މާވަށު ދާއިރާގެ ވޯޓު އަލުން ގުނަނީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ލ.މާވަށު ދާއިރާގެ ވޯޓު އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މާވަށު ދާއިރާގެ ތިން ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމިކަން ކަށަވަރުކޮށްދިން ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
ވަގުތ ނަތީޖާ ދައްކާ ގޮތުން 815 ވޯޓު ހޯއްދަވައިގެން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީ އަށް ނިސްތަބްވެ ވަޑައިގަންނަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހެވެ. އޭނާއަށް ލިބިވަޑައިގެންފައި ވަނީ 802 ވޯޓެވެ.
މާވަށު ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ އަހުމަދު އަޒްހާން ފަހުމީ އަށް ލިބިވަޑައިގެންފައިވަނީ 611 ވޯޓެވެ. އޭނާ އެ ދާއިރާ އަށް ކުރިމަތިލެއްވީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ.
ވަގުތީ ނަތީޖާ އިން ސައީދު މި ގޮނޑި ކާމިޔާބު ކުރެއްވި ކަމަށް ދައްކާފައިވާއިރު، މަޖިލިސް އިންތިހާބުގައި ޕީއެންސީ އަށް ލިބިފައިވަނީ އެންމެ ތިން ގޮނޑިއެވެ. އަދި ޕީޕީއެމަށް ލިބިފައިވަނީ ފަސް ގޮނޑިއެވެ. އިންތިހާބުގެ މެޖޯރިޓީ ހޯދި އެމްޑީޕީން ވަނީ 65 ގޮނޑި ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ