ޝަރަފާއި އިއްޒަތް ބޭނުން ނުވާ އެކަކުވެސް ނުހުންނާނެ: ގާސިމް

ޝަރަފާއި ގަދަރާއި އިއްޒަތް ބޭނުންނުވާ އެއްވެސް އިންސާނަކު ނުހުންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ޖައްސާލައިގެން ސަރުކާރުގެ ތެރެއިން ކަންތައްތަކެއް ހޯދަން މަސައްކަތް ކުރައްވާ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ވަރަށް މަޝްހޫރު ގާނޫނީ ވަކީލަކު ވިދާޅުވި ކަމަށެވެ. ނަމަވެސް އެއްވެސް މީހަކާ ދޭތެރެ ޖައްސާލައިގެން ސަރުކާރުގެ ތެރެއިން ކަންތައްތައް ހޯދަން މަސައްކަތް ނުކުރައްވާނެ ކަމަށާއި ދޭތެރެ ޖެއްސުމަކީ އިސްލާމްދީނުގައި ކިހާވަރެއްގެ ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، އިޖުތިމާއީ އިގްތިސޯދީ ގޮތުން ނުވަތަ އިންސާނިއްޔަތަށް ހިދުމަތްކުރަމުން ގެންދަވަނީ އެއްގޮތަކަށް ވެސް ވަކި މަގާމަކަށް ވަޑައިގަތުމުގެ ބޭނުމުގައި ނުވަތަ ވަކި ކަންތައްތަކެއް ލިބިވަޑައިގަތުމުގެ ބޭނުމުގައި ނޫން ކަމަށާއި އެކަން ކުރައްވަނީ ﷲ ގެ ރުހިވޮޑިގަތުމާއި އަޅުތަަކުންގެ ލޯތްބާއި މަތިވެރި ގަދަރާއި ދަރަޖައާއި އަދި ޝަރަފު ބޭނުންވާތީ ކަމަށް ގާސިމް މިރޭ ވިދާޅުވިއެވެ.
''....ﷲ ގެ ރުހިވޮޑިގަތުމާއި އަޅުތަަކުންގެ ލޯތްބާއި މަތިވެރި ގަދަރާއި ދަރަޖައާއި އިއްޒަތް ބޭނުންނުވާ އިންސާނަކު ނުހުންނާނެ. ތިމަންނާ ބޭނުމެއް ނެތޭ ބުނެފިއްޔާ އޭ ހަމަ ކަނޑައެޅިގެން ދޮގެއް އެ ހަދަނީ. އެހެންވީމާ އެ އެދުންވެރިކަން ކާކުގެތޯ ނޯންނާނީ. އޮންނާނެ ދެއްތޯ. އެހެންވީމަ އެކަމުގެ ބޭނުމުގައި އަޅުގަނޑު މަސައްކަތް މިކުރަނީ,'' ގާސިމް ވިދާޅުވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ވެސް ގާސިމް ވަނީ ނުސީދާކޮށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވުމަށްފަހު ދެން ކުރިމަތިލާންޖެހޭތޯ ސުވާލު އުފަދައްވައިފައެވެ.
''ތިމަންނާ މިވެނި ކަމެއް ބޭނުމެއް ނޫނޭ ބުނެފިއްޔާ އެދިމާލަކަށް ބާރަށް ދުއްވައިގަންނާނެ. މިތަންތޯ އަޅުގަނޑުމެން ބަލަން މި ބޭނުންވަނީ. ތިމަންނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމެއް ބޭނުމެއް ނޫނޭ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ބޭނުމެއް ނޫނޭ ބުނެފަ އަޅުގަނޑު ޖެހޭތޯ މާދަމާ ކުރިމަތިލާން. މީތޯ ބޭނުންވާ ގޮތަކީ. އަނެއްކާ އެމްއެންޑީއެފް އާއި ފުލުހުން މިހެން ބުނެފިއޭ. ވަކި ބޭފުޅެއްގެ ފަހަތުން ފާރަވެރިވަނީއޭ. އިރުކޮޅަކުން އެ މުއައްސަސާތަކުން ނޫސް ބަޔާން ނެރޭ އެއީ ދޮގެކޭ ކިޔާފަ. މިކަހަލަ ވާހަކަ މި ދައްކަނީ. އަޅުގަނޑު ހިތަށް އަރަނީ ރައީސް ނަޝީދަށް ދެއްކޭ ނުދެއްކޭ ވާހަކަ އެނގިވަޑައިގަންނަވާބާއޭ.'' ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ