މިސްކިތްތަކުގައި ބަހައްޓާ އޭސީގެ ކަރަންޓު ބިލް މިނިސްޓްރީން ނުދައްކާނެ - އިސްލާމިކް މިނިސްޓްރީ

މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ އޭސީގެ ކަރަންޓު ބިލް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުދައްކާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓަރ ގެ ނައިބު އައްޝައިޚް އިބްރާހީމް އަޙްމަދު މިއަދު ވިދާޅުވީ އެއީ އަލަށް ހަމަޖެއްސި އުސޫލެއް ނޫންކަމަށާއި އެއީ މީގެކުރިން ސާކިއުލާއަކުން އަންގާފައިވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ކައުންސިލްތަކުން މިސްކިތްތައް ބެލެހެއްޓިއިރު، އެ އުސޫލަށް އަމަލުނުކުރާ ކަމަށް ވެސް އިބްރާހީމް އަހްމަދު ވިދާޅުވިއެވެ. މިނިސްޓްރީން ހަމަޖައްސާފައި އޮންނަ އުސޫލަކީ މިސްކިތެއްގައި އޭސީ ބަހައްޓައިފިނަމަ އެ ބެހެއްޓި ފަރާތަކުން އޭސީއަށް ފައިސާ ދައްކާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"މާލޭގެ ނޫރު މިސްކިތާއި ފަރީދީ މިސްކިތާއި އިސްކަންދަރު މިސްކިތުގައި އޭސީ ބަހައްޓާފައި ހުންނާނެ. އެ މިސްކިތްތަކުގައި އޭސީ ބެހެއްޓީ އެ ބެހެއްޓި ފަރާތްތަކުން އޭސީގެ ކަރަންޓު ބިލް ދައްކާގޮތަށް،" އިބްރާހީމް އަހްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭސީ ބެހެއްޓުމުން މިސްކިތްތަކުގެ ކަރަންޓު ބިލަށް 40،000 ރުފިޔާ އަރާ ކަމަށާއި އެވަރުގެ ޚަރަދެއް ކުރުމަށް ބޭނުންވާ ވަރުގެ ބަޖެޓެއް އެ މިނިސްޓްރީއަށް ނުލިބޭ ކަމަށެވެ. އޭސީ ހަރުކޮށްފައި ހުރި މިސްކިތްތަކާ މެދު އަމަލުކުރާނެ ގޮތަކާ މެދު ވިސްނަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ