ގާސިމް މަރާލައިގެން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ޒުވާނެއް

ތޫނު އެއްޗަކުން ހަމަލާދީ، ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލީ އުމުރުން 21 އަހަރުގެ ޒުވާނެއްކަން އާންމުވެއްޖެ އެވެ.
ރަހުމްކުޑަ ހަމަލާތަކެއްގައި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވާ ގާސިމް ފެނިފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 9:00 އެހާކަންހާއިރު ހުޅުމާލެ ރީތިގަސްމަގުގައި އޮއްވައެވެ. ގާސިމް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއްނުވެ ވަނީ މަރުވެފަ އެވެ.
އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާއިރު، ރޭ ސޯޝަލް މީޑިއާގައި އާންމުވި ކޯޓު އަމުރުން އެނގޭ ގޮތުން އޭނާއަކީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު އެވެ. އޭނާ ވަނީ ގާސިމް މަރާލި ކަމަށް އެއްބަސްވެފަ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ގާސިމަށް ހަަމަލާދިން ހަތިޔާރު ހޯދާފައިވާ ކަމަށާއި އޭގެން ގާތިލުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ފެނިފައިވާ ކަމަށެވެ. އަދި ގާސިމަށް ހަމަލާދިން ކަމަށް ބެލެވޭ ތަކެތި ހޯދާފައިވަނީ ގާސިމް ވެއްޓިފައި އޮއްވާ ފެނުނު ސަރަހައްދާ 300 ފޫޓު ދުރުން ވިނަގަނޑެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ