ޖަނަރޭޓަރުގައި ރޯވެ ފިނޭ އަށް ކަރަންޓް ފޯރުކޮއްދިނުމަށް ދަތިވެފައި

ހދ. ފިނޭގެ އިންޖީނުގޭގައި ހުންނަ ޖަނަރޭޓަރެއްގައި އަލިފާން ރޯވެ ޖަނަރޭޓަރަށް ގެއްލުންތަކެއް ވުމުގެ ސަބަބުން އެރަށަށް ކަރަންޓްގެ ހިދުމަތް ދިނުމަށް ދަތިވެފައިވާކަމަށް ފިނޭ ކައުންސިލުން ބުނެފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި މީގެ ތިން ދުވަސްކުރިން ފިނޭ އިންޖީނުގޭގައި އަލިފާން ރޯވެ ރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން އެންމެ ބޮޑު ޖަނަރޭޓަރުގެ ހިދުމަތް މިހާރުވަނީ މެދުކެނޑިފަ އެވެ.
އެރަށު ކައުންސިލްގެ މެންބަރު އަބްދުﷲ ރައްޒާގު އާދަމް ވިދާޅުވީ ބޮޑު ޖަނަރޭޓަރު މިހާރު ބޭނުން ނުކުރެވޭ ކަމުގައެވެ. އަދި ދެންހުރި ކުޑަ ދެ ޖަނަރޭޓަރުން ރަށަށް ބޭނުންވާ މިންވަރައް ކަރަންޓް ފޯރުކޮއްނުދެވޭ ކަމަށެވެ.
"ރަށުގެ މަގު ބައްތިތަކާއި ދިރާގު ޓަވަރު އަދި ބައެއް ގެތަކަށް ވެސް މިވަގުތު ކަރަންޓް ނުލިބޭ. އަދި ރަށު އޮފީހަށާއި ސްކޫލަށް ބޭނުންވާ ކަރަންޓު ފޯރުކޮއްދިނުމައްޓަކައި ދުވާލުގަޑީގައި އާންމު ގެތަކުން ވެސް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކޮށްފައި ވަނީ،" ރައްޒާގު ވިދާޅުވި އެވެ.
ފިނޭއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައިގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ އެ ރަށަށް ކަރަންޓް ފޯރުކޮއްދިނުމުގައި ދިމާވެފައިވާ ދަތިތަށް ހައްލުކޮއް ދިނުމަށްޓަކައި ފެނަކަ އިން މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ.
އެގޮތުން އެ ކުންފުނީގެ ޓެކްނީޝަނުން އެ ރަށުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަތޮޅުގެ އެހެން ރަށަކުން އެރަށަށް ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.
ދިގުމިނުގައި 1.6 ކިލޯ މީޓަރު އަދި ފުޅާމިނުގައި 0.9 ކިލޯމީޓަރު ހުންނަ ހދ. އަތޮޅު ފިނޭ އަކީ ގާތްގަނޑަކަށް 600 ވަރަކަށް މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ