަށް 348 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައެވެ. ނަމަވެސް ހައިކޯޓުން އެ ހުކުމް ބާތިލްކޮށްފައިވަނިކޮށް ސްޕްރީމް ކޯޓުން އިއްޔެވަނީ ހައިކޯޓްގެ ހުކުމް ބާތިލްކޮށް ދަށު ކޯޓްގެ ހުކުމް ދަމަހައްޓާފައެވެ.
މި ހުކުމާއި ގުޅިގެން ސުއޫދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ސްޕްރީމް ކޯޓުން މިމައްސަލާގައި އިއްޔެކުރި ހުކުމް އެކޯޓުން އަލުން މުރާޖަޢާކުރަން ޖެހޭ ކަމުގައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ސުއޫދު ނުދެއްވައެވެ.
މިމައްސަލާގައި ހައިކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލްކޮށްފައިވަނީ މައިގަނޑު ގޮތެއްގައި، އެމައްސަލައިގެ ދަށު ކޯޓްގެ ހުކުމް އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވެފައި ވަނިކޮށް މައްސަލަ ބަލައިގަނެ ހައިކޯޓުން އެމައްސަލަ ކުރިއަށް ގެންދިއުމުން އެކަމާއި ގުޅުވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ