"ލޯތްބާއެކު" ސީރިއާ އާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވެދެއްވާ!

ހާލުގައި ޖެހިފައިވާ ސީރިއާ އަދި ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށް ދިނުމުގެ ގޮތުން މާދަމާ "ލޮތްބާއެކު"ގެ ހާއްސަ ހަރަކާތެއް ހިންގުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީީ) އިން ނިންމައިފިއެވެ.
އައިއޭސީ އިން ބުނީ، ސީރިއާ އާއި ޣައްޒާގެ ރައްޔިތުންނަށް އެހީ ހޯދުމަށް ހިންގާ މި ހަރަކާތް މާދަމާ ހަވީރު މާލާ ސިޓީގެ އިތުރުން ރާއްޖޭގެ ބައެއް ރަށްތަކުގައި ކުރިއަށްދާނެ ކަމަށެވެ. އެގޮތުން މި ހަރަކާތް މާލެ ސިޓީގައި ކުރިއަށްދާނީ ވަކި ސަރަހައްދުތަކެއްގައި ފަންޑް ފޮށިތައް ކަމަށް އައިއޭސީ އިން ވަނީ ބުނެފައެވެ.
މާދަމާގެ ހަވީރު 4:00ން 5:45 އަށް މި ހަރަކާތުގައި ފަންޑް ފޮށިތައް ބެހެއްޓިފައި ހުންނާނެ ތަންތަނަކީ، ރަސްފަންނާއި، އިއްޒުއްދީން ފާލަމާއި، ފުރުގާން މިސްކިތާއި، ނޫރު މިސްކިތާއި، އިސްލާމީ މަރުކަޒާއި، ހުޅުމާލެ ބޮޑު މިސްކިތާއި، ވިޔަފާރިވެރިންގެ މިސްކިތާއި، ވިލިމާލެ މަސްޖިދުލް އިޚްލާސް އާއި ވިލިމާލޭ ފެރީޓާމިނަލާއި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އައިއޭސީން މައުލޫމާތުދިންގޮތުގައި، މި ފަންޑު ފޮށިތައް ބެހެއްޓިފައި ހުންނަ ތަންތަނުގައި އެއީ ސީރިއާ އާއި ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ފަންޑު ހޯދުމުގެ ހަރަކާތެއްކަން އެނގޭނޭ ފޮށި ކައިރީގައި ބެނާއެއް ބަހައްޓާފައި ހުންނާނެއެވެ. އަދި ކޮންމެ ފަންޑުފޮއްޓެއްގައި ހާއްސަ ސްޓިކާއެއް ހުންނާއިރު، ފަންޑްފޮށިއް ކައިރީގައި ހަރަކާތްތެރިވާ ވޮލަންޓިއަރުން ތިބޭނީ ސެކިއުރިޓީ ފާހެއް އަޅައިގެން ކަމަށް އައިއޭސީން ބުނެފައިވެއެވެ.
މި ހަރަކާތް ކުރިއަށްދާނީ ބައެއް ޖަމިއްޔާތަކާއި ގުޅިގެންނެވެ. އެ ޖަމިއްޔާތަކަކީ ހިޖުރަ، މާސީ، ޕީސް ފައުންޑޭޝަން، މަހަލްދީބް އަދު ހެޔޮބިންގާގެ އިތުރުން ރީޗް އާއި ޓީޑީއެމްއެވެ. އަދި ރަށްރަށުގައި މި ހަރަކާތް ކުރިއަށްދާނީ އެރަށަކުން މިހަރަކާތުގައި ބައިވެރިވާ ޖަމިއްޔާ ނުވަތަ ޖަމާއަތަކުން ކަނޑަ އަޅާ ތަނެއް ގައިކަމަށް އައިއޭސީން ވަނީ ބުނެފައެވެ.
ސީރީއާއި ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް "ލޯތްބާއި އެކު" މިނަމުގައި އެހީގެ ހަރަކާތެއް ވަނީ ފަށާފައެވެ. މި ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނައިރު، ހާލުގައި ޖެހިފައިވާ އެ ރައްޔިތުންނަށް އެހީތައް ވަނީ ފޯރުކޮށްދީފައެވެ.
އެގޮތުން މިއަހަރުގެ ރަމަޟާންމަހު ސީރިޔާގެ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން ފޮނުވި އެހީގެ ތަކެތި ވަނީ ބަހާފައެވެ.
އަދި މީގެ ކުރިންވެސް ވަނީ އެތައް ފަހަރެއްގެ މަތިން އެހީ ފޯރުކޮށްދީފައި ވެެއެވެ. އެގޮތުން، ފެން ރައްކާކުރުމަށް ބޭނުންކުރާނެ ކަޅުހަންތަކާއި، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން 4700 އާއިލާއަކަށް މިދިޔަ ރަމަޟާން މަހުވެސް ވަނީ ކާބޯތަކެތި ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ