ބްރޯޑްކޮމްގެ މެމްބަރު ކަމުން ޒީނާ ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެމްބަރު ކަމުން ޒީނާ ޒާހިރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޒީނާ މަގާމުން ވަކިކުރަން ފާސްކުރީ، ކޮމިޓީއަށް ހާޒިރުވި ނުވަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ ވޯޓާއެކުގަ އެވެ.
މިއަދުގެ ބައްދަލުވުމަށް ޒީނާ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ވަނީ ބައެއް ކަންތައްތަކާ ގުޅޭ ގޮތުން އޭނާއާ ސުވާލުކޮށް މައުލޫމާތު ސާފުކޮށްފަ އެވެ. އެގޮތުން އެންމެ ބޮޑުކަމެއްގެ ގޮތުގައި މެންބަރުން ޒީނާއާ ސުވާލު ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެޓީވީ ޖޫރިމަނާ ކުރުމާ ގުޅޭ ގޮތުންނެވެ. އަދި ހާޒިރީއާ ގުޅޭ ގޮތުން ވެސް ސުވާލުތައް ކޮށްފައިވެ އެވެ.
ޒީނާއަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ދިން 20 މިނެޓުގެ ފުރުސަތުގައި ޒީނާ ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން ބްރޯޑްކޮމްގެ އެންމެ ހާޒިރީ ރަނގަޅު މެމްބަރަކީ އޭނާ ކަމަށާއި ބްރޯޑްކޮމްގައި ހޭދަކުރި މުއްދަތުގައި 500 އަށްވުރެ ގިނަ ބައްދަލުވުމުގައި ބައިވެރިވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ގަޑިޖެހިފައިވާނީ އެންމެ ދުވަހަކު ކަމަށާއި ސަލާމް ބުނެފައިވާނީ ތިން ދުވަހު ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ބްރޯޑްކޮމްގައި ހާޒިރީ ބަހަލައްޓާ ނިޒާމެއް ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖެ ޓީވީ މައްސަލައިގައި ޒީނާ ވިދާޅުވީ، އެއްވެސް އިރެއްގައި ޓީވީ ސްޓޭޝަނެއް ބަންދުކުރުމަކީ އޭނާ ބޭނުންވި ގޮތެއް ނޫން ކަމަށާއި ރާއްޖެޓީވީއަށް ފިޔަވަޅު އަޅައިދިނުމަށް ޑިފެންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވީ ރާއްޖެ ޓީވީން ގެނެސްދިން ކޮންޓެންޓަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ ކޮންޓެންޓަކަށް ވުމުން ކަމަށެވެ. ނަމަވެސް އެ ސިޓީގައި ވެސް އެދިފައިވާނީ ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅައިދިނުމަށް ކަމަށް ޒީނާ ވިދާޅުވި އެވެ.
ޒީނާ އިތުރަށް ވިދާޅުވީ، އޭނާ މަގާމުން ވަކިކުރަން ކޮމިޓީގެ މެންބަރުން މާކުރިން ވެސް ބޭނުންވާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ގާނޫނާ ހިލާފުކަމެއް އޭނާ ކޮށްފައި ނުވާނެ ކަމަށެވެ
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭޕްރިލް 5، 2016 ގައި ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި ޒީނާ ވަކިކުރުމުގެ މަސައްކަތް ފެށުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. އަދި ޒީނާ މެމްބަރުކަމުން ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމާފައި މިވަނީ އޭނާގެ މެމްބަރުކަމުގެ ދައުރު ހަމަވާން ހަ މަސް ދުވަސް އޮއްވަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބްރޯޑްކޮމްއަށް އައްޔަން ކުރި މެމްބަރުންގެ ތެރެއިން އެ ކޮމިޝަނުގައި މިހާރު ތިއްބެވީ އަމްޖަދު ވަހީދާއި އާމިނަތު ސަރާހަތު އިއްޒަތެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ނައިބު ފާތިމަތު ޒައިނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި މަގާމުން ވަކިކުރަން ނިންމާފައިވަނިކޮށް ބްރޯޑްކޮމްގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ