ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ފެބުރުވަރީ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށްފައިވާ ކަމަށާއި މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގެ އިތުރުން ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކަމަށްވާ ށ.ކޮމަންޑޫ އާއި ފޯކައިދޫ އާއި މަރޮށިގެ ކައުންސިލުގެ އިދާރާއިން އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.
މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ ޑިސެންބަރު 22 ވަނަ ދުވަހުން ފެށިގެން ޖަނަވަރީ 2 ދުވަހުގެ ނިޔަލަށެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އީމެއިލް މެދުވެރިކޮށް ކަމަށާއި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލުގެ އިދާރާތަކުން ލިބޭނެ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ނެގުން އޮންނާނީ ފެބްރުއަރީ 5 ވަނަ ދުވަހުގެ ހެނދުނު 8 އިން ހަވީރު 4ށެވެ. ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ.
އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހެނީ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ