އެހެން ދީންތައް ރާއްޖެ އަޔަނުދިނުމަށް ބަނދެފަހުރި ވާތައް ގެންދަނީ ކަނޑަމުން: އުމަރު

އެހެން ދީންތައް ރާއްޖެ އަށް އަޔަނުދިނުމަށް ޒަމާނުއްސުރެ ބަނދެފަހުރި ވާތައް މިހާރު ގެންދަނީ މަޑުމަޑުން ދޫކޮށް، އެ ވާތައް ކަނޑަމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ރޭގެ ވަގުތެއްގައި ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، އިސްލާމް ދީނަށް ފުރައްސާރަ ކޮށްގެން ފުލުހަށް ހާޒިރުކޮށް ސުވާލު ކުރި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްސަލަ އާއި ގުޅިގެން ދައުވާ ކުރުމަށް ފޮނުވާފައި ނުވާ ކަމަށެވެ.
އަދި އެމްޑީއެންގެ ރިޕޯޓް ލިޔުނު މީހުންނާ މެދުވެސް އަމަލު ކުރެވޭނީ ހަމަ މި ގޮތަށް ކަމަށް ބެލެވޭ ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ އެމްޑީއެން އުވާލާ އެ ރިޕޯޓް ލިޔުނު މީހުން ޝަރީއަތުގެ ކުރިމައްޗަށް ނުގެނެވޭނަމަ، ލަހެއްނުވެ، އެކަން އާންމު ކަމަކަށް ވެގެން ދާނެ ކަމަށެވެ. އަދި ލާދީނީ މީހުންގެ ބޭނުމަކީ ދީނަށް ފުރައްސާރަ ކުރުން އާންމު ކަމަކަށް ހެދުން ކަމަށާއި ދިވެހިން މަޑުމަޑުން އެ ކަމަށް ހޭނުވުން ކަމަށެވެ.
''ސަރުކާރުން ގާނޫނީ ފިޔަވަޅު ނާޅާނަމަ މިކަން މި ގޮތަށް ވާނެ. އެހެން ދީންތައް ރާއްޖެ އަށް އަޔަނުދިނުމަށް ޒަމާނުއްސުރެ ބަނދެފަހުރި ވާތައް މި ގެންދަނީ މަޑުމަޑުން ދޫކޮށް، އެ ވާތައް ކަނޑަމުން. ލާދީނީ މީހުން ދައުލަތުގެ އެތެރޭގައި ތިބެގެން މި ނިޒާމް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް ފުރުސަތު ލިބުނު މިއީ ދެވަނަ ފަހަރެވެ. ދިވެހިން ހޭލާ ތިބެގެން މެނުވީ މި ގައުމާ ދީން ހިމާޔަތް ނުކުރެވޭނެ އެވެ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ފާއިތުވި އެއް އަހަރު ތެރޭގައި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރިި މިންވަރު އެތަށް ގުނައެއް އިތުރުވެފައިވާކަމަށެވެ. އަދި ދީނީ އިލްމުވެރިންގެ އަގު ވައްޓާލުމުގެ ކެމްޕޭނެއް ހިންގަމުން ގެންދިއުމާ، އިސްލާމް މުގައްރަރު ކަމުނުދާ ކަމަށް ބުނެ ވަކާލާތު ކުރުމާއި ބައެއް މިސްކިތް ތަކުގައި ބަންގި ގޮވާ އަޑު މަޑު ކުރުމާއި ދިވެހި ފިލްމް ތައް ސެންސަރު ކުރާ ކުރުމުގެ މިންގަނޑު ދަށް ކޮށް، އެއްޖިންސުން ގުޅުން ހިންގުން އާންމު ކުރާ ފަދަ މަންޒަރުތަށް ފިލްމު ތަކުގައި ހިމަނަން ފެއްޓުމާއި، ބަނގުރާ އިތުރަށް އާންމުވަމުންދާކަމަށް އުމަރު ވިދާޅުވިއެވެ.
އަދި ރާއްޖޭގައި އަބަދުވެސް ލާދީނީ މީހުން އުޅޭ ކަމަށާއި ދައުލަތުން ގެންދިޔައީ އެ ފަދަ މީހުން ހަމަ މަގަށް އަޅުވަމުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފާއިތުވި އެއް އަހަރުގެ ތެރޭގައި ދީނާ ހިލާފު ކަންކަން ކުރި އެއްވެސް ފަރާތެއްގެ މައްޗަށް ފިޔަވަޅު އަޅާފައި ނުވާކަމަށާއި އެފަދަ މީހެއްގެ މައްޗަށް ދައުވާވެސް ކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ