ފުވައްމުލަކުން ކަރަންޓު ކެނޑުނީ ބްރޭކަރ އަކަށް ދިމާވި މައްސަލައަކުން - ފެނަކަ

(ފުވައްމުލަށް) މިރަށުން މިއަދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ބްރޭކަރ އަކަށް ދިމާވި މައްސަލައަކުން ކަމަށް މިރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
"ވަގުތަށް" މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަނުން މިރަށުގައި ހިންގާ އިންޖީނުގޭގެ މެނޭޖަރ، އަހްމަދު އަސްލަމް ވިދާޅުވީ މިއަދު ހެނދުނު 9 ޖަހާކަށްހާއިރު ރަށުން ކަރަންޓު ކެނޑުނީ، ރަށަށް ކަރަންޓު ދޭން އަޅާފައިވާ އެއް ލޭނުގައި ހުރި ޓްރާންސްފޯމަރ އަކާއި އިންޖީނުގެއާއި ގުޅުވައިދޭ ބްރޭކަރ އަށް ދިމާވި މައްސަލައަކުން ކަމަށެވެ.
އަސްލަމް ވިދާޅުވީ މިހާރު ކަރަންޓުގެ ޚިދުމަތް ކެނޑިފައިވަނީ މިސްކިތްމަގު އަވަށުގެ ބަޔަކާއި، މާދަޑު އަވަށުގެ ބަޔަކައި ދިގުވާޑު އަވަށުގެ ބައެއްގެ އިތުރުން ދަޑިމަގު އަވަށުން ކަމަށާއި، އެހެން ހިސާބުތަކަށް ކަރަންޓުގެ ޚިދުމަތް ދެވިފައިވާ ކަމަށެވެ.
މިހާރު ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް ކަރަންޓު ދެވޭނީ ކިހާއިރަކުންތޯ ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ ބްރޭކަރ އަށް ދިމާވި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް ކަރަންޓު ދެވޭނެ އިރެއް އަދި ބުނަން ނޭނގޭ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަން އިން ފުވައްމުލަކަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ