އަވިން ކަރަންޓް އުފައްދާ ނިޒާމެއް ތިނަދޫގައި ގާއިމްކޮށްފި

ގދ. ތިނަދޫގައި އަވިން ހަކަތަ އުފައްދާ 308 ކިލޯވޯޓުގެ ނިޒާމެއް ކަރަންޓް ވިއުގައަށް މިއަދު ގުޅާލައިފި އެވެ.
މިނިސްޓްރީ އޮފް އެންވާރަމެންޓް އެންޑް އެނާޖީން މިއަދު ބުނީ މިއީ ރާއްޖެ އިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ "ކްލީން އެނާޖީ ފޯ ކްލައިމެޓް މިޓިގޭޝަން" މަޝްރޫއުގެ ދަށުން ކުރި މަސައްކަތެއް ކަމަށެވެ.
އެ މަސައްކަތްކޮށްފައި ވަނީ ޗަނާއިގެ "ސީއީސީއީޕީ އޮއޭސިސް ނިއު އެނާޖީ" އާ ހަވާލުކޮށްގެނެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާކުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހު އެވެ.
އެ މަޝްރޫއަކީ ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑްގެ ދަށުން ޔޫރަޕިއަން ޔޫނިއަނާއި އޮސްޓެރޭލިޔާ ސަރުކާރުގެ ހިލޭއެހީގައި ކުރިއަށް ގެންދާ މަޝްރޫއުގެ ބައެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ތިނަދޫގައި އަވިން ކަރަންޓް އުފައްދާ 308 ކިލޯ ވޯޓުގެ ނިޒާމެއް ގާއިމް ކުރުމާއި ހަކަތަ މަދުން ބޭނުންކުރާ އާލާތްތައް ތައާރަފްކުރުމުގެ އިތުރުން ތިނަދޫގެ ކަރަންޓުގެ ނިޒާމް ޕްލޭންކުރުން ވަނީ ހިމަނާފަ އެވެ.
އިއާދަކުރެނިވި ހަކަތައިގެ މިންވަރު އިތުރުކުރުމަށް އިތުރުކުރުމަށް ބޭނުންކުރެވިދާނެ އިތުރު ވަސީލަތްތަކަކީ ކޮބައިތޯ ބެލުމާއި އެނާޖީ ކޮންސަވޭޝަން އަދި އެނާޖީ އެ ފިސިއެންސީގެ ދާއިރާ އިން މީހުން ބިނާކުރުން ވެސް ހިމެނޭ ކަމަށް އެންވާރަމެންޓް އެންޑް އެނާޖީ މިނިސްޓްރީން ބުންޏެވެ.
އެންވާރަމެންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ޖުމްލަ އަގަކީ 39 މިލިއަން ރުފިޔާ ކަމަށެވެ.
ތިނަދޫގެ ކަރަންޓް ވިއުގައަށް މިއަދު މިގުޅާލެވެނީ އެރަށުގެ ތިން އިމާތެއްގައި ގާއިމްކުރެވިފައިވާ 308 ކިލޯވޯޓުގެ ނިޒާމަށް 250 ކިލޯ ވޯޓު އިތުރުކޮށް ރަށުގެ އިއާދަކުރަނިވި ހަކަތައިގެ މިންވަރު 558 ކިލޯވޯޓަށް އިތުރު ކުރުމަށެވެ.
އެންވާރަމެންޓް އެންޑް އެނާޖީ މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ނިންމައި އަމަލީ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރާ އެކު މިހަފްތާގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ