ދިވެހިން ބައިބައިވެގެން ލިބޭނެ ކާމިޔާބެއް ނެތް: ނައިބު ރައީސް

ގައުމު ބިނާކުރެވެން އޮތީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށާއި ދިވެހީން ބައިބައިވެގެން ލިބޭނެ ކާމިޔާބެއް ނެތް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ. އަމީނިއްޔާ ސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން އިއްޔެ ހުޅުމާލޭގައި ބޭއްވި ޕެރޭޑަށް ފަހު ސެންޓްރަލް ޕާކު ސަރަހައްދުގައި ނައިބު ރައީސ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހިން އަބަދު ވެސް އެންމެ ފަހުރުވެރިވާ ކަމަކީ ދިވެހީންގެ ތެރޭގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމާ މެދު ކަމަށެވެ. އަދި ދިވެހިންގެ ތެރޭގައި އޮތް އެކުވެރިކަން ދަމަހައްޓަން މަސައްކަތްކުރަން ޖެހޭކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ބައިބައިވުން އުފެދޭ ކަންކަމާއި ހަމަޖެހުން ގެއްލިދާ ފަދަ ކަންކަމާ ރުޅިވެރިކަން އުފެދޭ ކަންކަމާ ދުރުހެލިވާންޖެހޭ ކަމަށް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ގައުމު ބިނާކުރެވެން އޮތީ އަޅުގަނޑުމެން އެކުގައި ކުރެވޭ މަސައްކަތުން. އަޅުގަނޑުމެން ވަކިވަކި ވެގެން އަޅުގަނޑުމެންނަށް ހޯދޭނެ ކާމިޔާބެއް ނޯންނާނެ،" ނައިބު ރައީސް ވިދާޅުވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިންނަކީ އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ތިބޭ އެކުވެރިބައެއްކަމަށާއި ދިވެހިންނަށް ލިބޭ ކާމިޔާބީގެ ނަތީޖާއަކީ ވެސް އެއީކަމުގައި ފާހަގަ ކުރެއްވި އެވެ. އަމީނިއްޔާ ސްކޫލުން އިންތިޒާމުކުރި ޕެރޭޑުގައި އެ ސްކޫލުގެ ސްޓާފުންނާއި މިހާރުގެ ދަރިވަރުންނާއި އިހުގެ ދަރިވަރުންނާ އެކު ދެހާހެއްހާ ފަރާތުން ވަނީ ބައިވެރިވެފަ އެވެ. އެ ޕެރޭޑުގެ މަގްސަދަކީ އަމީނިއްޔާ ސްކޫލުގެ އަލިމަސް ޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމާއި އަމީނިއްޔާ ސްކޫލަށް ނިސްބަތްވާ ހުރިހާ ފަރާތްތަކުގެ މެދުގައި ގުޅުންބަދަހިކޮށް އެކުވެރިކަން އާލާކުރުމެވެ. ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަޙައްދަށް ޕެރޭޑް ނިންމުމަށް ފަހު ސެންޓްރަލްޕާކްގައި ވެސް އަމީނިއްޔާ ސްކޫލުން ވަނީ ހަރަކާތްތަކެއް ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ