މޫސުން ތަންދޭނަމަ، އީދު ނަމާދުކުރުން ހިތަދޫ ސްޓޭޑިއަމްގަ އޮންނާނެ - ނޫރުލްއިސްލާމް ޖަމިއްޔާ

(އައްޑޫ ސިޓީ ހިތަދޫ) މޫސުން ތަންދޭނަމަ، މި ރަށުގައި އީދު ނަމާދުކުރުން ސްޓޭޑިއަމްގައި އޮންނާނެ ކަމަށް، މި ހަރަކާތް އިންތިޒާމުކުރަމުންދާ ނޫރުލްއިސްލާމް ޖަމިއްޔާއިން، ހާމަކޮށްފިއެވެ.
"ވަގުތަށް" މައުލޫމާތު ދެއްވަމުން، ނޫރުލްއިސްލާމް ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ނިހާދު ޖަމާލް ވިދާޅުވީ، އެންމެފަހު ވަގުތާ ޖެހެންދެން ވެސް މި އިވެންޓް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރާނެ ކަމަށާއި، މޫސުން ތަންނުދޭނަމަ ދެން ޖެހޭނީ އިވެންޓް ކެންސަލްކޮށްލަން ކަމަށެވެ.
"އެންމެފަހު ވަގުތާ ޖެހެންދެން ވެސް މި ބަލަނީ، އިވެންޓް ކުރިއަށް ގެންދެވޭތޯ," ނިހާދު ވިދާޅުވިއެވެ.
ނޫރުލްއިސްލާމް ޖަމިއްޔާއިން ވަނީ، މިދިޔަ އަހަރު އަދި އޭގެ ކުރީ އަހަރުވެސް، މި ރަށުގެ ސްޓޭޑިއަމްގައި އީދު ނަމާދު ކުރުމުގެ އިންތިޒާމުތައްކޮށްފައެވެ.
އެ ޖަމިއްޔާއިން ރޯދަ މަހު ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، ނިހާދު ވިދާޅުވީ، ރޯދަމަހު ފަގީރުން އަދި މިސްކީނުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް އެ ޖަމިއްޔާއިން ކުރިއަށްގެންދިޔަ ކަމަށާއި، އަދި ޒިކުރާ ފައުންޑޭޝަނާ ގުޅިގެން، ސްރީލަންކާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުއިއްޒު ބުހާރީ ގެނެސްގެން، އެކި މިސްކިތްތަކުގައި ދީނީ ދަރުސްތައް ދީ، ތަފާތު ޕްރޮގްރާމްތަކެއް ހިންގުނު ކަމަށެވެ.
"ދަރުސްތަކުގެ އިތުރަށް، ހިތަދޫ އަދި މި ސިޓީގެ އެކި ރަށްރަށުގަ މުއިއްޒު ބުހާރީ ބައިވެރިކޮށްގެން ރޯޑް ޝޯތަކެއް ވެސް ހިންގުނު. އެއަށްވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު،" ނިހާދު ވިދާޅުވިއެވެ.
ކުރިއަށް އޮތް މުސްތަގުބަލުގަ ވެސް، ދައުވަތުގެ ޕްރޮގްރާމް ހިންގާނެ ކަމަށާއި، އެގޮތުން ބޭރުން ދީނީ އިލްމުވެރިން ގެނެސްގެން ޒުވާނުންގެ ތަރުހީބު ލިބޭފަދަ ޕްރޮގްރާމްތަކެއް ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް، އޭނާ ވިދާޅުވިއެވެ.
ނިހާދު ވަނީ، އެ ޖަމިއްޔާއިން ހިންގަމުން އަންނަ ޕްރޮގްރާމްތަކަށް، ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރައްވާފައެވެ.
"ޒުވާނުންގެ ތަރުހީބު މި ލިބެނީ، މަގުމައްޗަށް ނިކުމެ ޒުވާނުންގެ ގާތަށް ގޮސް ޕްރޮގްރާމްތަކެއް ހިންގުމުން. އެފަދަ ޕްރޮގްރާމްތަކެއް ހިންގުމަށް އެބަ ވިސްނަން،" ނިހާދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ