ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަކީ ކަރަންޓުގެ ސިނާއަތަށް ކަނބަލުން ނެރޭ، އަދި އިތުރު ކަނބަލުން މި ސިނާއަތައް ނުކުތުމަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.
މުޣުނީ އެގޮތަށް ވިދާޅުވީ، ކަރަންޓުގެ ސިނާއަތުގައި ކަނބަލުންގެ ދައުރު އިތުރު ކުރުމަށް ސްޓެލްކޯއިން ކަނބަލުންނަށް ހާއްސަކޮށްގެން ހިންގި ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރީޝަން ކޯހުގެ ނިންމުން ފާހަގަކޮށް، ދަސްވެނިވި ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
މުޣުނީ ވިދާޅުވީ، ކޯސް ނިންމި ހުރިހާ ބައިވެރިންގެ ހިތްވަރު ފާހަގަކޮށް މަރުހަބާ ދަންނަވާ ކަމަށާއި، އަންހެނުންނަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ހިންގި އެކޯހުގެ ބައިވެރިންނަކީ ތާރީހުގައި ލިޔެވިގެންދާނެ ބައެއް ކަމަށެވެ.
”އެނގިވަޑައިގަންނަވާނެ ފަދައިން ސްޓެލްކޯއަކީ މަސައްކަތްތެރި ޒުވާނުންތަކެއްގެ ހިދުމަތް ގައުމަށް ފޯރުކޮށްދޭ މުހިއްމު ޒިންމާތަކެއް އަދާ ކުރަމުންދާ ކުންފުންޏެއް. ތާރީހީ ގޮތުން ބަލާނަމަ މި ސިނާއަތަކީ ފިރިހެނުން މަސައްކަތް ކުރަމުން ގެންދިޔަ ސިނާއަތެއް. އެހެން ނަމަވެސް މިއަދުގެ މެނޭޖްމަންޓާއެކު، މިކުންފުނި ވެފައިމިވަނީ މި ސިނާއަތަށް އަންހެނުން ނިކުތުމަށް ހިތްވަރުދޭ ކުންފުންޏަކަށް“ މުޣުނީ ވިދާޅުވި އެވެ.
މުޣުނީ އިތުރަށް ވިދާޅުވީ ކޯސް ފުރިހަމަ ކުރި ހުރިހާ ބައިވެރިންނަކީ ހަމަ އެކަނި ސްޓެލްކޯގެ މުވައްޒަފުންނަށް ނުވުމަކީވެސް މި ސިނާއަތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ އަދި ދެ ޖިންސްގެ ޒުވާނުންނަށްވެސް ސްޓެލްކޯއަކީ ހުޅުވާލެވިފައިވާ މުއައްސަސާއެއްކަން ހާމަވާ ކަމެއް ކަމަށެވެ. އަދި މިކޯހުން ދަސްވެނިވި ފަރާތްތަކަކީ ހައުސް ވަޔަރިން ސެޓެފިކެޓް ހޯދުމުގެ ޝަރުތުހަމަވާ އަދި އެދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުވެސް ތަނަވަސްވެފައިވާ ބައެއް ކަން ފާހަގަކުރައްވާފައި އެވެ.
”ސަރުކާރުން މީހުން ބިނާކޮށް އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މަތީ ތައުލީމު ފޯރުކޮށްދިނުމާއި، ހާއްސަކޮށް، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަކޮށްލަން. އަޅުގަނޑުގެ އުމްމީދަކީ މި އަހަރު ނިމުމުގެ ކުރިން އިތުރު ފުރުސަތުތަކާއެކު، މިކޯހުގެ އިތުރު ބުރެއް މިކުންފުނީގެ ފެށިގެން ދިއުން“ މުޢުނީ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ، އެފަދަ މަސައްކަތްތަކަކީ އަންހެނުންގެ ބައިވެރިވުން ކުޑަ މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ. އެހެން ނަމަވެސް، މިއަދު މިކޯސް ނިންމި ކަނބަލުން ވެގެންދާނީ މުސްތަގުބަލުގައި މި ދާއިރާއަށް ނިކުންނަށް ބޭނުންވާ އަންހެނުންނަށް ހިތްވަރަކަށް އަދި ބިންގަލަކަށް ކަމަށް ވިދާޅުވިއެވެ.
”މިއީ ދެވަނަ ފަހަރު އަޅުގަނޑަށް ސްޓެލްކޯގެ މިފަދަ ހަފްލާއަކަށް ދައުވަތު ލިބުނު. މި ބިލްޑިންގ އަށް އަޅުގަނޑަށް ވަދެފައި ނިކުމެވެނީ ފަހުރުވެރިކަމާއެކު، އެއީ ކޮންމެ ފަހަރަކުވެސް އަޅުގަނޑަށް ބައިވެރިވެވެނީ ސްޓެލްކޯއިން އަންހެނުން ބާރުވެރިކުރުމަށް ކުރާ ކޮންމެވެސް މަސައްކަތެއްގައި“ ޖީހާން ވިދާޅުވި އެވެ.
އެ ކޯހުގައި ޖުމްލަ 20 ފަރާތަކުން ބައިވެރިވެފައި ވެއެވެ. އެހެން ނަމަވެސް ކޮވިޑާއި ގުޅިގެން ކުރިމަތިވި ހުރަސްތަކާއެކު އެ ކޯސް ފުރިހަމަ ކުރެވިފައިވަނީ މީގެ ތެރެއިން 10 ބައިވެރިއަކަށެވެ. އަދި އޭގެ ތެރެއިން ދަސްވެނިވެފައިވަނީ 8 ބައިވެރިއެކެވެ.
ކޯސް ނިންމި ބައިވެރިންގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަރިޔަމް ލަޔާލް ވިދާޅުވީ، އެ ދާއިރާގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން އެކޯހުގައި ބައިވެރިވީ އެކަމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ކަމަށެވެ. އަދި އެމަސައްކަތުގެ ހުނަރު އިތުރަށް ބިނާ ކުރުމުގެ މަގުސަދުގައި ކަމަށެވެ.
ސްޓެލްކޯއަކީ ކަރަންޓުގެ ސިނާއަތަށް ކަނބަލުން ނުކުތުމަށް ހިތްވަރުދޭ ކުންފުންޏެއް: މުޣުނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ