ރައީސް މައުމޫނު އިންޑިއާގެ ބޮޑު ވަޒީރާއި ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހްއާ މިއަދު ހެނދުނު ބައްދަލުކުރައްވައިފި އެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ބޭއްވި ބައްދަލުވުމުގައި މައުމޫން ދެއްކެވި ވާހަކަފުޅުގައި އިންޑިއާ ސަރުކާރުން އެމަނިކުފާނާ މެދު ބަހައްޓާ ގާތްކަމާއި އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުތަކުގައި އިންޑިއާ ސަރުކާރުން ދޭ ދީލަތި މެހްމާން ދާރީއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި އެވެ.
ދިވެހިރާއްޖޭގެ ތަރައްގީގައި އިންޑިއާ ސަރުކާރުން ވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ ގިނަގުނަ އެހީތަކަށްޓަކައި ރައީސް މައުމޫން ޝުކުރު އަދާ ކުރެއްވިއެވެ. ޚާއްސަކޮށް އެ މަނިކުފާނުގެ ރައީސް ކަމުގެ ދުވަސްވަރު ދެ ގައުމުގެ ގުޅުން ތަރައްގީ ވެފައިވާ މިންވަރަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް މައުމޫން ވިދާޅުވިއެވެ.
މީގެއިތުރުން ޕީ.ޕީ.އެމް އަކީ އިންޑީއާއަށް ވަރަށް ގަދަރުކުރާ އަދި ރާއްޖެއާ އިންޑިއާއާ ދޭތެރޭ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރަމުންދާ ޕާޓީއެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ޑރ.މަންމޯހަން ސިންހް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ބޭނުންވާ ކަންކަމުގައި އިންޑިއާއަށް ވެވެން އޮތް އެހީތައް ވެދިނުމަކީ އިންޑިއާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ. އަދި އަބަދުވެސް އިންޑިއާ އެދެނީ ދިވެހިރާއްޖެއަކީ ސުލްހަވެރިކަމާއި ސިޔާސީ ހަމަޖެހުން ގާއިމު ވެފައިވާ ޤައުމަކަށްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހްގައި އުފެދިފައިވާ ނުތަނަވަސްކަން ޙައްލުކުރަންވާނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރެވިގެން ކަމަށާއި މިމައްސަލައިގައި ބޭރުގެ އެއްވެސް ނުފޫޒެއް ނެތި ދިވެހި ހައްލެއް ހޯދުމަށް ވެސް މަންމޯހަން ސިންގު ގޮވާލެއްވިއެވެ.
އަދި މިދަނޑިވަޅުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ގުޅިގެން ގައުމުގެ މަސްލަހަތައްޓަކާ މަސައްކަތް ކުރުމަށް ވެސް ބޮދުވަޒީރު ބާރު އެޅުއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ