ރަޝީދު މޫސާ އާއި ފާރޫގުގެ ބައިވެރިވުމެއް ނެތް ގޮތަށް "ހަވީރު"ހިންގުން ވަގުތީ ގޮތުން މަނާކޮށްފި
ގ. ކޮއްކިރި ފާރޫގު ހަސަނާއި ހެންވޭރު މީރުބަހުރުގޭ އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތް ގޮތަށް ހަވީރު ނޫސް ހިންގުން ވަގުތީ ގޮތުން ސިވިލް ކޯޓުން މަނާކޮށްފި އެވެ. ހަވީރު ނޫސް އެޖެންސީއަކީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދުގެ ހިއްސާ ވެސްވާ ތަނެއް ކަމަށް ބުނެ މިދިޔަ އަހަރު އޮގަސްޓު މަހު ހައިކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ހައކޯޓުން ކުރި ހުކުމުގައި މިހާތަނަށް ހަވީރު ނިއުސް އެޖެންސީއަށް ލިބިފައިވާ ފައިދާގެ ތެރެއިން ފާރޫގާއި އިބްރާހިމް ރަޝީދާ ދެ ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް ފައިދާގެ ހަތަރު ބައިކުޅަ އެއް ބައި ދިނުމަށް ވަނީ އަންގައިފަ އެވެ. އަދި އެ މަރުހަލާ އޮތީ ކޯޓުގަ އެވެ. މިއަދު ސިވިލް ކޯޓުން ހަވީރު ނޫސް އަދި ނޫސް އެޖެންސީ ހުއްޓާލަން ވަގުތީ އަމުރެއް ނެރެފައި ވަނީ އެ މައްސަލާގައި ދައުވާ ކުރާ ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާ އެ އަމުރު ނެރެދިނުމަށް އެދި ހުށަހެޅުމުންނެވެ. މިއަދު ސިވިލް ކޯޓުން ވަގުތީ އަމުރު ނެރި ހުކުމުގައި ބުނެފައި ވަނީ ހަވީރު ނޫސް އެޖެންސީގެ އެއްވެސް ބޭންކް އެކައުންޓަކުން އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށާއި އަދި ނޫހާއި ނުސްއެޖެންސީގެ އެއްވެސް ކަމެއް ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތި ކުރިއަށް ނުގެންދިއުމަށެވެ. އެވަގުތީ އަމުރު ނެރެފައި ވަނީ ހަވީރު ނޫހުގެ މިލްކުވެރިކަމާ މެދު ހުށަހަޅާފައިވާ މައްސަލަ ނިމެންދެންނެވެ. ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އެގޮތަށް އެއަމުރު ނެރުނީ އެ މައްސަލާގައި ދައުވާ ކުރާ ދެ މީހުންގެ 50 ޕަސެންޓް އޮތުމާއި މިހާރު ހަވީރު ހިންގާ ހެންވޭރު ނީލްވިލާ މުހައްމަދު ޒާހިރު ހުސައިންގެ ހިއްސާ އޮންނަނީ 25 ޕަސެންޓަށް ވުމުން އެގޮތަށް އެދުނު މީހުންނަށް ލިބޭނެ ގެއްލުމަކަށް ބަލާފައި ކަމަށެވެ. އަދި ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާ އަކީ ވަގުތީ އަމުރަށް އެދުުމުގެ ސިފަ ލިބިގެންވާ ދެމީހުން ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ. ހަވީރު ނޫހުގެ ހިއްސާ ފާރޫގާއި އިބްރާހިމް ރަޝީދަށް އޮތް ކަމަށް ބުނެ ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ހަވީރު ނިއުސް އެޖެންސީ ހިންގުމަށް ހަތަރު ބޭފުޅުންގެ މެދުގައި އެއްބަސްވުމެއް ހަދައި އަމަލު ކުރަން ފެށި ހިސާބުން މިއަދާހަމަ އަށް ވެސް ފައުންޑާ މެންބަރުންގެ ހިއްސާ އޮންނާނެ ކަމަށެވެ. ހައި ކޯޓުން ބުނެފައިވާ ގޮތުގައި އެ ނޫހުގެ ހަތަރު ވަނަ ހިއްސާދާރަކީ ހެންވޭރު ޓައިމްލެސް މުހައްމަދު ނައީމު އެވެ. ހަވީރު ނޫސް އެޖެންސީ އުވާލައި އެ އެޖެންސީގެ ދަށުން ހިންގަމުން ގެން ދިޔަ ހަވީރު ނޫހުގެ ހުރިހާ ގޮފިތަކެއް އެހެން ނަމަކަށް ބަދަލުކޮށްން މިހާރު ހިންގަމުން ދިޔަ ނަމަވެސް އެހުރިހާ ބައެއްގެ ހިއްސާވެސް ފާރޫގާއި އިބްރާހިމް ރަޝީދަށް ލިބިގެންވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. ހަވީރުން ނޫހުން ބުނެފައި ވަނީ މިއަދު ސިވިލް ކޯޓުން ކުރި އަމުރު ހަވީރު އޮންލައިނަށް ރައްދު ނުވާތީ ކުރިއެކޭ ވެސް އެއްގޮތަށް ހަވީރު އޮންލައިން ކުރިއަށް ދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ