3 ނޮވެމްބަރު 1988ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމާ ގުޅިގެން އެކަމުގެ އުފަލުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވަން ނިންމި ޖަލްސާ ދެވަނަ ފަހަރަށް ފަސްކޮށްފި އެވެ.
މިޖަލްސާ ބޭއްވުމަށް އުމަރު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ މިޖަލްސާ ބޭއްވުމަށެވެ. ނަމަވެސް މިޖަލްސާ ބޭއްވުމަށް ހުއްދަ ދީފައިވާ ކާނިވާ ސަރަހައްދުގައި އޭރު ނައިޓްމާކެޓެއް ހިނގަމުންދާތީ އުމަރު ވަނީ މިޖަލްސާ މިރެއަށް ފަސްކޮށްފަ އެވެ. އެކަމަކު ކުރިއަށް އޮތް ތިން ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށް ވިދާޅުވެ އުމަރު މިހާރު ވަނީ މިޖަލްސާ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެއަށް ފަސްކޮށްފަ އެވެ.
އުމަރު ބާއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޖަލްސާ ބޭއްވުމަށް ހައުސިން މިނިސްޓްރީން ވަނީ މީގެކުރިން ދެ ފަހަރުވެސް އުމަރަށް ކާނިވާ ސަރަހައްދު ދޫކޮށްފަ އެވެ.
ނޮވެމްބަރު 3ގެ ހަމަލާއާއި ގުޅިގެން އުމުރު ދުވަހަށް ލުތުފީ ޖަލަށް ލާފައި ވަނިކޮށް އޭނާ ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފޮނުވާލީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ދުވަސްވަރު 2010 ޖެނުއަރީ 16 ވަނަ ދުވަހު އެވެ.
ބޭސް ފަރުވާއަށް ސްރީލަންކާއަށް ފޮނުވާލުމުން ލުތުފީ އެގައުމުގައި ފިލައިގެން އުޅުމަށްފަހު މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ހާޒިރުވެ ދިވެހި ސަރުކާރާ އަމިއްލައަށް ހަވާލުވެފަ އެވެ. ލުތުފީ އެމްބަސީގައި ހުންނަތާ ދެމަސްވާން ކައިރިވެފައި ވަނިކޮށް މި މައުލޫމާތު ދިވެހި ސަރުކާރުން ހާމަކުރީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މި މައުލޫމާތު ހާމަކުރި ފަހުންނެވެ.
ހޯމް މިނިސްޓަރުގެ މަގާމުގައި އުމަރު ނަސީރު ހުންނެވި ދުވަސްވަރު އޭނާ ވަނީ ލުތުފީ ހޯދައިގެން އަނބުރާ ރާއްޖެއަށް ގެނައުމަށް މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން ލުތުފީ ހުރި ތަނެއްގެ މައުލޫމާތު ހިއްސާކުރި ފަރާތަކަށް ފައިސާގެ ބޮޑު އިނާމެއް ދިނުމަށްވެސް އުމަރުގެ ހޯމް މިނިސްޓަރު ކަމުގައި ހުށަހެޅި އެވެ.
ލުތުފީ ރާއްޖެ ގެނައުން ލަސްވެގެން ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ ނިމިދިޔަ ސަރުކާރުގައި ލުތުފީ ހުރި ތަނެއް އެނގި ލުތުފީ އަނބުރާ ރާއްޖެ ގެނެވިފައި ނުވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަމަށް ހުއްދަ ނުދެއްވައިގެން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވި ތިން ބޭފުޅަކާއި އުމަރު ނަސީރު ވެސް ވަނީ މިނިސްޓަރު އިމްރާންގެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.
ލުތުފީ މިމަހުގެ 9 ވަނަ ދުވަހުގެ ރޭ ރާއްޖެ ގެނެސް ހުކުމް ތަންފީޒު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
އުމަރު ބާއްވަން އުޅޭ ޖަލްސާ ދެވަނަ ފަހަރަށް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ